ރާއްޖޭގެ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ޤައުމަށް ނުހަނު ބޭނުންތެރި، އަދި މުހިންމު މަސައްކަތްތަކެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ފާހަގަކުރެއްވީ ބައިނަލްއަޤްވާމީ ގޮތުން ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަސް "އިންޓަނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީ" ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.
އދ. ގައި ރާއްޖެއިން އިސްނަގައިގެން ހުށަހެޅި ގަރާރަކުން، ކޮންމެ އަހަރެއްގެ ޖޫން މަހުގެ 24 ވަނަ ދުވަހަކީ ޚާރިޖީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ފެށީ 2022 ވަނަ އަހަރުން ފެށިގެންނެވެ. މި ދުވަހުގެ މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤައުމުތައް ތަމްސީލުކޮށް، ޚާރިޖީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަގުވަޒަންކުރުމެވެ.
ވަޒީރުގެ މެސެޖުގައި، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގައި ތިއްބެވި އަންހެނުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްސަކޮށް، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގައި އެ ފަރާތްތަކުން އަދާކުރާ ދައުރު ވަރަށް ބޮޑުކަމަށް ވިދާޅުވިއެވެ.
މުސްތަޤްބަލުގައި ވެސް ޤައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އިތުރު ގުޅުންތައް ބަދަހިކޮށް، ރާއްޖޭގެ ކަރާމާތް ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ. އަދި ޚާރިޖިއްޔާގެ އަންހެން މުވައްޒަފުންގެ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.





