އެމެރިކާ، އިސްރާއީލް އަދި އީރާނުގެ މެދުގައި ހިނގަމުންދާސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް އީރާނުން ކުރިއަށްގެންދާ މައުލޫމާތުގެ ހަނގުރާމަ އެ ގައުމުން ކާމިޔާބު ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އީރާނުން ދަނީ މީމްތަކާއި، ވީޑިއޯތަކާއި، އަދި އިންތިޒާމުވެގެން އޮންލައިންކޮށް ފޮނުވާ މެސެޖުތަކުގެ އެހީގައި ދުނިޔޭގެ މީހުން އީރާނާ މެދު ދެކޭ ގޮތް ބަދަލުކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ހަނގުރާމައިގެ ތެރޭގައި އީރާނުން ބޭނުންކުރާ އުކުޅުތަކުގެ ސަބަބުން، އީރާނަކީ ސާބިތުކަމާއެކު އޮތް ކެރޭ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ދަނީ ދައްކައި ދެމުންނެވެ. އީރާނުގެ އެމްބަސީތަކާއި ސަރުކާރަށް ތާއީދުކުރާ އެކައުންޓުތަކުން ދަނީ އޭއައި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އެނިމޭޝަންތަކާއި، ސިޔާސީ ކާޓޫނުތަކުގެ އިތުރުން ޓްރަމްޕަށް މަލާމާތްކޮށް ގިނަ އަދަދެއްގެ ކޮންޓެންޓް އުފައްދަމުންނެވެ. އަދި އެކޮންޓެންތް ވަނީ އެމރިކާ މީހުން ގާތު މަގްބޫލު އެއްޗަކަށް ވެފައެވެ. އޭގެ އިތުރުން އީރާންގެ ވިސްނުން ތަހުލީލު ކުރަން ބޭނުންވާ މީހުންވެސް ދަނީ މި ތަކެތި ބަލައި އެއިން މާނަތައް ނަގަމުންނެވެ.
އީރާނުގައި ފެބްރުއަރީ 28 އިން ފެށިގެން އިންޓަނެޓް ކަނޑާލާފައި އޮތް ނަމަވެސް، މި މެސެޖުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ބައިނަލްއަގުވާމީ މުޖުތަމައަށެވެ.
މީގެ އިތުރުން، ސަރުކާރަށް ތާއީދު ކުރާ ބޮޑެތި އެއްވުންތަކާއި، ގައުމުގެ ލީޑަރުން އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން އީރާނުން ގެންދަނީ އެއްބައިވަންތަކަމާއި ގައުމުގެ ހަމަޖެހުން ދައްކުވައިދެމުންނެވެ. އެނަލިސްޓުން ދެކެނީ މިއީ އެމެރިކާ ގެ މުޖުތަމައު ޓްރަމްޕްގެ އުދުވާނީ ސިޔާސަތާ ހެދި ބައިަބއި ވެފައިވާއިރު އީރާނުން އެއްބަިއވަންތަކަން ދައްކައިދީ ރައްޔިތުންގެ އަޒުމު ގަދަކޮށް، ކަންކަން ހަމަޔަކަށް އެޅިފައިވާކަން ދައްކައި ދިނުމަށް ކުރާ ކަމެކެވެ.
ސަގާފީ ގޮތުންވެސް އީރާނުން ދަނީ މި ކެމްޕޭން ވަރުގަދަ ކުރަމުންނެވެ. އެގޮތުން ނުރައްކާ އޮތް ސަރަހައްދުތަކުގައި މިއުޒީޝަނުން ހުނަރު ދެއްކުމާއި، ސަރުކާރަށް ތާއީދުކުރާ ވީޑިއޯތަކުގައި ކުޑަކުދިން ބޭނުންކުރުން ހިމެނެއެވެ. މި މަންޒަރުތަކުގެ އެހީގައި އީރާނުން ދަނީ އެއްބައިވަންތަކަމާއި ނުގުޑާ ފަދަ އަޒުމެއް އޮތްކަމުގެ ވާހަކައެއް ބިނާކުރަމުންނެވެ.
ހުޅަނގުގެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުގެ އެކައުންޓުތަކުން ދަނީ އެ ގައުމުގެ ފަތުރުވެރިކަމާއި އިންފްރާސްޓްރަކްޗާ ޕްރޮމޯޓް ކުރަމުންނެވެ. ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އީރާނުގެ ޑިޖިޓަލް ނުފޫޒު ފަތުރާ ނެޓްވޯކްތަކަކީ ކުރިން ހީކުރި ވަރަށް ވުރެން މާބޮޑަށް ތަރައްގީވެފައިވާ، އަދި ވަރަށް އަވަހަށް މުހިންމު މީޑިއާ ބޭނުން ކޮށްގެން މެސެޖު ފެތުރުމުގެ ގާބިލުކަން ލިބިފައިވާ ނެޓްވޯކްތަކެކެވެ.
މި ކެމްޕޭނަކީ ކާމިޔާބު ކެމްޕޭނެއްގެ ގޮތުގައި ބަލައި ދުނިޔޭގެ މީހުންގެ ތައުރީފް ލިބެމުން ދެއެވެ. އަދި ހަނގުރާމައިގެ މައިދާނުން ލިބޭ މައުލޫމާތަށްވުރެ ހަލުވިކަމާއެކު މި މެސެޖުތަކުން މައުލޫމާތު ފެތުރި، ދުނިޔޭގެ މީހުން ދެކޭގޮތް ބަދަލުކުރުމުގެ ބާރު މި ސެޖުތަކުގައި ހުރެއެވެ.





