އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން ކެމްޕޭންގެ ތެރެއިން ރަނިން މޭޓުން އިއުލާނުކުރައްވަމުން ގެންދިޔުމަކީ ސިޔާސީ ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބަށް ނުކުތުމަށް އިއުލާނުކުރައްވައި، އެ މަނިކުފާނުގެ ރަނިން މޭޓަކީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް ކަނޑައަޅުއްވާފައިވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ޕްރައިމަރީ އިންތިހާބަކަށް ނުކުންނައިރު އެހެން ސިޔާސީ ޕާޓީތަކާ މަޝްވަރާކޮށް، އިއްތިހާދުތަކާއި އެއްބަސްވުންތައް ގާއިމުކުރެވޭނެ ފުރުސަތުތައް ތަނަވަސްކޮށްފައި އޮތުން ވަރަށް ބޮޑަށް ބޭނުންތެރިއެވެ.
"ޕާޓީގެ އިންތިހާބަކަށް ނުކުންނައިރު އެހެން ޕާޓީތަކާ ވާހަކަދައްކާ، އެއްބަސްވުންތައް ގާއިމުކުރެވޭނެ ގޮތަށް ތިބުން ބޭނުންތެރި. ރަނިން މޭޓުކަމަކީ އެމްޑީޕީން އެހެން ޕާޓީތަކާ ކުރާ މަޝްވަރާތަކުގައި ލެވަރޭޖެއް. އެ ލެވަރޭޖު ގެއްލޭ ގޮތަށް ކެންޑިޑޭޓުން އަމަލުނުކުރައްވާނެ ކަމަށް އުންމީދުކުރަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ ދުވަސްތަކުގައި މީޑިއާގެ ޕްރޮގްރާމްތަކުގައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވެފައިވަނީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާކުރެއްވުމަށްފަހު އެ މަނިކުފާނުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކުގައި ކަމަށެވެ. އަދި ފައިސަލްއާއެކު ބައިވެރިވެވަޑައިގެންނެވި އާދަމް އާޒިމް ވިދާޅުވެފައިވަނީ، އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ އިސް ލީޑަޝިޕްގެ މެދުގައި ބަދަހި ގުޅުމެއް އޮތުން މުހިންމު ކަމަށެވެ. މިހާތަނަށް ޕްރައިމަރީގައި ވާދަކުރައްވާފައިވާ އަބްދުﷲ ޝާހިދުވެސް އަދި އެހެން އެއްވެސް ބޭފުޅަކު ރަނިން މޭޓަކު އިއުލާނުކުރައްވާފައެއް ނުވެއެވެ.





