ކެރީބިއަންގެ ޖަޒީރާ ގައުމެއް ކަމަށްވާ އެންޓީގާ އެންޑް ބާބިއުޑާގެ އާ ސަރުކާރުގެ ކެބިނެޓް މެންބަރުން މަގާމުގެ ހުވާ ކުރެއްވިއިރު، އިނގިރޭސި ރަސްގެފާނަށް ވަފާތެރިވުމުގެ ބައި އުވާލައި، ގައުމަށް ވަފާތެރިވުމުގެ އާ ހުވައެއް ކޮށްފިއެވެ. މިއީ އެ ގައުމުގެ ތާރީޚުގައި އިނގިރޭސި ޝާހީ އާއިލާއަށް ވަފާތެރިވުމުގެ ބައި ހުވައިން އުނިކުރި ފުރަތަމަ ފަހަރެވެ.
އެންޓީގާ އެންޑް ބާބިއުޑާއަކީ 1981 ވަނަ އަހަރު އިނގިރޭސިވިލާތުގެ ކިބައިން މިނިވަންވި ގައުމެއް ނަމަވެސް، އެ ގައުމަކީ ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި އިނގިރޭސި ރަސްގެފާނު ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ބަލައިގަންނަ ގައުމެކެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ޕާލަމެންޓުން ފާސްކުރި ގާނޫނީ އިސްލާހަކާއެކު، މިހާރު އިންތިޚާބުވާ މެންބަރުން ހުވާކުރަން ޖެހެނީ ކިންގް ޗާލްސް ތިންވަނައަށާއި އެމަނިކުފާނުގެ ވާރިސުންގެ ބަދަލުގައި، އެންޓީގާ އެންޑް ބާބިއުޑާގެ ގާނޫނުއަސާސީއާއި ގާނޫނުތަކަށް ވަފާތެރިވުމަށެވެ.
މި ތާރީޚީ ބަދަލު އައިސްފައިވަނީ ބޮޑުވަޒީރު ގެސްޓަން ބްރައުން ޖެހިޖެހިގެން ހަތަރުވަނަ ދައުރަކަށް އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައެވެ. ދުނިޔޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް، ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން ބޭއްވި މި އިންތިޚާބުގައި ބްރައުންގެ ލޭބަރ ޕާޓީން ވަނީ ޕާލަމެންޓުގެ 17 ގޮނޑީގެ ތެރެއިން 15 ގޮނޑި ކާމިޔާބުކޮށް ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
ހުވައަށް ބަދަލު ގެނައި ނަމަވެސް، އެންޓީގާ އެންޑް ބާބިއުޑާ އަދިވެސް ދެމިއޮންނާނީ ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައެވެ. އަދި އިނގިރޭސި ރަސްގެފާނަކީ އެ ގައުމުގެ ރަމްޒީ އެންމެ އިސްވެރިޔާގެ ގޮތުގައި މިވަގުތު ދެމިހުންނަވާނެއެވެ. ކޮމަންވެލްތުގެ 56 ގައުމުގެ ތެރެއިން 15 ގައުމަކުން އަދިވެސް އިނގިރޭސި ރަސްގެފާނަކީ ދައުލަތުގެ އެންމެ އިސްވެރިޔާ ކަމަށް ބަލައިގަނެއެވެ.
މި ފިޔަވަޅަކީ ކެރީބިއަން ސަރަހައްދުގެ ގައުމުތަކުން އިނގިރޭސި ރަސްކަމާ އޮންނަ ގުޅުން ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. އެގޮތުން 2021 ވަނަ އަހަރު ބާބަޑޯސްއިން ވަނީ ރަސްކަން އުވާލައި ޖުމްހޫރިއްޔާއަކަށް ބަދަލުވެފައެވެ. އެންޓީގާގެ މި ނިންމުމަކީވެސް އެ މިސްރާބަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.




