ޕެނަމާއަށް ކުރިމަތިކުރި ފިއްތުންތަކާއެކު ލެޓިން އެމެރިކާގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި

ޕެނަމާއާ ދެކޮޅަށް ޗައިނާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ލެޓިން އެމެރިކާގެ ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށް "ދަ ހިލް" މަޖައްލާގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފިއެވެ. މި ނުތަނަވަސްކަން އުފެދެން މެދުވެރިވީ، ހޮންކޮންގުގެ ކުންފުންޏަކުން ހިންގަމުންދިޔަ ދެ ބަނދަރެއްގެ ކޮންޓްރޯލް ޕެނަމާގެ ކޯޓު އަމުރަކުން ނެގުމާ ގުޅިގެން، ޕެނަމާގެ ދިދަ ޖަހާފައިވާ އުޅަނދުތައް ބަލައި ފާސްކުރުމާއި ހިފެހެއްޓުން ޗައިނާއިން އިތުރުކުރުމާ ގުޅިގެންނެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އާއި އެމެރިކާގެ އިސް އޮފިޝަލުން ވަނީ ޗައިނާގެ މި އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރޫބިއޯ ސިފަކުރެއްވި ގޮތުގައި ޗައިނާގެ މި އަމަލުތަކަކީ "ދުނިޔޭގެ ވިޔަފާރި ނުރައްކަލުގެ ތެރެއަށް ވައްޓާލާ" ފަދަ އަމަލުތަކެކެވެ. މީގެ އިތުރުން މެކްސިކޯއިން ޓެރިފްތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ޗައިނާއިން އިންޒާރު ދީފައިވާކަން ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ލެޓިން އެމެރިކާގެ އެހެން ގައުމުތަކަށް ވެސް ޗައިނާގެ ގުޅުމށް މި ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން އިކުއެޑޯގައި އޮތް "ދަރަނީގެ މައްސަލަ" އާއި، ޕެރޫގެ މައިނިންގް އަދި ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ކުރިމަތިކުރާ ފިއްތުންތަކުގެ އިތުރުން ގުއަޓެމާލާއާ މެދު ގެންގުޅޭ ވިޔަފާރި އުސޫލުތައް ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ސަރަހައްދުގެ ގިނަ ގައުމުތަކަކުން މިހާރު ދަނީ ޗައިނާއާއެކު އޮތް ގުޅުންތައް އަލުން މުރާޖައާ ކުރަމުންނެވެ. ބޮލީވިއާއިން ޗައިނާގެ މައިނިންގް މަސައްކަތްތައް ބެލެހެއްޓުން ހަރުކަށިކޮށްފައިވާއިރު، ޗިލީއިން ވަނީ ސަބްމެރިން ކޭބަލް މަޝްރޫއެއް މެދުކަނޑާލާފައެވެ. އަދި ހޮންޑިއުރަސްއިން ތައިވާނާއެކު އޮތް ގުޅުން އާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، އަސްކަރީ ދާއިރާއިން ވެސް ބޮޑެތި ބަދަލުތަކެއް ފެންނަން ފަށާފައިވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން އާޖެންޓީނާ އާއި ޕެރޫއިން ޗައިނާގެ ފައިޓާ ޖެޓްތަކުގެ ބަދަލުގައި އެމެރިކާގެ އުފެއްދުންތައް އިޚްތިޔާރުކުރުމަކީ ބެއިޖިންގްގެ ނުފޫޒުން އެ ސަރަހައްދު ދުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ލިޔުންތެރިޔާ ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!