ކުވެއިތުގެ މަޝްހޫރު ގާރީ މިޝާރީ ރާޝިދު އަލްއަފާސީ، ވަނީ އީރާނާއި އެ ގައުމަށް ސަޕޯޓު ކުރާ މީހުން ކުށްވެރިކޮށް ލަވައެއް ކިޔައި އެކްސްގައި އެލަވަ އާންމު ކޮށްފައެވެ. އިއްޔެ 20 އޭޕްރީލް ގައި އާންމުކުރި 26 ސިކުންތުގެ މި ވީޑިއޯގައި ބޭނުންކޮށްފައިވަނީ އަސްކަރީ މަންޒަރުތަކަކާއެކު ކީރިތި ގުރުއާނުގެ ލަހަބް ސޫރަތުގެ އާޔަތެއް ބަދަލުކޮށް "ތައްބަތު ޔަދާ އީރާން ވައްލަޒީ މަޢަ އީރާން" (އީރާނާއި އީރާނާއެކު ތިބި މީހުންނަށް ހަލާކު ހުއްޓެވެ!) މިފަދައިން ކިޔާފައިވާ ލަވައެކެވެ.
އަލްއަފާސީ ގެ މިލަވައާ ގުޅިގެން މީހުން ބުނެފަިއ ވަނީ އޭނާއަކީ ސަހުޔޫނީ ފިކުރުގެ އަވައގައި ޖެހިފައިވާ މީހެއް ކަމަށެވެ. ޣައްޒާގައި ޔަހޫދީ ރެޖީމުން އެތައް ލައްކަ ފަލަސްޠީނު މީހުންގެ ގަތުލުއާންމު ހިންގައި ޖެނޮސައިޑް ހިންގިއިރު އަފާސީ އައްސިވެފައި ހުރިކަމަށް ބުނެ މީހުން ދފާޑު ކިޔަމުން ދެއެވެ.
ޖެނޮސައިޑާއި އީރާނާ ދެކޮޅަށް ދީފައިވާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި އަރަބިން ތިބިގޮތް ދުނިޔެއަށް ވަނީ ފެނިގެން ގޮސްފައެވެ. ބައެއް ޝޭޚުން ވަނީ ޓްރަމްޕަށް ޚުޝާމަދުކޮށް އޭނާއަކީ ސުލްހައަށް މަސައްކަތް ކުރާ މީހެއް ކަމަށް ބުނެފައި ވެސް ވެއެވެ. އެ ވެރިންނަކީ ޣައްޒާ ޖެނޮސައިޑްގައި ހަމާސް ކުށްވެރިކުރި ދައުލަތުގެ ދަންނަބޭކަލުންނެވެ.
އަފާސީގެ ޕޯސްޓާއެކު އާންމުންގެ އެއް ބަޔަކު ވަނީ އޭނާއަށް ތާއީދު ކޮށް ގަލްފުގެ ގައުމުތަކުގެ ދިފާއުގައި ވާހަކަދެއްކެވީތީ ތައުރީފު ކޮށްފައެވެ. އޭނާގެ ގައުމު ކުވެއިތަކީ އީރާނަށް ހަމަލަ ދިނުމަށް އެމެރިކާއިން މަތިންދާބޯޓު އުދުއްސަން ބޭނުން ކުރި ގައުމެވެ. އަދި މީގެ ކުރިން އެމެރިކާއިން އިރާގް ފުނޑާލި އިރުވެސް ހަމަލަ ދޭން އަސްކަރީ ބޯޓުތައް ފޮނުވާފައި ވަނީ މި ހަނގުރާމައިގައި ބައިވެރިވާ އަރަބި ގައުމުތަކުންނެވެ.
ފާޑުކިޔާ ފަރާތްތަކުން އަފާސީ ސިފަކޮށްފައި ވަނީ ދެފުށް ދެގޮތް ޝެއިޚެއްގެ ގޮތުގައެވެ. އަދި ވަކިން، ޚާއްސަކޮށް ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުންނާއި ޖައުފަރީ ފިޤުހަށް ތަބާވާ މުސްލިމުން ވަނީ އިޒްރޭލާއި އެމެރިކާއާ ދެކޮޅަށް މިފަދަ ބަސްމަގެއް އަފާސީއަށް ބޭނުން ކުރަން ނުކެރުނީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
މި ފާޑުކިޔުންތަކަށް ރައްދު ދެމުން އަފާސީ ބުނަނީ މިއީ ބޭރު ގައުމުތަކުން ރޭވުންތެރިކަމާއެކު އޭނާއާ ދެކޮޅަށް ހިންގާ ކެމްޕޭނެއް ކަމަށެވެ. އީރާނުގެ އަމަލުތަކާ ދެކޮޅުވުމަކީ އިޒްރޭލަށް ތާއީދުކުރުމެއް ނޫން ކަމަށާއި، އޭނާގެ މަގްސަދަކީ އަމިއްލަ ގައުމާއި ގަލްފުގެ ސަރަހައްދު ހިމާޔަތްކުރުން ކަމަށް ބުނެއެވެ.
މި މައްސަލައާ ގުޅިގެން މަޝްހޫރު ވެބްސައިޓް Quran.com އިން ވަނީ ޤުރުއާން އެޕްގައި ޑިފޯލްޓް ގާރީއެއްގެ ގޮތުގައި އަލްއަފާސީގެ ކިޔެވުން ބޭނުންކުރުން ހުއްޓާލާފައެވެ. ނަމަވެސް އޭނާގެ ކިޔެވުންތައް އަދިވެސް އެ ސައިޓުން ލިބެން ހުންނާނެއެވެ. ސޯޝަލް މީޑިއާގައި އޭނާ ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭންތަކެއް ކުރިއަށްދާއިރު، ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އޭނާގެ ކޮންޓެންޓާ ދެކޮޅަށް އާންމުން ދަނީ ރިޕޯޓްކުރަމުންނެވެ.





