ޕާކިސްތާނުން އަފްޣާނިސްތާނަށް ދޭ ހަމަލާތަކަކީ ސައުދީއަށް އެހީތެރިކަން ނުދިނުމަށް ކުރާ ކަމެއް ކަމަށް ބުނަނީ

ޕާކިސްތާނުން އަފްޣާނިސްތާނަށް ދެމުންދާ ވައިގެ ހަމަލާތަކަކީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަނެއްގެ ބަދަލުގައި، އެހެން ކަންކަމުން ސަމާލުކަން އަނބުރާލުމަށް ހިންގާ އިސްތިރާތީޖީ އަމަލެއް ކަމަށް އެފްޣާން ޑަޔަސްޕޯރާ ނެޓްވޯކްގެ ރިޕޯޓަކުން ހާމަކޮށްފިއެވެ. މި ހަމަލާތަކުގެ ތެރޭގައި ކާބުލްގެ ޑްރަގް ރިހެބިލިޓޭޝަން ހޮސްޕިޓަލަކަށް ދިން ނުރައްކާތެރި ހަމަލާއެއްގައި ސަތޭކައަށްވުރެ ގިނަ އާންމުން މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން، އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިން ޕާކިސްތާނުން އަސްކަރީ ހަރަކާތްތައް ވަރުގަދަކޮށްފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ސްޓްރެޓީޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓްގެ ދަށުން ސައުދީ އަރަބިއްޔާއަށް އަސްކަރީ ގޮތުން އެހީތެރިވުމަށް އޮތް މަސްއޫލިއްޔަތުން ރެކުމަށް އިސްލާމްއާބާދުން ކުރާ ކަމެއް ކަމަށް މަތުހުމަތު ކުރެވެއެވެ.

އީރާނުން ދެމުންދާ މިސައިލް އަދި ޑްރޯން ހަމަލާތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ ދިފާއީ އެއްބަސްވުމުގެ ދަށުން ޕާކިސްތާނުގެ އަސްކަރީ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް، ޕާކިސްތާނުން ސިފައިން ފޮނުވުމުގެ ބަދަލުގައި ހުށަހެޅީ މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށެވެ. މިކަމުގެ ސަބަބުން ރިޔާޟްގެ އޮފިޝަލުންގެ މެދުގައި ބޮޑެތި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕާކިސްތާނުގެ ސިފައިން އަފްޣާނިސްތާނުގެ ހަނގުރާމަ ދަމަހައްޓަމުން ދަނީ ސައުދީއަށް އެހީތެރިކަން ފޯރުކޮށްދޭން ނުޖެހޭނެ ފަދަ އުޒުރެއް ދެއްކުމަށެވެ. ޕާކިސްތާނުން ބުނަމުންދަނީ އެ ގައުމުގެ ސިފައިން އަފްޣާން ބޯޑަރުގައި "މާ ބޮޑަށް ބިޒީ" ކަމަށެވެ. މިއީ ސައުދީ އަރަބިއްޔާއަކީ ޕާކިސްތާނަށް އެންމެ ބޮޑަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމަށް ވީނަމަވެސް، އެ ގައުމަށް އެހީތެރިވުމުން ރެކުމަށް ކުރާ ކަމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ.

ހިއްސާ ކުރައްވާ!