އެމެރިކާއާއި އީރާނުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާއިރު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަޝްވަރާތައް އަދިވެސް އޮތީ ނޭގުމެއްގެ ތެރޭގައެވެ. އެމެރިކާއިން ވަނީ ހަމަލަތައް ހުއްޓާލުމަށް އެއްބަސްވި ނުކުތާތައް އޮޅުވާލާފައެވެ. އިސްރާއީލުން ދަނީ އެއްބަސްވުމަކަށް ނާދެވޭ ގޮތަށް މަޝްވަރާތައް ނާކާމިޔާބު ކުރުމަށް ހިފދާފައެވެ.
ޕާކިސްތާންގައި މިކަމުގައި އިސްކޮށް އުޅުއްވި އެ ގައުމުގެ އަސްކަރީ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު، ޑިޕްލޮމަސީގެ ނިވާފަތްގަނޑުގައި އަމިއްލަ އަދި ސިފައިންގެ މުއައްސަސާގެ ފައިދާއަށް ސިއްރު މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކޮށް ފައި ވެއެވެ. އިކޮނޮމިކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މުއާމަލާތްތަކުގެ ސަބަބުން ޕާކިސްތާނުގެ ޚާރިޖީ ސިޔާސަތަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.
އިކޮނޮމިކް ޓައިމްސްގެ ރިޕޯޓު ބިނާކޮށްފައިވާ މި ތުހުމަތުތަކުގެ މަރުކަޒަކީ ނިއުޔޯކްގައި ހުންނަ، ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ މިލްކިއްޔާތުގައިވާ ތާރީޚީ ރޫޒަވެލްޓް ހޮޓާ އަލުން ތަރައްގީކުރުމަށް އެމެރިކާއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެއްބަސްވުމެވެ. މިދިޔަ ފެބްރުއަރީ މަހު ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި މި އެއްބަސްވުމަކީ އާސިމް މުނީރުގެ ސީދާ ނުފޫޒުން ބައްޓަންކޮށްފައިވާ، ސިއްރުވެރި އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ދައުލަތުގެ ވިޔަފާރި ނިންމުންތަކުގައި އަމިއްލަ ނުފޫޒު ބޭނުންކުރުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މެދުވެރިއެއްގެ ގޮތުގައި ޕާކިސްތާނަށް އޮތް އިތުބާރު ކުޑަވެގެން ދާނެކަމަށް ބެލެވިދާނެ މިފިޔަވަޅުގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ޑްރާފްޓެއް ކަމަށް ބެލެވޭ ލިޔުން ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އޮޅުމަކުން އެކްސް (ކުރީގެ ޓްވިޓާ) ގައި ޝާއިއުކުރެއްވުމާ ގުޅިގެން އިތުރު ސުއާލުތައް ވަނީ އުފެދިފައެވެ.
ޝަރީފްގެ ޕޯސްޓުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، ނައިބު ރައީސް ޖޭޑީ ވެންސް އަދި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ޓެގްކޮށްފައިވެއެވެ.
މި ހާދިސާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ޕާކިސްތާނަށް ލިބުނު ވަރަށް ބޮޑު ލަދުވެތިކަމެއްގެ ގޮތުގައި ޕާކިސްތާން އިދިކޮޅު ފަރާތްތަކުން ސިފަކޮށްފައިވެއެވެ. ހަގީގަތުގައި އެ އެއްބަސްވުމުގެ ފަހަތުގައި އޮތީ ޕާކިސްތާނުގެ ބަދަލުގައި މިސްރު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން، ޔޫއޭއީން ޕާކިސްތާނަށް ދީފައިވާ 3 ބިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދެއްކުމަށް ބާރުއެޅުމަކީވެސް މި ދަނޑިވަޅުގައި ޕާކސިްތާނާމެދު ސުއާލު އުފދެދޭ ކަމެކެވެ. އެމިރޭޓްސްގައި ހުރި ޕާކިސްތާނުގެ ލީޑަރުންގެ މުދަލާ މެދުވެސް ވަނީ ސުވާލު އުފެދިފައެވެ. އަދި ސައުދީ އަރަބިއްޔާއާއެކު ދިފާއީ އެއްބަސްވުމެއް އޮތް ނަމަވެސް، އީރާނުން ދިން މިސައިލް ހަމަލާތަކާ ގުޅިގެން ސައުދީއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ފަސްޖެހިފައިވާކަން މީޑިއާގައި ފާހަގަ ކޮށްފައި ވެއެވެ.
ޕާކިސްތާނުން ބައިނަލްއަގުވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާކުރަން މަސައްކަތް ކުރި ނަމަވެސް، އެ ގައުމުގެ އެތެރޭގެ ނިންމުންތަކުގައި ހުރި ސިފައިންގެ ނުފޫޒާއި، ސިފައިންގެ މުއައްސަސާ ބައިވެރިވާ މާލީ މުއާމަލާތްތަކުގެ ސިއްރުވެރިކަމުގެ ސަބަބުން ކަންކަމުގެ އާޚިރު މަގްސަދުތަކާ މެދު ވަނީ ޝައްކު އުފެދިފައެވެ.






