ބައެއް ސިޔާސީ ޕާޓީތަކުން މިދުވަސްވަރު ކުރިއަށްގެންދާ ހަރަކާތްތައް ހިންގުމުގައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެ ސިޔާސީ ޕާޓީއަކަށް ސިޓީ ފޮނުވައިފިއެވެ. މި ސިޓީ ފޮނުވާފައިވަނީ އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރި ގޮތުގައި، މި ދެ ޕާޓީން މާލޭގައި ސިލްސިލާކޮށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަ ދައްކައި، އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. އެހެންކަމުން، ހުރިހާ ހަރަކާތްތަކެއް ވެސް ގާނޫނީ ހުދޫދުގެ ތެރެއިން ކުރިއަށްގެންދިއުމަށް ކޮމިޝަނުން ވަނީ ބާރުއަޅާފައެވެ.
28 އޭޕްރިލް 2026 ގައި ފޮނުވި މި ސިޓީގައި ބަޔާންކޮށްފައިވަނީ، ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކަކީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކުރިއަށްގެންދާ ހަރަކާތްތަކަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިދުވަސްވަރު ބާއްވާ އެއްވުންތަކުގައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، ސުލޫކީ މިންގަނޑާ ޚިލާފަށް ޕާޓީތަކުގެ ވެރިންނާއި މެންބަރުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އީސީން ވަނީ ނަސޭހަތްތެރިވެފައެވެ. އަދި ގާނޫނުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި އެއްވުންތައް ނުބޭއްވުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނެފައިވަނީ، ގާނޫނީ ހުދޫދުގެ ތެރެއިން ސުލްހަވެރިކަމާއެކު ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.





