އިޒްރޭލާއި އެމެރިކާއިން އީރާނާއެކު ކުރާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ގޮވާލައްވައިފި

އެމެރިކާއާއި އިޒްރޭލުން އީރާނާއެކު ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބާރުއަޅުއްވައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ގޮވާލައްވާފައެވެ. މި ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ގުޓަރޭޒް ވިދާޅުވީ "މި ހަނގުރާމައިގެ ސަބަބުން އިންސާނީ ބޮޑެތި ތކުލީފުތައް ތަހައްމަލުތަކެއް ކުރަންޖެހި، އިގްތިސާދީ ގޮތުން ގައުމުތަކަށް ނޭދެވޭ ބޮޑެތި އަސަރުތަކެއް ކުރަމުންދާ" ކަމަށެވެ. އަދި މިހާރު މިއީ އެމެރިކާއާއި އިޒްރޭލުން ހަނގުރާމަ ހުއްޓާލަންވީ ވަގުތު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުޅި ސަރަހައްދަށް ފެތުރިގެންދާ ފަދަ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި މެދުއިރުމަތި މިހާރު އޮތް ކަމުގެ އިންޒާރު ސެކްރެޓަރީ ޖެނެރަލް ދެއްވިއެވެ. ހަމައެއާއެކު، އީރާނުންވެސް އެގައުމުގެ އަވަށްޓެރި ގައުމުތަކަށް ދެމުންދާ ހަމަލާތައް ހުއްޓާލަންޖެހޭނެ ކަމަށް ގުޓަރޭޒް ވިދާޅުވިއެވެ.

ޢަރަބި މީޑިއާއިން ރިޕޯޓްކުރާ ގޮތުގައި، މެދުއިރުމަތީގެ މަސްލަހަތު ހަމަޖެއްސުމަށްޓަކައި ކުރެވޭ ހާއްސަ ސިޔާސީ މަސައްކަތްތަކުގެ ދަށުން، އދ. ގެ ހާއްސަ މަންދޫބަކު އެ ސަރަހައްދަށް ފޮނުވުމަށްވެސް ސެކްރެޓަރީ ޖެނެރަލް ވަނީ ނިންމަވާފައެވެ.

ހިއްސާ ކުރައްވާ!