ދިހަ އަހަރު ކުރިން އެމެރިކާގެ އިސްތިއުމާރީ ސޮލީބީ ފައުޖުތައް ބަޣުދާދަށް ވަދެގަތް ވަގުތު، އިރާގުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ބުދު ބޮޑު މަރުތޭލައަކުން ވައްޓާލަން މަސައްކަތްކުރި ކާޒިމް ޖުއްބޫރީ، މިހާރު ބުނަނީ އެދުވަހު އެކަން ކުރެވުނީތީ ހިތާމަ ކުރާ ކަމަށެވެ.
އިނގިރޭސި ގާޑިއަން ނޫހުން ބަޣުދާދުން ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، ޖުއްބޫރީއަކީ 2003 ވަނަ އަހަރު ބަޣުދާދު އެމެރިކާގެ އިސްތިއުމާރުގެ ދަށަށް ވެއްޓުމުގެ އެންމެ މަޝްހޫރު އެއް ފޮޓޯ ކަމަށެވެ. އޭނާ މަރުތޭލައިން ބުދަށް ހަމަލާދޭ މަންޒަރު ފެންނަ ފޮޓޯތައް ދުނިޔޭގެ ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދިއެވެ.
![]()
ނަމަވެސް އެ ހާދިސާއަށް އަހަރުތަކެއް ފަހުން، އެ ރޭ އެ ކުރި ކަންތަކާއި، އެކަމުން ރަމްޒުކޮށްދިން ކަންކަމާ މެދު ޖުއްބޫރީ މިހާރު އަންނަނީ ނުހަނު ބޮޑަށް ހިތާމަކޮށް ދެރަވަމުންނެވެ.
އުމުރުން 52 އަހަރުގެ، ކުރީގެ ބަރު އުފުލާ ކުޅުންތެރިޔާ އަދި ސައިކަލު މަރާމާތުކުރާ ފިހާރައެއް ހިންގި ޖުއްބޫރީ ބުނަނީ:
"އަހަރެން ސައްދާމް ޙުސައިން ދެކެ ނަފުރަތު ކުރީމެވެ. ފަސް އަހަރު ވަންދެން އެ ބުދު ވައްޓާލުމުގެ ހުވަފެން ދުށީމެވެ. ނަމަވެސް އޭގެ ފަހުން ކަންތައް ވެގެންދިޔަ ގޮތުން ވަރަށް ބޮޑަށް މާޔޫސްވެއްޖެއެވެ." އޭނާ އިތުރަށް ބުންޏެވެ: "ކުރިން އަހަރެމެންގެ ތިބީ އެންމެ ޚުދުމުޚުތާރު ވެރިއެއްގެ ދަށުގައެވެ. މިހާރު އެތައް ސަތޭކަ އެފަދަ ބަޔަކު އެބަތިއްބެވެ. ރަނގަޅު ދިމާލަކަށް ހެޔޮ ގޮތަކަށް އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ."
މިއީ ސިޔާސީ މައްސަލަތަކާއި ކޮރަޕްޝަނުން ފުރިފައިވާ، އަދި ކޮންމެ ދުވަހަކު މީހުން މެރުން އާންމުވެފައިވާ އަމާންކަން ގެއްލިފައިވާ ގައުމެއްގެ ގިނަ ރައްޔިތުންގެ އިހުސާސްތަކެވެ.
ސައްދާމްގެ ވެރިކަމުގައި 10 އަހަރު ޖަލުގައި ހޭދަކުރަން ޖެހުނު ސަބަބާ ބެހޭގޮތުން ގާޑިއަންއިން ސުވާލުކުރުމުން އޭނާ ބުނީ އެއީ "ސިޔާސީ ކަމަކާ ގުޅުންހުރި" ކަމެއް ކަމަށެވެ. އޭނާ ޖަލަށްލީ 1986 ގައެވެ. އަދި މިނިވަންވީ 1996 ގައެވެ.
އެއީ ސައްދާމްގެ ދަރިފުޅު އުދައްޔުގެ ސައިކަލެއް މަރާމާތުކޮށްދިނުމުން އޭގެ އުޖޫރަ ނުދިނުމުން އެކަމާ ޝަކުވާކުރުމުން ޖަލަށްލީ ކަމަށް އޭނާ ބުނެއެވެ.
އެމެރިކާގެ ސޮލީބީ އިސްތިއުމާރަށް ދެ އަހަރުވީ ފަހުން، އޭނާ ކުރި ކަންތަކާ މެދު ހިތާމަކުރަން ފެށި ކަމަށާއި، އެ އިސްތިއުމާރަކީ އޭނާ ފަކުރުގަންނަ ކަމެއް ކަމަށް ޖުއްބޫރީ ބުނެއެވެ.
އޭގެ ފަހުން އޭނާގެ ވިސްނުމަކަށް ބަދަލެއް ނާދެއެވެ.
އެމެރިކާގެ އިސްތިއުމާރު ނިމި، އިރާގު މީހުންނާ ވެރިކަން ހަވާލުކުރުމުން ވެސް އޭނާއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި ސައްދާމްގެ ދުވަސްވަރު ގައުމުގައި ތިޔާގިކަމާއި އަމާންކަން އޮތެވެ. ކޮރަޕްޝަން އޮތެވެ. ނަމަވެސް، އެއީ މިއަދުގެ ކޮރަޕްޝަނާ އަޅާބަލާއިރު އެއްވެސް އެއްޗެއް ނޫނެވެ.
ކަރަންޓާއި ގޭސް ފަދަ އަސާސީ ހުރިހާ ޚިދުމަތްތަކެއް އޭރު އޮތީ ބޭނުންވާ ވަރަށް ވުރެ ވެސް އިތުރަށް ލިބިފައެވެ.
ސައްދާމްގެ ވެރިކަން ނިމުނުތާ ދެ އަހަރު ފަހުން ވެސް އެދެވޭ ބަދަލެއް ނުފެނުނު ތާނގައި، މީހުން މެރުމާއި، ފޭރުމާއި، މަޒުހަބީ ހަމަނުޖެހުންތައް ފެށި، މިއަދާ ހަމައަށް ވެސް އެކަން އަދިވެސް ނިމުމަކަށް ނާންނަ ކަމަށް ޖުއްބޫރީ ބުނެއެވެ.
އިރާގު ސުންނާފަތިވުމުގެ ޒިންމާ ޖުބޫރީ އަޅުވަނީ އިރާގުގެ ސިޔާސީ މީހުންނާއި އެމެރިކާ މީހުންގެ ބޮލުގައެވެ. އަދި މިހާރު ގައުމު ހިންގާ ސިޔާސީ ޕާޓީތައް ތިބިހާ ހިނދަކު، ކަންތައްތައް ދާނީ އިތުރަށް ގޯސްވަމުން ކަމަށް އޭނާ ގަބޫލުކުރެއެވެ.



