އިންޑިއާ: ފެން އެކުލެވޭ ޕެޓްރޯލް އެޅުމުގެ ސަބަބުން 10 އުޅަނދެއް ހަލާކުވެއްޖެ

މެދުއިރުމަތީގެ ސޮލީބީ ސަހުޔޫނީ ހަނގުރާމައާ ގުޅިގެން ތެލުގެ ސަޕްލައި ކަށަވަރުކުރުމަށް އިންޑިއާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ގްރޭޓަރ ނޮއިޑާގައި ހުރި ޕެޓްރޯލް ސްޓޭޝަނަކުން ފެން އެއްކޮށްފައިވާ ޕެޓްރޯލް އުޅަނދުތަކަށް އެޅުމުގެ ސަބަބުން، 10 އުޅަނދަކަށް ގެއްލުން ލިބިއްޖެއެވެ. މިކަން ހިނގާފައި ވަނީ ހޮނިހިރު ދުވަހުއެވެ.

ކަސްޓަމަރުން ބުނި ގޮތުގައި ތެޔޮ އެޅިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އުޅަނދުތައް ދުއްވަމުން ދަނިކޮށް ވަނީ ހުއްޓިފައެވެ. "ސައިކަލަށް ޕެޓްރޯލް އެޅިތަނާ އިރުކޮޅަކުން މަގުމަތިން ހުއްޓުނީ." ކަސްޓަމަރަކު ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ކުރި ތަހުގީގުން އެނގުނު ގޮތުގައި، ތެޔޮ ޓޭންކަރެއް ފަހަތަށް ޖައްސަނިކޮށް ހަލާކުވެފައި ހުރި ހޮޅިތަކެއްގެ ތެރެއަށް ވާރޭފެން ވަދެ، ގާތްގަނޑަކަށް 12،000 ލީޓަރުގެ ޕެޓްރޯލް ވަނީ ތަޣައްޔަރުވެފައެވެ. "ވާރޭ ވެހުމުގެ ސަބަބުން ހޮޅިތައް މަރާމާތުކުރުން އޮތީ ލަސްވެފައި،" ކަމާ ބެހޭ ފަރާތުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ޕަމްޕް ސަރަހައްދުގައި ހަމަނުޖެހުން ހިންގުމުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. މިކަމުގެ އަސަރު 4 ކާރަކަށާއި 6 ސައިކަލަކަށް ކޮށްފައި ވެއެވެ. އޭގެ ތެރެއިން ބައެއް އުޅަނދުތައް ޕަމްޕުގެ މެނޭޖްމަންޓުން ގެނައި މެކޭނިކުން ވަނީ މަރާމާތުކޮށްދީފައެވެ. ޕަމްޕުގެ މެނޭޖަރު ވަނީ ގެއްލުންވި ކަސްޓަމަރުންނަށް ބަދަލުދިނުމަށް އެއްބަސްވެފައެވެ. އަދި ޑިސްޓްރިކްޓް ސަޕްލައި ޑިޕާޓްމަންޓުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!