ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރަން ޚާއްސަ ހޮސްޕިޓަލެއް އަޅަނީ

ރާއްޖޭގައި ނަފްސާނީ ޞިއްޙަތުގެ ފަރުވާދޭ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގުފަހިކުރުމަށްޓަކައި، މާލެ ސަރަޙައްދުގައި ނަފްސާނީ ބަލިތަކަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 30،000 އަކަފޫޓުގެ ބިމެއްގައި މި ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާއިރު، މިއީ މި ދާއިރާއިން މިހާތަނަށް އަޅާ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

މިފަދަ ހޮސްޕިޓަލެއްގެ ބޭނުންތެރިކަން ވަރަށް ބޮޑުކަން ތަފާސްހިސާބުތަކުން ދައްކައެވެ. 2022 ވަނަ އަހަރުގެ ސްޓެޕް ސަރވޭއިން ދައްކާ ގޮތުގައި ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކު ޑިޕްރެޝަންގެ އަލާމާތްތައް ތަޙައްމަލު ކުރެއެވެ. އަދި ފާއިތުވި ދެ އަހަރު ދައުލަތުގެ ހޮސްޕިޓަލްތަކުގައި 71،000 ކޮންސަލްޓޭޝަން ހަދާފައިވާއިރު، އޭގެ ތެރެއިން 45،000 ކޮންސަލްޓޭޝަން ހަދާފައިވަނީ މާލެއިންނެވެ. މިހާރު ޚިދުމަތްތައް އައިޖީއެމްއެޗަށް އެކަނި ބަރޯސާ ވެފައި އޮތުމުން ވެއިޓްލިސްޓް ދިގުވެ، ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވެއެވެ.

އާ ހޮސްޕިޓަލް މާލެ ސަރަޙައްދުގައި ޤާއިމުކުރި ނަމަވެސް، ލާމަރުކަޒީ އުސޫލުން އަތޮޅުތެރޭގައި ވެސް ޕްރައިމަރީ، އަތޮޅު، ރީޖަނަލް އަދި ޓާރޝަރީ ލެވެލްގައި ނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، ނަފްސާނީ ޞިއްޙަތާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފައެވެ. މި ޤާނޫނުގެ ސަބަބުން ނަފްސާނީ ބަލިތައް ހުންނަ މީހުންގެ ހައްޤުތައް ހިމާޔަތްކޮށް، ފަރުވާގެ ނިޒާމު ޤާނޫނީ ބާރުވެރިކަމުގެ ތެރެއިން ހަރުދަނާ ވެގެންދާނެއެވެ. ހަމައެއާއެކު، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ 1677 ހެލްޕްލައިން މެދުވެރިކޮށް މިދިޔަ އަހަރު އެކަނިވެސް 10،821 ކޯލަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާދޭ މީހުން މަދުވުމަކީ މި ދާއިރާގައި އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށް ވާއިރު، ސިއްހީ އެހީތެރިން ތަމްރީން ކުރުމާއި، ރަށްރަށުގައި ފޯކަލް ޕޮއިންޓުން ކަނޑައެޅުން ފަދަ ކަންކަން ކުރިއަށް އެބަދެއެވެ. މުސްތަޤްބަލުގައި "ޓެލެ-މެންޓަލް ހެލްތް" ޚިދުމަތް ފެށުމާއި، މެންޓަލް ހެލްތް ސަރވޭއެއް ހިންގުމަކީ ޞިއްޙަތާ ބެހޭ ވުޒާރާގެ މުހިންމު އަމާޒެކެވެ.

ހިއްސާ ކުރައްވާ!