ޗައިނާގައި ބާއްވާ އެންމެ ބޮޑު ވިޔަފާރި މައުރަޒު ކަމަށްވާ ކެންޓަން ފެއާ ފަށާފައިވާއިރު، އީރާނުގެ ހަނގުރާމައާއި ދުނިޔޭގެ ކަނޑުދަތުރުފަތުރަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން މުދާ އެކްސްޕޯޓްކުރާ ފަރާތްތަކުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ. މި ހަނގުރާމައިގެ ސަބަބުން މުދާ އުފުލުމުގެ އަގުތައް އުފުލި، މުދާ ފޮނުވުން ލަސްވެ، މުހިންމު މާކެޓްތަކުގެ މުދާ ގަންނަ ފަރާތްތަކަށް ނުތަނަވަސްކަން ކުރިމަތިވެފައިވާ ކަމަށް އެ ފެއާގައި ބައިވެރިވާ ކުންފުނިތަކުން ބުނެއެވެ.
ޔޫރަޕާއި އެމެރިކާގެ ކަސްޓަމަރުން ސަޕްލައި ޗެއިންތަކަށް އަންނަ ބަދަލުތަކަށް ބަލައި، ދަތުރުފަތުރުގެ މަގުތަކާ މެދު ސާފު މައުލޫމާތެއް ލިބެންދެން މަޑުކުރަމުންދާތީ، އޯޑަރުތައް ލިބޭ މިންވަރު ދަށްވެފައިވާ ކަމަށް އެކްސްޕޯޓަރުން ރިޕޯޓްކޮށްފައިވެއެވެ. އަދި މި ނާމާން ހށލތު ދިގުލައިގެން ގޮސްފިނަމަ، ޗައިނާގެ އުފެއްދުންތެރިކަމުގެ ދާއިރާ އިއާދަވުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް ކުންފުނިތަކުން ވަނީ ދީފައެވެ.
އިގްތިސާދީ މާހިރުން ވިދާޅުވާ ގޮތުގައި، މި ހަނގުރާމަ ކުރިއަށްދާ ނަމަ ޗައިނާގެ އިގްތިސާދަށް ކުރިމަތިވެދާނެ ބޮޑެތި ނުރައްކާތައް މި ފެއާއިން ދަނީ ފެންނަމުންނެވެ. ދަތުރުފަތުރުގެ ކަރަދު ބޮޑުވުމާއި، މުދާ ގަންނަ ފަރާތްތަކުގެ އިތުބާރު ކުޑަވުމާއި، އަދި ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ސަބަބުން ކުރިއަށް އޮތް މަސްތަކުގައި އެކްސްޕޯޓް ކުރިއެރުމަށް ހުރަސްތަކެއް އެޅޭނެއެވެ.
ކެންޓަން ފެއާއަކީ ދުނިޔޭގެ ވިޔަފާރީގެ ހާލަތު ދެނެގަތުމަށް ބޭނުންކުރާ މުހިންމު މިންގަނޑަކަށް ވާއިރު، ފެއާގެ ކުރީކޮޅު ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުންތައް ދެމިއޮވެއްޖެނަމަ، ޗައިނާގެ އެކްސްޕޯޓަރުންނަށް ކުރިއަށް އޮތީ ގޮންޖެހުންތަކުން ފުރިގެންވާ ދުވަސްތަކެކެވެ.


