ވޯލްޑް ކަޕް ހިލޭ ދެއްކުމަށް ޕީ.އެސް.އެމް އާއި މީޑިއާނެޓުން އެއްބަސްވުމެއްގައި ސޮއިކޮށްފި

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މުޅި ރާއްޖެއަށް ވަގުތުން އަދި ހިލޭ ދެއްކުމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އާއި މީޑިއާނެޓުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަކީބު ވިދާޅުވީ، މުބާރާތުގެ ހުރިހާ މެޗެއްވެސް އެއްވެސް ފީއަކާ ނުލައި ބެލޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އޭނާ މި އިންތިޒާމު ސިފަކުރެއްވީ ސަރުކާރުގެ ފަރާތުން ޒުވާނުންނަށް ދެއްވި ހަދިޔާއެއްގެ ގޮތުގައެވެ. އަދި ޕީ.އެސް.އެމްގެ އަމާޒަކީ މުބާރާތުގެ ފޯރި މުޅި ރާއްޖެއަށް ފޯރުކޮށްދިނުން ކަމަށާއި، މިއީ ހިލޭ ބްރޯޑްކާސްޓްކުރުން ފުޅާކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވުނު މަސައްކަތެއް ކަމަށްވެސް ޝަކީބު ވިދާޅުވިއެވެ.

މި މުބާރާތް ރާއްޖޭގައި ދެއްކުމުގެ ރަސްމީ ލައިސަންސް އޮތީ މީޑިއާނެޓް އަތުގައެވެ. މިއީ ދިވެހި އަމިއްލަ ކުންފުންޏަކުން ފީފާއާއެކު މިފަދަ ޑިސްޓްރިބިއުޝަން އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.

މި އަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގައި 48 ގައުމަކުން ވާދަކުރާއިރު، 100 އަށްވުރެ ގިނަ މެޗު ކުޅޭނެއެވެ. މުބާރާތުގެ ފޯމެޓަށް އައި ބަދަލާއި މެޗުތައް ބާއްވާ ސިޓީތައް ގިނަވުމުގެ ސަބަބުން، މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މެންދުރު ފަހާއި، އިރުއޮއްސޭ ވަގުތާއި އަދި ދަމުގެ ވަގުތުތަކުގައެވެ.

މީޑިއާނެޓަކީ ރާއްޖޭގެ އެންމެ ބޮޑު ޕޭޓީވީ އަދި ޑިޖިޓަލް އެންޓަޓެއިންމަންޓް ޚިދުމަތްދޭ ކުންފުންޏެވެ. ކޭބަލް، އައި.ޕީ.ޓީ.ވީ އަދި ސެޓެލައިޓް މެދުވެރިކޮށް އެ ކުންފުނިން މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދެއެވެ. ސަރަހައްދީ އަދި ބައިނަލްއަގުވާމީ ބޮޑެތި ބްރޯޑްކާސްޓަރުންނާއެކު ދިގު މުއްދަތުގެ ގުޅުންތަކެއް އޮންނަ މި ކުންފުނިން މީގެ ކުރިންވެސް ވަނީ ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު އަދި މީގެ ކުރީގެ ވޯލްޑް ކަޕްތަކުގެ ބްރޯޑްކާސްޓިންގ ރައިޓްސް ހޯދާފައެވެ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މީޑިއާނެޓްގެ ދައުރު ފާހަގަކޮށްލެވެނީ، ފީފާއާއެކު ރަސްމީ ޑިސްޓްރިބިއުޝަން ލައިސަންސް އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ދިވެހި އަމިއްލަ ކުންފުންޏަށް އެ ކުންފުނި ވެގެންދިޔުމުންނެވެ.

މީޑިއާނެޓަކީ ރާއްޖޭގެ ޕޭޓީވީ މާކެޓްގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ، އަދި ކުޅިވަރުގެ މުހިންމު ރައިޓްސްތައް މޮނޮޕޮލީ ކުރާ ކުންފުންޏެކެވެ. ނުފޫޒުގަދަ މަދު ހިއްސާދާރުންތަކެއްގެ މިލްކުވެރިކަން އޮންނަ މި ކުންފުންޏަކީ މި ދާއިރތާގައި ކޮންޓްރޯލު ނުކުރެވޭ ވަރުގެ ނުފޫޒެއް އޮންނަ ކުންފުންޏެކެވެ.

މި ދާއިރާގައި ވާދަވެރިކަން އިތުރުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކި ފަހަރުމަތިން މަސައްކަތް ކޮށްފައިވީ ނަމަވެސް، މި ކުންފުނީގެ ބާރު ސަރުކާރަކަށް ކަނޑުވައެއް ނުލެވުނެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގެ މާކެޓުގައި އެންމެ އަގުބޮޑުކޮށް އެ ޚިދުމަތަށް ފީ ނަގާ ކުންފުނިވެސް މެއެވެ.

ހިއްސާ ކުރައްވާ!