އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ގުޅިފައިވަނީ އިތުބާރުގެ މައްޗަށް: ވަޒީރު ސައީދު

ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ ދުވެލި ބާރުކުރުމަށްޓަކައި އެންމެ މުހިންމީ ވިޔަފާރިވެރިންނާއި ސްޓޭކްހޯލްޑަރުންގެ މެދުގައި އޮންނަ އިތުބާރު ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް-48) ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި ވިޔަފާރީގެ ވެށި ކުރިއަރައި ދިއުމަށްޓަކައި އިތުބާރު އޮތުން ކޮންމެހެން ބޭނުންތެރިކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިސާލެއްގެ ގޮތުން ފަތުރުވެރިކަމުގެ ސިނާއަތް ދައްކަވަމުން، އެ ދާއިރާގައި އިތުބާރު އޮތުމުން އިންވެސްޓްމަންޓްތައް އޮހެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގެ ވިޔަފާރީގެ ސިނާއަތުގެ ޓްރޭޑް ސެކްޓަރ އަމިއްލަ ފައިމައްޗަށް ތެދުވެ ކުރިއަރަމުން ނުދާތީ، އެކަމާ މެދު ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ޓްރޭޑް ސެކްޓަރ އޭގެ ޒާތުގައި ކުރިއަރައިގެނެއް ނުދޭ. އެއަށް ވުރެ ބޮޑަށް ފަތުރުވެރިކަމަށް ވާގިވެރިވާ ސިނާއަތެއްގެ ގޮތުގައި އޮތީ،" ސައީދު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ޓްރޭޑް ފެސިލިޓޭޓްކޮށް، ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ވިޔަފާރިތަކަށް ފުރުސަތު ދީގެން ދައުލަތުގެ މާލީ ހަމަޖެހުން ވަރުގަދަކުރުމެވެ. ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގް މަތިކުރުމަކީ ސަރުކާރުގެ އިޤްތިޞާދީ ފިޔަވަޅުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި ލިބުނު އިތުބާރެއް ކަމަށް ވެސް ސަރުކާރުން ފާހަގަކުރެއެވެ.

ސީއެމްޑީއޭގައި ރަޖިސްޓަރކޮށްގެން މިއަދު ތައާރަފްކުރި "ދިނަފް-48″ އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު ތަޢާރަފްކުރި "ދިނަފް-48″ އިންވެސްޓްމަންޓް ފަންޑާ ގުޅޭ މުހިންމު މަޢުލޫމާތު:

  • ފަންޑުގެ އަދަދު: 40 މިލިއަން ރުފިޔާ.
  • ރެޖިސްޓްރޭޝަން: ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓަރކޮށްގެން ހިންގާ ފަންޑެއް.
  • އެންމެ މަދުވެގެން އިންވެސްޓް ކުރެވޭ މިންވަރު: 50,000 ރުފިޔާ.

ސީއެމްޑީއޭގެ އުސޫލުތަކާ އެއްގޮތަށް މި ފަންޑުގައި ބައިވެރިވުމަށް ޝަރުތު ހަމަވާން ޖެހެނީ:

  • އަމިއްލަ ފަރުދުން: އަހަރަކު މަދުވެގެން 1 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ފަރާތްތައް.
  • ކުންފުނިތަކާއި އިންސްޓިޓިއުޝަންތައް: އަހަރަކު މަދުވެގެން 5 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭ ފަރާތްތައް.

އިންވެސްޓްމަންޓް މުއްދަތާއި ފައިދާގެ ނިސްބަތް

މުއްދަތަށް ބަލައި ފައިދާ ދޭގޮތަށް ކަނޑައަޅާފައިވާ ރޭޓުތައް:

އިންވެސްޓްކުރާ މުއްދަތު އަހަރަކު ލިބޭ ފައިދާ 
6 މަސް ދުވަސް 10.50%
12 މަސް ދުވަސް 11.00%
2 އަހަރު ދުވަސް 11.50%
3 އަހަރު ދުވަސް 12.00%
4 އަހަރު ދުވަސް 12.25%

މި ފަންޑުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ އީމެއިލްތައް މެދުވެރިކޮށް އެކަމަށް އެދި ހުށަހެޅޭނެއެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް އިން ފާހަގަކުރާ ގޮތުގައި، މީގެ ކުރިން ކާމިޔާބުކަމާއެކު ނިންމާލި "ދިނަފް-36″ އަކީ އިންވެސްޓަރުންގެ އިތުބާރު ލިބުނު ފަންޑެކެވެ. އައު ފަންޑު "ދިނަފް-48″ އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް ކުރިއެރުވުމަށް އެޅުނު އިތުރު މުހިންމު ފިޔަވަޅެކެވެ.

ހިއްސާ ކުރައްވާ!