ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ ގޮތުން ލުއިތަކެއް ހޯދައިދިނުމުގެ މަގުސަދުގައި، އެފަދަ ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިން ގެންނައިރު ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ސަރުކާރުން މި ބަދަލު ގެނެސްފައިވަނީ "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް" ގެނައި އިސްލާހެއްގެ ދަށުންނެވެ. މި އިސްލާހުގައިވާ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން ރާއްޖެއަށް އެތެރެކުރުމަށް އެދި ހުށަހަޅާފައިވާ ބިދޭސީންގެ ޖުމްލަ އަދަދު 20 އަށްވުރެ މަދުނަމަ، އެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކާކަށް ނުޖެހޭނެއެވެ.

ނަމަވެސް، މި އިސްތިސްނާ ދިނުމުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، މި ލުއި ދެވޭ ކުންފުންޏާ ގުޅުންހުރި ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ހިމެނިގެން އުފައްދާފައިވާ އެހެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މި މާއްދާގެ ދަށުން ދެވޭ އިސްތިސްނާ އެއް ނުލިބޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މިއީ އެއް ފަރާތަކުން ގިނަ ކުންފުނިތަކެއް އުފައްދައިގެން ނަހަމަ ގޮތުގައި މި ފުރުސަތުގެ ބޭނުން ހިފުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކުން ގެންގުޅޭ ބިދޭސީންގެ އަދަދު 20 އަށްވުރެ އިތުރުވާ ހާލަތްތަކުގައި، 20 އަށްވުރެ އިތުރުވާ ކޮންމެ ކޯޓާއަކަށް ކަނޑައެޅިފައިވާ ކޯޓާ ފީ ދައްކަން ޖެހޭނެ ކަމަށްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާޙު ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން، މި އިސްލާޙަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދިޔަ ފީ ދެއްކުން ހުއްޓާލާން ޖެހެއެވެ.
އަލަށް ގެނެވުނު އިސްލާހުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި، ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަރކް ޕަރމިޓް ފީ ނުދައްކާ ފަރާތްތަކުން، ފީ ނުދެއްކޭ ސަބަބުން ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ފީގެ މުއްދަތު ހަމަވުމުގެ ކުރިން ހުށައެޅުމުން، ޙާލަތްތަކަށް ރިޢާޔަތްކޮށް، ފީ ދެއްކުމަށް އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިދޭގޮތަށްވަނީ ކަނޑައަޅާފަ އެވެ.
ރާއްޖޭގައި އާންމުކޮށް އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ވިޔަފާރިތަކަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީގެ ގޮތުގައި އަހަރަކު 2,000 ރުފިޔާ ދައްކަންޖެހެއެވެ. މި ފައިސާ ދައްކަންޖެހެނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅާ ތަނަކަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެނައި މި ބަދަލަކީ ރާއްޖޭގެ އިގްތިސާދުގެ ބިންގާ ކަމުގައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށާއި، އެ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ކުދި ވިޔަފާރިވެރުިން ދެކެއެވެ.
ރައީސް ވިޔަފާރިވެރިންނާއެކު 3 ގަޑިއިރު ހޭދަކުރައްވައިފި؛ ވިޔަފާރި ކުރިއެރުވުމަކީ ސަރުކާރުގެ ސިޔާސަތު






