އޮސްޓްރިއާގެ ސުކޫލުތަކުގައި ކިޔަވާ 14 އަހަރުން ދަށުގެ މިސްލިމު އަންހެން ކުދިން ބުރުގާ އެޅުން މަނާކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް، އިސްލާމިކް ރިލިޖަސް ކޮމިއުނިޓީ އިން އޮސްޓްރިއާ (އައިޖީޖީއޯ) އިން އެކުލަވާލި ގާނޫނީ ރައުޔެއްގައި ބުނެފިއެވެ.
އަންގާރަ ދުވަހު އާންމުކުރި 21 ސަފުހާގެ މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު މަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ މި ގަވާއިދަކީ ދީނީ އަދި ފިކުރީ ގޮތުން ދައުލަތުން ގެންގުޅެންޖެހޭ ވަކިފަރާތަކަށް ނުޖެހުމުގެ އުސޫލާ ޚިލާފު ކަމެކެވެ. މި ގާނޫނީ ރައުޔު ތައްޔާރުކޮށްފައިވަނީ ޖޯހަންސް ކެޕްލާ ޔުނިވާސިޓީ ލިންޒްގެ ޑިޕާޓްމަންޓް އޮފް ލީގަލް ޕްރޮޓެކްޝަން އެންޑް އެޑްމިނިސްޓްރޭޓިވް ކޮންޓްރޯލްގެ ރައީސް މާކަސް ވަސެކް އެވެ.
މާކަސް ވަސެކްގެ މި ދިރާސާ ބިނާކޮށްފައިވަނީ ހަމަހަމަކަމުގެ އުސޫލުގެ މައްޗަށެވެ. މީގެ ކުރިން 2019 ވަނަ އަހަރުވެސް އޮސްޓްރިއާގެ އޭރުގެ ސަރުކާރުން ބުރުގާ މަނާކުރަން ކުރި މަސައްކަތް އެގައުމުގެ ދުސްތޫރީ ކޯޓުން ވަނީ ބާތިލުކޮށްފައެވެ. 2020 ވަނަ އަހަރު ކޯޓުން ނިންމާފައިވަނީ އެ ގަވާއިދަކީ ވަކި ދީނެއްގެ ބަޔަކަށް އަމާޒުކޮށް ހަދާފައިވާ ގަވާއިދެއް ކަމަށްވާތީ، އެއީ ހަމަހަމަކަމުގެ އުސޫލާ ޚިލާފު ކަމެއް ކަމަށް ބުނެފައި ވެއެވެ.
މިހާރުގެ ކޯލިޝަން ސަރުކާރުން ހުށަހަޅާފައިވާ އާ ހުށަހެޅުމުގައި ބުނެފައިވަނީ ބުރުގާ އެޅުން މަނާކުރަނީ "ސަގާފީ ގޮތުން މަޖުބޫރުކުރެވޭ އިއްފަތްތެރިކަމުގެ ރަމްޒެއް" ގެ ގޮތުގައި ބަލައިގެން ކަމަށެވެ. ނަމަވެސް ވަސެކްގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ، މި ބަދަލާއެކުވެސް އަމާޒުކުރެވެނީ ހަމައެކަނި މުސްލިމު އަންހެން ކުދިންނަށް ކަމަށާއި، މިއީ ތަފާތުކުރުން ބޮޑުވެގެންދާނެ ކަމެއް ކަމަށެވެ.
ގާނޫނީ މާހިރު ވަސެކް އިތުރަށް ވިދާޅުވެފައިވަނީ، އާ ގާނޫނުގެ ސަބަބުން ބުރުގާ އަޅާ ދަރިވަރުންނަކީ އަމިއްލަ ފިކުރީ ގާބިލުކަމާއި އިހުސާސްތައް ދެނެގަތުމުގެ ބާރު ނެތް ބައެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ. އެހެންކަމުން، މި ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމާ ފުށުއަރާ ކަމެއް ކަމަށް އޭނާ ވަނީ ނިންމަވާފައެވެ.
އޮސްޓްރިއާގެ ޕާލަމެންޓުން މި ގާނޫނު ފާސްކުރުމާ ގުޅިގެން، އިސްލާމިކް ރިލިޖަސް ކޮމިއުނިޓީން ވަނީ މި މައްސަލަ ކޮންސްޓިޓިއުޝަނަލް ކޯޓަށް ހުށަހަޅާނެ ކަމަށް އިއުލާނުކޮށްފައެވެ.







