ސަރަޙައްދީ ހަމަނުޖެހުންތައް ކޮންޓްރޯލުކޮށް، ސޮލީބީ ސަހުޔޫނީ ހަނގުރާމަ ހުއްޓުވުމަށްޓަކައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެޤައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވެއްޖެއެވެ. ސަރަޙައްދީ މަސްރަޙާ ގުޅޭގޮތުން ބޭއްވުނު މަތީ ފަންތީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ވިދާޅުވީ، ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން ޕާކިސްތާނަށް އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
ބޮޑުވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޕާކިސްތާނުގެ ޑެޕިއުޓީ ބޮޑުވަޒީރު ގެންދަވަނީ ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ.
"އަޅުގަނޑުމެން މިދަނީ ސަރަޙައްދުގައި ރޯވެފައިވާ ހަނގުރާމައިގެ އަލިފާންގަނޑު މައިތިރިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން،" ޝެހްބާޒް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ހުރުމުޒު ކަނޑުއޮޅީގައި ތާށިވެފައި އޮތް ޕާކިސްތާނުގެ ދެ އުޅަނދެއް، އިސްހާގް ދާރާއި ފީލްޑް މާޝަލް އާސިމް މުނީރުގެ މަސައްކަތުން އެ ސަރަޙައްދުން ސަލާމަތްކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިޤްތިޞާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ބޮޑުވަޒީރު ވިދާޅުވީ، ފާއިތުވި ތިން ހަފްތާގެ ތެރޭގައި ޕަބްލިކް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮގްރާމް އިން 100 ބިލިއަން ރުޕީސް އުނިކޮށްފައިވާ ކަމަށެވެ. އަދި ތެލުގެ ޚަރަދު ކުޑަކުރުމަށްޓަކައި ޕާލަމަންޓް މެންބަރުންވެސް ޚަރަދު ކުދަ ކުރުމަށް އެއްބާރުލުން ދެއްވަމުންދާ ކަމަށް ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު އިތުރަށް ވިދާޅުވީ، މި ދަނޑިވަޅަކީ އާންމު ރައްޔިތުންނަށް ކުރިމަތިވާ އިޤްތިޞާދީ ތަކުލީފުތައް ކުޑަކުރުމަށްޓަކައި މުއްސަނދިންނާއި މަތީ ފަންތީގެ ބޭފުޅުން ގުރުބާނީތަކެއް ވާންޖެހޭ ވަގުތެއް ކަމަށެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާއަށް އިސްކަންދީގެން ކުރިއަށްދިއުމަކީ މުސްތަޤުބަލުގައި ފައިދާކުރާނެ ކަމެއް ކަމަށާއި، ޤައުމުގައި ސިޔާސީ ހަމަޖެހުން އޮވެގެން ނޫނީ އިޤްތިޞާދީ ހަމަޖެހުން ނާންނާނެ ކަމަށްވެސް ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވިއެވެ.




