މި އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހު ހިިިމަބިހި ޖެހިގެން 71 ކުދިން މަރުވެއްޖެ

މި އަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ޕާކިސްތާނުގެ އެކި ސަރަހައްދުތަކުން ހިމަބިހި ޖެހިގެން 71 ކުދިން މަރުވެފައިވާކަން ރަސްމީ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކުދިން މަރުވެފައިވަނީ ސިންދު ޕްރޮވިންސުންނެވެ. އެ ސަރަހައްދުން އެކަނިވެސް 40 ކުދިން ވަނީ މި ބަލީގައި ފުރާނަ ގޮސްފައެވެ.

ރަސްމީ ދިރާސާތަކުން ދައްކާގޮތުގައި، މަރުވި ކުދިންގެ އިތުރުން މުޅި ގައުމުން މިހާތަނަށް 4,541 ކުދިންނަށް ހިމަބިހި ޖެހިފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. މީގެ ތެރޭގައި ޚައިބަރު ޕަޚްތޫންޚުވާ އިން 1,712 ކޭސް، ޕަންޖާބުން 1,198 ކޭސް، އަދި ސިންދު އިން 1,183 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން ބަލޮޗިސްތާނާއި، އިސްލާމްއާބާދު އަދި ކަޝްމީރުގެ ސަރަހައްދުތަކުން ވެސް ބަލިޖެހިފައިވާ ކުދިން ފެނިފައިވެއެވެ.

ސިންދު ޕްރޮވިންސްގެ އީޕީއައި ޕްރޮގްރާމް ޑައިރެކްޓަރު ޑރ. ރާޖް ކުމާރު ވިދާޅުވި ގޮތުގައި، ބަލި މިހާ ބޮޑަށް ފެތުރެން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެކްސިން ނުޖެހި ތިބި ގިނަ އަދަދެއްގެ ކުދިން ތިބުމެވެ. "އަޅުގަނޑުމެން މިދަނީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ވެކްސިން ނުޖަހާ ތިބި ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން،" ޑރ. ކުމާރު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ވެކްސިން ދިނުމުގެ މަސައްކަތަށް ކުރާ ހޭދަ ދެގުނަ އިތުރުކޮށްފައެވެ. އަދި ބޭރުގެ އެހީތެރިކަން މެދުކެނޑުނު ކަމުގައި ވިޔަސް، މި މަސައްކަތް ކުރިއަށް ގެންދެވޭނެ ފެންވަރަށް ވަސީލަތްތައް ގާއިމުކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ޚާއްސަކޮށް ވެކްސިން ދޭ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ބަލި އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދެމުންދާކަން ފާހަގަކުރިއެވެ.

ހިމަބިހީގެ އިތުރުން ޕޮލިއޯ ބައްޔަކީ ވެސް ޕާކިސްތާނަށް އޮތް ބޮޑު ގޮންޖެހުމެކެވެ. މި އަހަރުގެ ތެރޭގައި ސިންދު ސަރަހައްދުން ޕޮލިއޯގެ ކޭސްއެއް ފެނިފައިވާއިރު، ވެކްސިން ދޭ މީހުންނަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކަކީ މި ބަލި ނައްތާލުމަށް އޮތް ހުރަހެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ޕާކިސްތާނު ޕީޑިއަޓްރިކް އެސޯސިއޭޝަނުން ބުނާ ގޮތުގައި، ވެކްސިން ޖެހުމަށް އާންމުން ޖެހިލުންވުމަކީ ބަލިތައް ކޮންޓްރޯލް ކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައެވެ.

ދުނިޔޭގެ ވެކްސިން ހަފުތާއާ ގުޅުވައިގެން 'ކޮންމެ ޖީލަކަށް ވެސް ވެކްސިން މުހިންމު" ޝިއާރުގެ ދަށުން އާންމުން ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް މިހާރު ދަނީ ހިންގަމުންނެވެ. މީގެ ބޭނުމަކީ ވެކްސިން ޖަހާ މިންވަރު އިތުރުކޮށް، މިފަދަ ނުރައްކާތެރި ބަލިތަކުން ކުޑަކުދިން ސަލާމަތްކުރުމެވެ.

ހިއްސާ ކުރައްވާ!