ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް، މާލީ ރައްކާތެރިކަން ކުޑަވަމުންދާ ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުން އިސްތިއުފާ ދެއްވަންދެން މަގުމަތީގެ ސީދާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.
މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް މުހިންމު ގަރާރެއް ހުށަހަޅުއްވަނީ އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ގަރާރުގެ މައިގަނޑު އަމާޒަކީ ސަރުކާރުން އަޅަމުންދާ އިގްތިސާދީ ފިޔަވަޅުތަކަށް ފާޑުކިއައި، އިގްތިސާދީ ކަންކަމުގައި އިދިކޮޅު ޕާޓީއާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ސަރުކާރަށް މުހިންމު އިންޒާރެއް ދިނުމެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ ވަޓްސްއަޕް ގްރޫޕަށް ފޮނުއްވި ހާއްސަ މެސެޖެއްގައި ނަޝީދު ވަނީ، ގައުމު މިހާރު ތަހައްމަލު ކުރަމުންދާ އިގްތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި މި ގަރާރަށް ގައުމީ މަޖިލީހުގެ އެންމެހައި މެންބަރުން ތާއީދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ ނުވަތަ އެމެރިކާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެ އަސާސީ ފިޔަވަޅަކީ، ވިޔަފާރިވެރިންގެ ހިތްތަކުގައި ސަރުކާރުގެ މާލީ ސިޔާސަތުތަކަށް އޮންނަ އިތުބާރު ބޮޑުކުރުމެވެ. އަދި އަމިއްލަ ވިޔަފާރިވެރިން ރާއްޖޭގެ ބޭންކިން ނިޒާމުގައި ފައިސާ ބެހެއްޓުމުން އެމީހުންގެ މާލިއްޔަތަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދައުލަތުން ކަށަވަރުކޮށްދޭންޖެހޭ ކަމަށްވެސް ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި ޑޮލަރުގެ އަގު އުފުލި، ތަކެތީގެ އަގު ބޮޑުވަމުންދާ މައްސަލައަށް އަލިއަޅުވާލައި، ގަރާރުގައި އިތުރަށް ބުނެފައިވަނީ ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ދަރަންޏާއި ޑޮލަރުގެ މިންވަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އެކަށީގެންވާ އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށެވެ.
މި މައްސަލަތަކަށް ސަރުކާރުން އެކަށީގެންވާ ހައްލެއް ނުހޯދައި، އިދިކޮޅު ޕާޓީއާއެކު މަޝްވަރާކުރުމަށް އުޒުރުވެރިވާނަމަ، ރައީސް މުއިއްޒު އިސްތިއުފާ ދެއްވަންދެން އެމްޑީޕީން ސީދާ ހަރަކާތަށް ނުކުމެ، މަގުމަތީގެ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.



