މާލޭ ބޭފުޅާ ނޫން މީހަކަށް އެމްޑީޕީގެ އިސް ސަފުން ފުރުސަތު ދީގެން ނުވާނެ!

ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު އެއް ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަކީ އަބަދުވެސް ފޯރިގަދަ އަދި އެހާމެ ބަހުސް ބޮޑު ކަމެކެވެ. އެ ޕާޓީގެ ލީޑަރޝިޕަށް އަންނަން މަސައްކަތް ކުރާ ޒުވާން ލީޑަރުންނާއި، ޕާޓީގެ ކުރީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުން ފެންނަނީ ޕާޓީގެ މިސްރާބާ މެދު އޮތް ބޮޑު ކަންބޮޑުވުންތަކެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ދެއްކެވި ވާހަކަފުޅުތަކުން ދޭހަވަނީ ޕާޓީގެ މައިގަނޑު ބާރު އޮންނަންޖެހޭނީ ވަކި ބައެއްގެ އަތްމަތީގައި ކަމަށް ގަބޫލުކުރެވޭ ކަމެވެ. ޚާއްޞަކޮށް މާލޭގެ ނުފޫޒުގަދަ ބޭފުޅުންގެ އަތްމަތީގައި ޕާޓީ އޮތުމަކީ އެމްޑީޕީގެ އަސްލު ރޫހު ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް، މިއީ ޑިމޮކްރެޓިކް އުސޫލުތަކާ ކިހާވަރަކަށް ފުށުއަރާ ކަމެއްތޯ ސުވާލު އުފެދެއެވެ. އަތޮޅުތެރޭގެ ރައްޔިތުންގެ ބޮޑު ތާއީދެއް އޮތް ޕާޓީއެއްގައި، ލީޑަރޝިޕް ހަމައެކަނި ރިސައިކަލް ކޮށްފައިވާ މާލޭ ބޭފުޅުންނަށް ހަނިވެފައި އޮތުމަކީ ޒަމާނީ ސިޔާސީ ފިކުރާ ބީރައްޓެހި ކަމެކެވެ.

މީކާއީލް ނަސީމް ފަދަ ޒުވާން، ހަރަކާތްތެރި ލީޑަރުން ކުރިއަށް އަރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު، އެކަމަށް ހުރަސްއެޅުމުގެ ސަގާފަތެއް އެޕާޓީގެ ތެރޭގައި އޮތްކަން ފާހަގަކުރެވެއެވެ.

މީގެ ކުރިން ޑރ. މުނައްވަރާއި ލަޠީފާއި ޑީޑީ ފަދަ ބޭފުޅުންނަށް ކުރިމަތިކުރުވި ހާލަތަކީ މީގެ ހެއްކެކެވެ. ޒުވާން ލީޑަރުންނަކީ "ކުޑަކުދިން" ގޮތުގައި ސިފަކޮށް، އެމީހުންގެ ގާބިލިއްޔަތާމެދު ސުވާލު އުފެއްދުމަކީ ޕާޓީގެ މުސްތަގުބަލަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

ޕޯޑިއަމްތަކުގައި ހަޅޭއްލަވަން ކުޑަކުދިން ކަމުދާނަމަ އެކުދިން ލީޑަރުންގެ ގޮތުގައިވެސް ބަލައިގަންނަން ޖެހެއެވެ.

ސިޔާސީ ޕާޓީއެއްގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ އާ ލީޑަރުން އުފެއްދުމެވެ. އެކަމަކު، އަބަދުވެސް އެއް ބަޔަކު "ރިސައިކަލް" ކުރަމުން ދިއުމަކީ އިސްލާހީ މަސައްކަތަށް ލިބޭނެ އުނިކަމެކެވެ.

2012 ވަނަ އަހަރުގެ ވެރިކަން ބަދަލުވުމުގެ ހާދިސާއަކީ އެމްޑީޕީގެ ތާރީޚުގައި ފޮހެލަން އުނދަގޫ ހިތްދަތި ހަނދާނެކެވެ. އެމްޑީޕީ ވެރިކަމުގައި  މިވާހަކަ  ނުދައްކައެވެ.  ވިކްޓިމް ކާޑު ކުޅެނީ ވެރިކަމާއި މަގާމާ ތޮޅެލަން ބޭނުންވާ ހިނދުއެވެ! 2012ގެ ވެރިކަން ބަދަލު ވި ހާދިސާ އެމްޑީޕީ ވެރިކަމުގައި އޮތް އިރު ހަނދާނެއް ނެތެވެ.  މިއަދު މިކަން ހަނދާން މިކުރަނީ ކޮން ކަމަކާ ހެދި ހެއްޔެވެ؟

އެ ހާދިސާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން، ވާދަވެރިންގެ އަގުވައްޓާލުމަކީ އާންމު ކަމެކެވެ. މީކާއީލްގެ ޓީމުގައި ބަޣާވާތުގެ ބައިވެރިން ތިބި ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކަކީ ޕާޓީގެ އެތެރޭގެ މަސްލަހަތު އިތުރަށް ގޯސްވާ ކަމެކެވެ.  ވެރިކަމުގައި އޮތް އިރު ބަޣާވާތް ތަހުގީގު ކުރަން ހުރަސް އެޅީ ކާކު ހެއްޔެވެ؟  އެއިރު އެ ފަދަ މީސްމީހުންނަށް މަތީ މަގާމުތައް ދީފައި މިއަދު މި ކިޔަނީ ކީކޭ ހެއްޔެވެ؟ މިފަދަ ވާހަކަތަކުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ބައިބައިވުން އުފެދި، އަސްލު މަގުސަދުން ކަސިޔާރު ވެގެން ދެއެވެ.

އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ރިސައިކަލް ކުރުން ދޫކޮށްލަން ވެއްޖެއެވެ.

ލީޑަރުން އުފައްދަން ވެއްޖެއެވެ.

ފިކުރު ދިމާވާ ނަމަ އެހެން ޕާޓީތަކުން ވެސް މީހުން އައިސް ގޮސްވާނެއެވެ.

އެކަމަކު އެމީހުންނަކީ ވިހޭ އިރު އެމްޑީޕީއަށް ފޫޅުކަނޑާފައި ނުވަތަ ވަކި އާއިލާއަކަށް ނިސްބަތް ވާ ބައެއް ނޫން ކަމަށް ބުނެ ބާކި ކޮށްގެން ނުވާނެއެވެ.

ހުރިހާ ރަށެއްގެ ހުރިހައި ފަންތިއެއްގެ މީހުންނަށް ލީޑަރޝިޕަށް އައުމުގެ ފުރުސަތު އޮންނަންޖެހެއެވެ. މާލޭ ބޭފުޅާއާއި އަތޮޅުތެރޭގެ މީހުންގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ބަދަލުގައި، ގާބިލު މީހުންނަށް ފުރުސަތު ދިނުމަކީ ޕާޓީ ވަރުގަދަވާނެ ކަމެއްކަމަށް މުސްކުޅިން ބުނެ ނުދޭ ހެއްޔެވެ؟

 

ހިއްސާ ކުރައްވާ!