ޗައިނާގެ އިގުތިސާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ކުރިން ބަލާ އެ ގައުމުގެ ޒުވާން އާބާދީއަށް، ވަޒީފާ ނެތުމާއި މާލީ ދަތިކަމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ. ޔޫރޭޝިއާ ރިވިއުއިން ހާމަކޮށްފައިވާ ގޮތުގައި، ޒުވާނުންގެ ގަތުމުގެ ބާރު ދަށްވުމާއި، ވަޒީފާ ނެތް މިންވަރު އިތުރުވުމުގެ ސަބަބުން މުޅި ގައުމުގެ އިގުތިސާދަށް ވަނީ އޭގެ ނޭދެވޭ އަސަރު ފޯރަން ފަށާފައެވެ.
ޗައިނާގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާންމު ވަޒީފާ ނެތް މިންވަރު ހުރީ 5 އިންސައްތައިގައެވެ. ނަމަވެސް، އުމުރުން 16 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތް މީހުންގެ އަދަދު އުޅެނީ އޭގެ ތިންގުނަ މަތީގައެވެ. ވޯލްޑް ބޭންކުން އަންދާޒާކުރާ ގޮތުގައި 2025 ވަނަ އަހަރު ޒުވާނުންގެ ވަޒީފާ ނެތް ނިސްބަތް 17.7 އިންސައްތައަށް އަރާނެއެވެ. މީގެ އިތުރުން، 2026 ވަނަ އަހަރު 12 މިލިއަނަށްވުރެ ގިނަ ކިޔަވައި ނިމޭ ދަރިވަރުން ވަޒީފާގެ ބާޒާރަށް ނުކުންނައިރު، ވާދަވެރިކަން ބޮޑުވެ، ޕީއެޗްޑީ ހާސިލްކޮށްފައިވާ މީހުން ކާބޯތަކެތި ޑެލިވަރީ ކުރުން ފަދަ މަސައްކަތްތަކަށް ނުކުންނަން ޖެހިފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކަތަކުން ހާމަވެއެވެ.
ޗައިނާގެ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސަރުކާރުން ވަނީ 2024 ވަނަ އަހަރުން ފެށިގެން އިލެކްޓްރޯނިކްސް އާއި އެހެނިހެން ސާމާނު ގަތުމަށް ބޮޑެތި ސަބްސިޑީތަކެއް ދޭން ފަށާފައެވެ. އެގޮތުން 2026 ވަނަ އަހަރު އެކަނިވެސް 62.5 ބިލިއަން ޔުއާން (ގާތްގަނޑަކަށް 9 ބިލިއަން ޑޮލަރު) ސަބްސިޑީގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. ނަމަވެސް މިއީ އިގުތިސާދު ކުރިއެރުވުމަށްވުރެ ބޮޑަށް، ސަރުކާރުގެ އެހީއާ ނުލައި އަސާސީ ތަކެތި ގަތުމުގެ ގާބިލްކަން ޒުވާނުންގެ ކިބައިގައި ނެތްކަން ހާމަކޮށްދޭ ކަމެއް ކަމަށް މުހައްލިލުން ބުނެއެވެ.
ޗައިނާގެ ރަސްމީ އިގްތިސާދީ ކުރިއެރުން 5 އިންސައްތައިގައި ހުރި ކަމަށް ބުނއެވެ. އެކަމަކު މިނިވަން އިގުތިސާދީ މާހިރުން ގަބޫލުކުރާ ގޮތުގައި ހަގީގީ ކުރިއެރުން އުޅެނީ 3 އާއި 4 އިންސައްތައާ ދެމެދުގައެވެ. ގެދޮރުގެ އަގުތައް ދަށްވުމާއި، މުސްތަގުބަލާ މެދު އޮތް ގިތް ނޭނގުމުގެ ބިރުވެރިކަމުގެ ސަބަބުން ޒުވާނުން ކައިވެނިކުރުމާއި، ގެދޮރު ގަތުމާއި، ދަރިން ހޯދުން ފަދަ މުހިންމު ކަންކަން ދަނީ ފަސްކުރަމުންނެވެ.
މި ދަނޑިވަޅުގައި ޒުވާނުންގެ މެދުގައި ނަފްސާނީ ގޮތުން ނުތަނަވަސްކަން އިތުރުވެ، ވާދަވެރި ދިރިއުޅުމުން ދުރުހެލިވުމުގެ ރޫހެއް ވަނީ އުފެދިފައެވެ. ކަމެއް ނެތި ތިބުން ނޫނީ ޗައިނާގައި އާންމު "ލައިންގް ފްލެޓް" ފަދަ ލަފްޒުތަކުން ރަމްޒުކޮށްދެނީ، ކިތަންމެ ބުރަކޮށް މަސައްކަތް ކުރިޔަސް ކުރިއެރުމެއް ނެތް ކަމަށް ގަބޫލުކުރާ ޒުވާނުންގެ މާޔޫސްކަމެވެ. މިއީ ޗައިނާގެ މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.





