ސޮލީބީ ހަމަލާއަކަށް މަގުފަހިކުރުމަށް މަސައްކަތް ކުރަމުންދިޔަ ކަމުގެ ތުހުމަތުގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން އެކި ޕްރޮވިންސްތަކުން ޖުމްލަ 127 މީހަކު ހައްޔަރުކޮށްފިއެވެ. އީރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި މިކަން ހިންގާފައިވަނީ އީސްޓް އަޒަރުބައިޖާން، މާޒަންދަރާން އަދި ކަރްމަން ޕްރޮވިންސްގައެވެ.
އައި.އާރް.ޖީ.ސީ އިން ބުނެފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވާ މީހުންނަކީ އެމެރިކާ، އިނގިރޭސިވިލާތް އަދި އިސްރާއީލާ ގުޅުން އޮންނަ ބައެކެވެ. މި އޮޕަރޭޝަންތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކާތައް ނައްތާލުމަށް ހިންގުނު ހާއްސަ ހަރަކާތްތަކެއް ކަމަށްވެސް އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.
އީސްޓް އަޒަރުބައިޖާން ޕްރޮވިންސުން ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އެ މީހުންނަކީ ހަތިޔާރު ތައްޔާރުކޮށް، ރޭވުންތެރިކަމާއެކު ތަންތަން ހުޅުޖަހައި ގޮއްވާލުމަށް ގެއްލުންދިނުމުގެ އަމަލުތައް ހިންގުމަށް ރާވަމުންދިޔަ ބައެއް ކަމަށް އައި.އާރް.ޖީ.ސީ އިން ބުނެއެވެ. މީގެ އިތުރުން، އީރާނުގެ ނާޒުކު ސަރަހައްދުތަކުގެ ކޯޑިނޭޓްސް ބޭރުގެ ފަރާތްތަކަށް ފޮނުވަމުންދިޔަ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.
މާޒަންދަރާން ޕްރޮވިންސުން އެންމެ ގިނަ އަދަދަކަށް މީހުން ހައްޔަރުކޮށްފައިވާއިރު، އެ ސަރަހައްދުން 69 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި މީހުންނާ ބެހޭ އިތުރު ތަފްސީލެއް އާންމުކޮށްފައި ނުވި ނަމަވެސް، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއްގައި ބައިވެރިވި ބައެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ކަރްމާން ޕްރޮވިންސުން 51 މީހަކު ހޯދާފައިވާއިރު، އޭގެ ތެރޭގައި ޖާސޫސީ މަސައްކަތްކުރާ ތިން ގްރޫޕެއް ހިމެނޭ ކަމަށް އައި.އާރް.ޖީ.ސީ އިން ހާމަކުރެއެވެ. މި ޓީމުތަކުން ދިޔައީ މައުލޫމާތު އެއްކޮށް، ބޭރުގެ ޖާސޫސީ އިދާރާތަކަށް އެހީތެރިވުމަށް ތައްޔާރުވަމުންނެވެ.



