ރެފިއުޖީއަކުން ފަސްޓް ލޭޑީއަކަށް: ސެރެލިއޯންގެ ފާތިމާ ބިއޯގެ ދަތުރު

ސެރެލިއޯންގެ ފަސްޓް ލޭޑީ ފާތިމާ ބިއޯ އަކީ އެ ގައުމުގެ ސިޔާސީ މަސްރަހުގައި ނުފޫޒުގަދަ އަދި އެހާމެ ޚިޔާލު ތަފާތު ބޭފުޅެކެވެ. ލަންޑަނުގައި ރެފިއުޖީއެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން އޭނާ ވިދާޅުވީ، އެއީ އޭނާގެ ބައްޕަ އޭނާ މަޖުބޫރުން ކައިވެނިކޮށްދޭން އުޅުނު އުމުރުން ދުވަސްވީ މީހާއާ ކައިވެނިކުރުމަށްވުރެ ރެފިއުޖީއަކަށް އުޅުން މާ ރަނގަޅު ގޮތެއް ކަމަށެވެ.

އުމުރުން އެންމެ 13 އަހަރުގައި އޭނާއަށްވުރެ މާ ދޮށީ މީހަކާ ކައިވެނިކޮށްދޭން ބައްޕަ ނިންމި ނިންމުމަކީ ފާތިމާގެ ހަޔާތް ބަދަލުކޮށްލި ކަމެކެވެ. ނަމަވެސް 1996 ވަނަ އަހަރު ސެރެލިއޯންގައި ފެށުނު ދާޚިލީ ހަނގުރާމައިގެ ތެރޭގައި އޭނާ ވަނީ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައެވެ. މި ތަޖުރިބާގެ ސަބަބުން، 2024 ވަނަ އަހަރު ސެރެލިއޯންގައި ކުޑަކުދިންގެ ކައިވެނި މަނާކުރާ ގާނޫނެއް ފާސްކުރުމަށް އޭނާ ވަނީ އިސްދައުރެއް އަދާކުރައްވާފައެވެ. "އިނގިރޭސިވިލާތަކީ އަހަރެންގެ ސަލާމަތްތެރިކަން. އެތަނުން އަހަރެންގެ އަމިއްލަ މިނިވަންކަމާއި އަޑު އުފުލުމުގެ ބާރު ލިބުނު،" ފާތިމާ ވިދާޅުވިއެވެ.

ސެރެލިއޯންގެ ރައީސް ޖޫލިއަސް ބިއޯގެ އަނބިކަނބަލުންގެ ހައިސިއްޔަތުން ފާތިމާ ފެންނަނީ ހަމައެކަނި ރަމްޒީ ފަރާތެއްގެ ގޮތުގައެއް ނޫނެވެ. އޭނާއަކީ ވެރިކަންކުރާ ޕާޓީގެ ހަރަކާތްތެރި މެންބަރެކެވެ. ނަމަވެސް، އޭނާ ސިޔާސީ ކަންކަމުގެ ތެރެއަށް މާބޮޑަށް ވަންނަ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔައެވެ. މަޖިލިސް ތެރޭގައި މެންބަރުންގެ މަލާމާތާއި ކުރިމަތިލާން ޖެހުނު ނަމަވެސް، އޭނާ ވިދާޅުވަނީ އެއީ އަންހެނުން ބާރުވެރިކުރުވުމަށް ގަބޫލުނުކުރާ ފިރިހެނުންގެ އަމަލުތަކެއް ކަމަށެވެ.

ފާތިމާ ބިއޯއާ ގުޅޭގޮތުން އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ލަންޑަނުގެ ސައުތުވޯކްގައި ހުންނަ ކައުންސިލް ހައުސިން ފްލެޓެއް އަދިވެސް އޭނާގެ ނަމުގައި އޮތް މައްސަލައެވެ. ގައުމެއްގެ ފަސްޓް ލޭޑީއަކަށް ހުންނަވައި، އެތައް ހާސް ބަޔަކު ކިއޫގައި ތިބި ސޯޝަލް ހައުސިން ފްލެޓެއް ހިފަހައްޓައިގެން ހުރުމުން އިނގިރޭސިވިލާތުގެ ނޫސްތަކުގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ނަމަވެސް އޭނާ ވިދާޅުވަނީ އޭނާގެ ދަރިންނަކީ އިނގިރޭސި ރައްޔިތުން ކަމަށާއި، އޭނާ އަމިއްލައަށް ކުލި ދައްކަމުންދާތީ އެއީ ކުށެއް ނޫން ކަމަށެވެ.

ފަހަކަށް އައިސް ފާތިމާ ބިއޯއަށް އެންމެ ބޮޑު ޕްރެޝަރެއް ކުރިމަތިވީ، ޔޫރަޕުން ހޯދަން ބޭނުންވެފައިވާ މަސްތުވާތަކެތީގެ ބޮޑެއް ކަމަށްވާ ޖޮސް ލައިޑެކާސްއާ އެކު ފައްޅިއެއްގެ ތެރެއިން ފެނުނު ވީޑިއޯއަކާ ގުޅިގެންނެވެ. މިފަދަ އެތައް މައްސަލައެއްގެ ތެރޭގައި ހުންނެވި ނަމަވެސް، ފާތިމާ ބިއޯ ދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދަމުންނެވެ.

ހިއްސާ ކުރައްވާ!