ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިން ގަލްފުގެ 6 ގައުމެއް ހިމެނޭ ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އާއެކު ބޮޑު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް 3.7 ބިލިއަން ޕައުންޑްގެ ކުރިއެރުމެއް ލިބޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ލަފާކުރެއެވެ.
މި އެއްބަސްވުމުގައި ހިމެނެނީ އޮމާން، ބަހްރޭން، ކުވެއިތު، ގަތަރު، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. އެއްބަސްވުން ފުރިހަމައަށް ތަންފީޒުވުމުން، އިނގިރޭސިވިލާތުން އެ ސަރަހައްދަށް ބޭރުކުރާ މުދަލުން އަހަރަކު ގާތްގަނޑަކަށް 580 މިލިއަން ޕައުންޑްގެ ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކެނޑިގެންދާނެއެވެ. މީގެ ތެރޭގައި ޗީޒް، ބަޓަރު އަދި ޗޮކްލެޓް ފަދަ އުފެއްދުންތައް ހިމެނެއެވެ.
ބޮޑުވަޒީރު ސަރ ކިއަރ ސްޓާމަރު ވިދާޅުވީ މިއީ އިނގިރޭސި މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ލިބުނު "ބޮޑު ކާމިޔާބީއެއް" ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި މީގެ ފައިދާ މުސާރަ ބޮޑުވުމާއި އިތުރު ފުރުސަތުތަކުގެ ގޮތުގައި އާންމުންނަށް އިހުސާސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޖީ7 ގެ ގައުމަކާއި ޖީސީސީއާ ދެމެދު ވެވުނު މިފަދަ ފުރަތަމަ އެއްބަސްވުމެވެ.
ބިޒްނަސް އެންޑް ޓްރޭޑް ސެކްރެޓަރީ ޕީޓަރ ކައިލް ވިދާޅުވީ ދުނިޔޭގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، މި އެއްބަސްވުމުން އިނގިރޭސި އެކްސްޕޯޓަރުންނަށް ކުރިއަށް ރޭވުމަށް ބޭނުންވާ ޔަގީންކަން ލިބިގެންދާނެ ކަމަށެވެ. ޗާންސެލަރ ރޭޗަލް ރީވްސް ވެސް ވަނީ މިއީ ވަޒީފާތަކަށާއި ސިނާއަތްތަކަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ނަމަވެސް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ވަނީ މި އެއްބަސްވުމުގައި އިންސާނީ ހައްގުތަކާއި މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ތަފްސީލު ހިމަނާފައި ނުވާތީ ފާޑުކިޔާފައެވެ. "ޓްރޭޑް ޖަސްޓިސް މޫވްމަންޓް" އިން ބުނިގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އިންސާނީ ހައްގުތަކަށާއި ތިމާވެއްޓަށް ނުރައްކާވެދާނެއެވެ. ޚާއްސަކޮށް ގަލްފުގެ ގައުމުތަކުގެ ތެޔޮ ސިނާއަތުގެ ސަބަބުން ޖައްވަށް ބޭރުކުރާ ވިހަ ގޭސްތަކާ މެދު އެ ޖަމާއަތުން ކަންބޮޑުވުން ފާޅުކުރިއެވެ.
މި އެއްބަސްވުމަކީ ލޭބަރ ސަރުކާރުން އިންޑިއާ އަދި ދެކުނު ކޮރެއާއާއެކު ވެފައިވާ އެއްބަސްވުންތަކަށް ފަހު، އެ ސަރުކާރުން ސޮއިކުރި ތިންވަނަ ވިޔަފާރީގެ އެއްބަސްވުމެވެ. އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ބުނެފައިވަނީ މިއީ ބްރެކްސިޓްގެ ސަބަބުން ލިބުނު ފުރުސަތެއް ކަމަށާއި، މި މަޝްވަރާތައް ފެށީ އެމީހުންގެ ސަރުކާރުގައި ކަމަށެވެ.



