ބާވެގެން ނައްތާލުމަށް ކޮށާފައިވާ ޕޮލިމަރ ނޫޓުތައް ބޭނުންކޮށްގެން، ފަންނީ އުފެއްދުން އީޖާދު ކުރުމަށް ހުޅުވާލައިފި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކަރުދާސް ނޫޓުގެ ބަދަލުގައި މުޅިން ޕޮލިމަރއަށް ފައިސާ ނޫޓު ބަދަލުކުރި ހަމައެކަނި ގައުމަކީ ދިވެހިރާއްޖެ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފުކުރި 'ރަންދިހަ ފަހެއް' ނޫޓު ސީރީޒާއެކު، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ މި ނޫޓުތަކަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.

އެމްއެމްއޭއިން މިހާރު ވަނީ "ކްރާފްޓެޑް ބައި ކަރަންސީ" ގެ ނަމުގައި އާ މުބާރާތެއް އިއުލާނުކޮށްފައެވެ. މި މުބާރާތުގެ މަގްސަދަކީ ބޭނުންނުކުރެވޭ ވަރަށް ބާވެގެން ނައްތާލުމަށް ކޮށާފައިވާ ޕޮލިމަރ ނޫޓުތައް ބޭނުންކޮށްގެން، ރާއްޖޭގެ ސަގާފަތާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ ހަނދާނީ ހަދިޔާ ނުވަތަ ފަންނީ އުފެއްދުންތައް ތައްޔާރުކުރުމެވެ.

މި މުބާރާތުން ހޮވޭ ފަރާތްތަކަށް 2026 ވަނަ އަހަރު ބާއްވާ ފައިނޭންޝަލް އެކްސްޕޯގައި އެ ތަކެތި ދައްކާލުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މުބާރާތުގެ ވަނަތަކަށް ހޮވޭ ފަރާތްތަކަށް ރަސްމީ ހަނދާނީ ހަދިޔާ އުފެއްދުމުގެ ކޮންޓްރެކްޓް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.

އަދި ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ބޮޑެތި އިނާމުތައް ދިނުމަށްވެސް މައުލޫމާތު ކަރުދާސްގައި އިއުލާން ކޮށްފައި ވެއެވެ.

ރާއްޖެއަކީ ކަނޑާއި ޖަޒީރާތަކުގެ މައްޗަށް އެކުލެވިގެންވާ ގައުމަކަށްވެފައި، މަސްވެރިކަމާއި އެހެނިހެން މަސައްކަތްތަކުގައި އުޅޭ މީހުންނަށް ކަރުދާސް ނޫޓު ގެންގުޅުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދާފައި ވަނީ ޕޮލީމަރ ނޫޓުންނެވެ. މި ސަރަހައްދުގައި ރާއްޖެ ނޫނީ މިބާވަތުގެ ކުރިއަރާފައިވާ ނޫޓު ގެންގުޅޭ ގައުމެއް ނެތެވެ.

ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، އިންޑިއާއިން ޕޮލިމަރު ނޫޓު ޓެސްޓުކޮށްފައިވީ ނަމަވެސް، އެގައުމުން އަދިވެސް ބޭނުންކުރަނީ ކަރުދާސް ނޫޓެވެ. ޕާކިސްތާނާއި ބަންގްލަދޭޝްއިން މިކަމާ ބެހޭގޮތުން މަޝްވަރާކުރަމުންދާއިރު، ސްރީލަންކާ އާއި ނޭޕާލުން އަދިވެސް ބޭނުންކުރަނީ ސަގާފީ ކަރުދާސް ނޫޓުތަކެވެ. ރާއްޖެއަކީ މި ޓެކްނޮލޮޖީ އެންމެ އަވަހަށް އިހުތިޔާރުކުރި ކުދި ޖަޒީރާ ގައުމުތަކުގެ ނަމޫނާއެކެވެ.

ހިއްސާ ކުރައްވާ!