ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކަށް އަމާޒުކޮށް އީރާނުން އުފައްދާފައިވާ 'ޝާހިދު' މަރުކާގެ ޑްރޯން ހަމަލާތަކެއް ދިނުމާ ގުޅިގެން، ސަރަހައްދީ ސަލާމަތީ ގުޅުންތަކަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ސައުދީ އަރަބިއްޔާއާއެކު ޕާކިސްތާނުން ޒަމާނުއްސުރެ ބާއްވަމުން އައި އަސްކަރީ ގުޅުންތަކަށް ބެލުމެއްނެތި، ޑްރޯން ހަމަލާތަކުން ސަލާމަތްވުމަށް ޖީސީސީން އެންމެ ފުރަތަމަ އެހީތެރިކަމަށް އެދުނީ ޔޫކްރެއިންގެ ކިބައިންނެވެ.
އެއަށްފަހު މަދު ހަފުތާތަކެއްގެ ތެރޭގައި ޔޫކްރެއިން އިން ވަނީ ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީ އާއެކު 10 އަހަރު ދުވަހުގެ ދިފާއީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ދަށުން ޑްރޯން ހުއްޓުވާ އާލާތްތައް އެކްސްޕޯޓް ކުރުމާއި، ތަމްރީނުތައް ދިނުމުގެ އިތުރުން، ގަތަރުގައި ޑްރޯން އުފައްދާ ކާރުޚާނާތައް ޔުކްރެއިން ގާއިމުކުރުން ހިމެނެއެވެ. މާޗް މަހުގެ މެދުތެރެއާ ހަމައަށް ޔޫކްރެއިންގެ 228 މާހިރުން ގަލްފުގެ ފަސް ގައުމެއްގައި ހަރަކާތްތެރިވަމުންދިޔައެވެ. އެމީހުން ދަނީ ސެންސަރު ނެޓްވޯކްތަކާއި ކޮމާންޑް-އެންޑް-ކޮންޓްރޯލް ނިޒާމުތައް ގާއިމުކުރަމުންނެވެ.
ޔޫކްރެއިންގެ މި އަވަސް އަދި ފުޅާ ހަރަކާތްތަކުގެ ސަބަބުން އިސްލާމްއާބާދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. 2025 ވަނަ އަހަރުގެ ފަހުކޮޅު ޕާކިސްތާނުން ސައުދީއާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސްޓްރެޓީޖިކް ގުޅުން ވަރުގަދަ ކުރުމުގެ ނިޔަތުގައެވެ. ނަމަވެސް، އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތައް ސައުދީގެ ބިމަށް އަމާޒުވާން ފެށުމުން ޕާކިސްތާނުން ގެންގުޅުނީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެކެވެ. ޕާކިސްތާނުގެ އެއްވެސް އަސްކަރީ އެހީތެރިކަމެއް ނުވަތަ ޓެކްނޮލޮޖީއެއް ރިޔާޟަށް ފޯރުކޮށްދީފައިވާ ކަމުގެ ހެއްކެއް ފެންނާކަށް ނެތެވެ.
މީޑިއާ ފާހަގަކުރާ ގޮތުގައި، މިއީ ތާރީޚީ ގޮތުން ކަން ހިނގަމުން އައި ގޮތާ މުޅިން ތަފާތު ބަދަލެކެވެ. 1980 ގެ އަހަރުތަކުގައި ޕާކިސްތާނުގެ 40،000 އެއްހާ ސިފައިން ސައުދީގައި ތިބި ނަމަވެސް، މިއަދު ޖީސީސީން އިސްކަންދެނީ ޒަމާނީ ޑްރޯން ހަނގުރާމައިގައި ޔޫކްރެއިން ހޯދާފައިވާ ތަޖުރިބާއަށެވެ. "ގަލްފުގެ ސަލާމަތީ ވިސްނުން މިހާރު ބަދަލުވެއްޖެ: މިހާރު މުހިންމީ ޒަމާނުއްސުރެ އޮތް ގުޅުމަށްވުރެ ބޮޑަށް، އަމަލީ ގޮތުން ކަންކަން ކުރުމުގެ ގާބިލުކަމާއި ތައްޔާރީ ހާލަތެވެ،" އެނަލިސްޓުން ބުނެއެވެ.
މި ހާދިސާއަކީ ހުޅަނގަށް މިސްރާބު ޖަހައި ގަލްފުގެ ގައުމުތަކާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރަމުންދާ ޕާކިސްތާނަށް ލިބުނު ފުރުސަތެއް ގެއްލިގެން ދިޔުން ކަމަށް ބެލެވެއެވެ. އީރާނުގެ ޑްރޯން ހަރަކާތްތައް ކުރިއަށްދާ ވަރަކަށް، ޔޫކްރެއިންގެ ޓެކްނޮލޮޖީއަށް ޖީސީސީން ބަރޯސާވާ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ.




