ރާއްޖެއިން މިޔަންމާރާ ދެކޮޅަށް ކުރި ދައުވާ ކާމިޔާބުވެއްޖެ

2017 ވަނަ އަހަރު މިޔަންމާގެ ސަލާމަތީ ބާރުތަކުން އެ ޤައުމުގެ ބައިމަދު ރޮހިންގްޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލުޢާންމުތަކާއި، ހިންގި ޖިންސީ އަނިޔާތަކަކީ ދައުލަތުން ވާގިވެރިވެގެން ހިންގާފައިވާ ނަސްލު ނައްތާލުމުގެ ޖެނޮސައިޑް ޖަރީމާއެއް ކަމަށް ކަނޑައަޅައި އދ ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ބުރާސްފަތި ދުވަހު ހުކުމް ކޮށްފިއެވެ.

މުސްލިމް އާބާދީ ބޮޑު ޤައުމެއް ކަމަށްވާ ގެމްބިއާއާއި ސައްތައިންސައްތަ މުސްލިމު ރާއްޖެއިން މީގެ ހަތް އަހަރު ކުރިން ހުށަހެޅި މި މައްސަލައިގައި ކޯޓުން ނިންމި މި ނިންމުމަކީ، ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީން ހިންގި ހޮލޮކޯސްޓަށްފަހު، ނަސްލު ނައްތާލުމުގެ ޖަރީމާގެ ޤާނޫނީ މިންގަނޑު ފުރިހަމަވާ ކަމަށް ބައިނަލްއަޤްވާމީ ކޯޓަކުން ކަނޑައެޅި ހަތަރުވަނަ ފަހަރެވެ. އަދި މިއީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްގެ ޒިންމާ ދައުލަތެއްގެ ބޮލުގައި ބައިނަލްއަޤްވާމީ ކޯޓަކުން އެޅުވި ފުރަތަމަ ފަހަރުވެސް މެއެވެ.

ކޯޓުގެ ޙުކުމް އިއްވަވަމުން ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޔޫޖީ އިވަސާވާ ވިދާޅުވީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން އެތައް ހާސް ރޮހިންގްޔާ އާންމުންނެއް މަރާލައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާތައް ހިންގާފައިވާކަން ކޯޓަށް ސާބިތުވާ ކަމަށެވެ.

މީގެއިތުރުން، ކުޑަކުދިންނާ ދެކޮޅަށް އިންތިހާއަށް އަނިޔާވެރި ޢަމަލުތައް ހިންގައި، ފުރާނަ ސަލާމަތްކުރުމަށް ފިލަން ދުވި ރޮހިންގްޔާ މީހުންނަށްވެސް ސިފައިން ހަމަލާދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުތުރު ރަކީން ސްޓޭޓްގައި ދިރިއުޅުނު ރޮހިންގްޔާ ނަސްލުގެ މީހުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާފައިވާ ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅާފައެވެ.

ފަނޑިޔާރުންގެ ހޯދުންތަކުން އެނގޭ ގޮތުގައި، މިޔަންމާގެ ސިފައިން ހިންގި "ނަސްލު ސާފުކުރުމުގެ އޮޕަރޭޝަންތަކުގެ" ތެރޭގައި ރޮހިންގްޔާ ފިރިހެނުންނާއި ފިރިހެން ކުދިން އެއްކޮށް މަރާލައި، އަންހެނުންނަށް ޖިންސީ ގޯނާކޮށް ރޭޕްކުރުމުގެ އިތުރުން އެތައް ސަތޭކަ އަވަށެއްގައި ހުޅުޖަހައި ބިމާ ހަމަކޮށްލާފައިވެއެވެ. އަދި ރޮހިންގްޔާ އާބާދީއަށް އަމާޒުކޮށް ނަފްރަތު އުފެއްދުމުގެ ވާހަކަތައް ސިފައިން ރާވައިގެން ފަތުރާފައިވާ ކަމަށްވެސް ކޯޓުން ފާހަގަކުރިއެވެ. އައި.ސީ.ޖޭގެ މި ޙުކުމަކީ އެންމެ ފަހުގެ ނިންމުން ކަމަށްވާތީ، މި ނިންމުން އިސްތިއުނާފެއް ނުކުރެވޭނެއެވެ.

ބައިނަލްއަޤްވާމީ ކޯޓުތަކުގައި ނަސްލު ނައްތާލުމުގެ ޖަރީމާ ސާބިތުކުރުމަކީ ވަރަށް އުދަނގޫ އަދި ނާދިރު ކަމެކެވެ. ވަކި ޤައުމެއްގެ، ނަސްލެއްގެ، ދަރިކޮޅެއްގެ ނުވަތަ ދީނެއްގެ ބަޔަކު އެއްކޮށް ނުވަތަ އޭގެ ބޮޑު ބައެއް ނައްތާލުމުގެ ޚާއްސަ ނިޔަތެއް އޮތްކަން ޤާނޫނީ ގޮތުން ސާބިތުކޮށްދޭންޖެހޭތީ އެކަން އުދަގޫ ވެއެވެ.

