ވައުދުތައް ފުއްދަމުން ގައުމު ހަމަމަގަށް އަޅުވާނެ މޭސްތިރިއަކީ ރައީސް މުއިއްޒުކަން ސާބިތުކޮށްދެއްވައިފި

ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އެއްކޮށް ދައްކައި ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ސަރުކާރުން މިއަދު ޚަލާސްކޮށްފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖެއިން ހާސިލްކުރި އެންމެ މުހިންމު އިގްތިސާދީ މާލީ ކާމިޔާބީ އެވެ. މި ކާމިޔާބީގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ އެޖެންޑާއަށް އޮތް އިތުބާރު ވަނީ ބޮޑުވެގެން ގޮސްފައެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން ނެރުނު ބަޔާނެއްގައި ކަށަވަރުކޮށްދީފައިވާ ގޮތުގައި، ސަރުކާރުން ވަނީ ސުކޫކުގެ އަސްލު ފައިސާގެ އިތުރުން 24.68 މިލިއަން ޑޮލަރުގެ ކޫޕަން ޕޭމަންޓް، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ބޭރު ފައިސާގެ އެހެނިހެން ރިޒާވްތައް ބޭނުންކޮށްގެން ދައްކާފައެވެ.

މި ފައިސާ ދައްކާފައިވަނީ ބޭރުގެ އެކި ގޮންޖެހުންތަކާ ގުޅިގެން އިޤްތިޞާދު ހަމަޖެއްސުމަށްޓަކައި، ފިސްކަލް ސިޔާސަތުތައް ހަރުދަނާކޮށް، ރިޒާވް މެނޭޖްކުރުމާއި އިޞްލާޙީ ފިޔަވަޅުތައް އެޅުމަށް މަސްތަކެއް ވަންދެން ކުރި މަސައްކަތަށް ފަހުގައެވެ.

މި ދުވަސްވަރަކީ، ދުނިޔޭގެ ހަކަތައިގެ އަގުތަކާއި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ކުދި އިޤްތިޞާދުތަކަށް ފިއްތުންތައް ކުރިމަތިވަމުންދާ ދަނޑިވަޅެކެވެ. އެހެންނަމަވެސް، ސަރުކާރުގެ މާލީ ސްޓްރެޓެޖީ ބައްޓަންކޮށްފައިވަނީ ޤައުމުގެ އެންމެ ނާޒުކު ފަރާތްތައް ހިމާޔަތްކޮށް، ދިގު މުއްދަތުގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ކަމަށް ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ބުނަމުން ގޮސްފައި ވެއެވެ.

ސުކޫކު ދައްކާ ނިމުމާއެކު ދަރަނީގެ އިންޑިކޭޓަރުތައް ރަނގަޅުވެފައިވާ ކަމަށާއި، ރީފައިނޭންސް ކުރުމުގެ އިތުރު ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

އަދި ޒިންމާދާރުކަމާއެކު ދަރަނި ނެގުމަށާއި، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ގައުމީ އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެ މަތިން ފައިނޭންސިންގް ހޯދުމަށް ސަރުކާރުން ދެމިއޮންނާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެގޮތުން ދާދިފަހުން ބައިލެޓަރަލް ބޮންޑެއް ކާމިޔާބުކަމާއެކު ރޯލްއޯވަރ ކޮށްފައިވާ ކަމަށާއި، އަދި ރާއްޖޭގެ ރީފައިނޭންސިންގް ރިސްކުތައް މެނޭޖްކުރުމަށް ބައިނަލްއަޤްވާމީ ބައިވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާ ކަމުގެ ޔަގީންކަންވެސް ސރުކާރުން ދެއެވެ.

ހިނގަމުން މިދާ 2026 ވަނަ އަހަރު ޖީ.ޑީ.ޕީ ކުރިއަރާނެ މިންވަރު ހުރީ 5.3 އިންސައްތައިގައެވެ.އެއީ، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ފުޅާކުރުމާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އަޕްގްރޭޑް ކުރުން ފަދަ އުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކާއެކު، ލިބިގން ގޮސްފައިވާ ކާމިޔާބީއެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާ އިއާދަވަމުންދާކަން ހާމަ ވެގެން ދެއެވެ. އެ ގޮތުން، ދައުލަތަށް ލިބޭ އާމްދަނީ ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.

ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް، ދިވެހި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށާއި މެކްރޯ އިކޮނޮމިކް ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ދަނީ އާ ފިސްކަލް ފިޔަވަޅުތަކެއް ތައްޔާރުކުރަމުންނެވެ. މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގް އިން ބުނީ ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތައް ގާތުން ބަލަމުންދާނެ ކަމަށާއި، ރާއްޖެ އޮތީ އިޤްތިޞާދީ ކުރިއެރުމާއި އިއާދަވުމުގެ ސާބިތު މަގަކަށް މިސްރާބު ޖަހާފައި ކަމަށެވެ.

މިއަދު ކާމިޔާބުކަމާއެކު ސުކޫކު ދައްކާ ނިންމުމަކީ، ޤައުމީ އިލްތިޒާމްތަކަށް ދިވެހި ދައުލަތުން އިޙްތިރާމްކުރާ ކަމަށާއި އދި އެއީ ޤައުމުގެ މާލީ ބިންގާ ވަރުގަދަކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ސާފު ހެއްކެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައި ގަންނަ ކަމަށްވެސް ބުނެފައި ވެއެވެ. މީގެ އިތުރުން، ދުނިޔެއަށް ކުރިމަތިވާ ލޮޅުންތަކާއެކުވެސް، އިތުބާރާއި ސްޓްރެޓެޖިކް ރޭވުންތެރިކަމާއެކު ދިވެހިރާއްޖެއަށް ސާބިތުކަމާއެކު ކުރިއަށްދެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދެއްވާ މެސެޖަށް މިކަމުގެ ސަބަބުން އިތުރު ބާރެއް ލިބިގެންދެއެވެ.

ހިއްސާ ކުރައްވާ!