ނެދަލެންޑްސްގައި ހުންނަ މިސްކިތަކަށް ދިން ހަމަލާއެއްގައި އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކާ މެދު އިސްލާމިކް ފައުންޑޭޝަން ނެދަލެންޑްސް (އައިއެސްއެން) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އައިއެސްއެން އިން ބުނި ގޮތުގައި މި ހަމަލާ ދީފައިވަނީ ރޭގަނޑުގެ ވަގުތެއްގައެވެ. ބަޔަކު މީހުން ނެދަލެންޑްސްގެ ޒާންދާމްގައި ހުންނަ ސުލްތާން އަހުމަދު މިސްކިތަށް ވަދެ، އެ މިސްކިތުގެ އެތެރެއަށް ގެއްލުންތަކެއް ދީފައެވެ. މި ހަމަލާގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ މިސްކިތުގެ ހަރިންމައިގައި އަލަށް އިމާރާތް ކުރަމުންދާ އެޑިއުކޭޝަން ސެންޓަރަށެވެ.
މިއީ ވަކިވަކި ހާދިސާތަކެއް ނޫން ކަމަށާއި، މިއީ ނެދަލެންޑްސްގައި ހުންނަ އަޅުކަންކުރާ ތަންތަނަށް އަމާޒުކޮށް ހިންގާ ސިލްސިލާ ހަމަލާތަކެއްގެ ބައެއް ކަމަށް އައިއެސްއެން އިން ވަނީ އިންޒާރު ދީފައެވެ. އެ ޖަމާއަތުން ފާހަގަކުރި ގޮތުގައި މީގެ ކުރިން ވެސް މިސްކިތްތަކަށް އިންޒާރުގެ ސިޓީތައް ފޮނުވުމާއި، ފާރުތަކުގައި ކުރެހުމާއި، ބިރުދެއްކުމުގެ އިތުރުން ޖިސްމާނީ ގޮތުން ވެސް ހަމަލާތައް ދީފައިވެއެވެ.
"މިފަދަ ހާދިސާތަކުގެ ސަބަބުން މުސްލިމް މުޖުތަމައުގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދި، ރައްކާތެރިކަމެއް ނެތް ކަމުގެ އިހުސާސް ދަނީ ކުރެވެމުން،" އައިއެސްއެން އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މި ހާދިސާގެ ތަހުގީގަށް އިސްކަންދީ، މިސްކިތްތަކާއި އެހެނިހެން ދީނީ މަރުކަޒުތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ޖަމާއަތުން ވަނީ ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.