15 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗުން ނިންމާފައިވަނީ، އުތުރު ރަކީން ސްޓޭޓްގައި ތިބި ރޮހިންގްޔާ އާބާދީގެ ބޮޑު ބައެއް ނައްތާލުމުގެ ނިޔަތް މިޔަންމާގެ ސަރުކާރުގެ ކިބައިގައި އޮތްކަން، މިޔަންމާގެ ސިފައިންގެ ޢަމަލުތަކުން އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.

މި ނިންމުމުގެ އަސަރު މިޔަންމާގެ މައްސަލައިގެ އިތުރުން ބައިނަލްއަޤްވާމީ އެހެން މައްސަލަތަކަށްވެސް ކުރާނެ ކަމަށް ބެލެވެއެވެ.

ޚާއްސަކޮށް، ޣައްޒާގައި އިސްރާއީލުން ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގާ ކަމަށް ބުނެ 2023 ވަނަ އަހަރު ދެކުނު އެފްރިކާއިން ހުށަހަޅާފައިވާ މައްސަލައަށް މި ޙުކުމުގެ ސަބަބުން ބާރެއް ލިބޭނެއެވެ.

1948 ވަނަ އަހަރުގެ ނަސްލު ނައްތާލުން މަނާކުރާ މުޢާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ކޯޓުން ނިންމި މިފަދަ ފުރަތަމަ މުހިންމު ނިންމުމުގައި، ދައުލަތްތަކުގެ ޒިންމާ ކޯޓުން ވަޒަންކުރި ގޮތް ޤާނޫނީ މާހިރުން ދަނީ ދިރާސާކުރަމުންނެވެ.

އިސްރާއީލާއި މިޔަންމާއިންވެސް ނަސްލު ނައްތާލުމުގެ ތުހުމަތުތައް ދޮގުކޮށް ބުނަމުންދަނީ، އެ ޤައުމުތަކުގެ ސިފައިން ހިންގާފައިވާ ޖަރީމާތަކަކީ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ހަމަލާތަކަށް ދިން ޤާނޫނީ ރައްދެއް ކަމަށެވެ.

ބުދުދީނުގެ އަޣުލަބިއްޔަތު އޮންނަ މިޔަންމާގެ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން މަދުވެގެން 7 ލައްކަ ރޮހިންގްޔާ މުސްލިމުން ގެދޮރު ދޫކޮށް ބަންގްލަދޭޝްއަށް ފިލައިގެން ގޮސްފައި ވެއެވެ.

ކޯޓުން އަމުރުކޮށްފައިވަނީ މިޔަންމާއިން ހިންގާފައިވާ ޖަރީމާތަކަށް ރޮހިންގްޔާ ރައްޔިތުންނަށް ބަދަލު ދޭންޖެހޭނެ ކަމަށާއި، ބަދަލުގެ މިންވަރު ފަހުގެ ތާރީޚެއްގައި ކަނޑައަޅާނެ ކަމަށެވެ.

މީގެއިތުރުން، ގެދޮރު ގެއްލިފައިވާ ރޮހިންގްޔާ މީހުން ރައްކާތެރިކަމާއި ޤަދަރުވެރިކަމާއެކު އެ މީހުންގެ އަމިއްލަ ވަޒަނަށް އެނބުރި ދިއުމުގެ ފުރުޞަތު ދިނުމަށާއި، ވަކިވެފައިވާ އާއިލާތައް އަލުން އެއްކުރުމަށް މަގުފަހިކޮށްދިނުމަށްވެސް މިޔަންމާގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މީގެ ކުރިން ނަސްލު ނައްތާލުމުގެ ޖަރީމާ ހިނގާފައިވާ ކަމަށް ބައިނަލްއަޤްވާމީ ކޯޓުތަކުން ކަނޑައަޅާފައިވަނީ 1994 ވަނަ އަހަރު ރުވާންޑާގައި ހިނގި ޤަތުލުޢާންމާއި، 1995 ވަނަ އަހަރު ބޮސްނިއާގެ ސްރެބްރެނިޓްސާގައި ހިންގި ސަރުބުން ހިންގި ޤަތުލުޢާންމުގެ އިތުރުން 1970 ގެ އަހަރުތަކުގެ ފަހުކޮޅު ކެމްބޯޑިއާގެ ޚްމޭރް ރޫޖްގެ ވެރިކަމުގައި ހިންގި ޖަރީމާތަކުގައެވެ.

ދައުލަތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބަލާ އައި.ސީ.ޖޭގެ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުންތައް ކަމަށްވީ ނަމަވެސް، އެ ޙުކުމްތައް ތަންފީޒުކުރުމަށް ކޯޓަށް ބާރެއް ލިބިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!