އިންސާނީ ހައްގުތަކުގެ ދިފާއުގައި ޔޫރަޕް ކޮންމެ ފަހަރަކު ފެއިލްވަނީ ކީއްވެ؟

ޔޫރަޕްގެ ގައުމުތަކުން އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި ގެންގުޅޭ ދެފުށްގެރޭ ސިޔާސަތާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. މި ބަހުސް އާންމުވެފައި ވަނީ އަޔަލޭންޑްގެ ޑަބްލިންގައި ކޮންގޯއަށް އުފަން އީވްސް ސަކީލާ ގެ ކަރަށް ފައިން އަރައި ކަރަށް ފިއްތައިގެން ފުލުހުން އޭނާ މަރާލުމާ ގުޅިގެން ނެވެ.

ދުނިޔޭގެ ފެންވަރުގައި އިންސާނީ ހައްގުތަކުގެ ދިފާއުވެރިންގެ ގޮތުގައި އިޝްތިިހާރު ބޯޑު އަޅުވާފައިވާ ޔޫރަޕްގެ ގައުމުތަކުން، އެ ގައުމުތަކުގެ ބޯޑަރުތަކުގެ ތެރޭގައި އިންސާނުންނަށް ރައްކާތެރިކަން ހޯދައި ދިނުމުގައި ތަކުރާރުކޮށް ފެއިލްވަމުންދާ މައްސަލަ މި ހާދިސާއާއެކު އަނެއްކާވެސް ވަނީ ތިލަވެފައެވެ.

ޑަބްލިންގެ އެންމެ ކާރޫބާރޫ ބޮޑު އެއް މަގުގައި ފިހާރައެއްގެ ބޭރުން ސެކިއުރިޓީ ގާޑުންތަކެއް ސަކީލާ ހިފަހައްޓައި، އަނިޔާވެރި ގޮތަކަށް އޭނާގެ ކަރަށް ފައިން އެރުމުގެ ސަބަބުން އޭނާ މަރުވި ހާދިސާއާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ވަނީ އަޔަލޭންޑްގެ ޕާލަމެންޓް ކުރިމައްޗަށް އެއްވެ މުޒާހަރާކޮށްފައެވެ.

ސަކީލާ ބިންމައްޗަށް ވައްޓާލައި، ފަސް މީހަކު ވެގެން ގާތްގަނޑަކަށް ފަސް މިނެޓް ވަންދެން އޭނާ ގެ ކަރު ފިއްތައިގެން ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމު ވެފައެވެ، އެކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ މިއީ އަޔަލޭންޑަށް ކުރިމަތިވި "ޖޯޖް ފްލޮއިޑް މޮމެންޓް" އެއް ކަމަށް ބުނަމުންނެވެ.

ފްލޮއިޑަކީ އެމެރިކާގެ އަނިޔާވެރި ސިފައިން އޭނާގެ ކަރަށް ފައިން އަރައި ފިއްތައިގެން މަރާލި ކަޅު މީހެކެވެ.

ބޭރު ގައުމުތަކުގައި ހިނގާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކާ ބެހޭ ގޮތުން ޔޫރަޕުން ލެކްޗާތައް ދޭއިރު ޔޫރަޕުން އެހެން ގައުމުތައް އަބަދުވެސް ކުށްވެރިކުރެއެވެ. ނަމަވެސް، އިސްރާއީލުން ހިންގާ އިންސާނީ ހައްގަށް އަރައި ގަތުމާއި ޔޫރަޕްގެ އަމިއްލަ ގައުމުގައި މިފަދަ ހާދިސާތައް ހިނގުން ވާއިރު އެކަމާ މެދު މާބޮޑު ކަން ބޮޑުވުމއް ސަރުކާރު ފެންވަރުގައި ދައްކައި ނުހަދައެވެ.

ސަކީލާގެ މަރު ގެ ހާދިސާ ދިމާވީ އަޔަލޭންޑްގައި ހިޖުރަވެރިންނާ ދެކޮޅު ރޫހު އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ކޮމިއުނިޓީ ލީޑަރުން ބުނާ ގޮތުގައި، ދައުލަތުން ވަނީ އަލަށް އަންނަ މީހުން މުޖުތަމައުގެ ތެރެއަށް ވެއްދުމުގައާއި އެމީހުންނަށް އަމާޒުވާ ނަފްރަތާ ދެކޮޅަށް މަސައްކަތް ކުރުމުގައި ފެއިލްވެފައެވެ.

ސަކީލާއަކީ އައިޓީ ދާއިރާގައި މަސައްކަތް ކުރި، މަޑުމައިތިރި މިޒާޖެއްގެ މީހެއް ކަމަށް އޭނާގެ އެކުވެރިން ސިފަކުރެއެވެ. އޭނާ މަރުވިއިރު އުޅެމުންދިޔައީ މަގުމަތީގައެވެ.

އަޔަލޭންޑްގެ ބޮޑުވަޒީރު ވަނީ މި ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ ވައުދުތަކަށްވުރެ ބޮޑަށް އިންސާފު ގާއިމު ކޮށްދިނުމަށެވެ. މުޒާހަރާގެ ބައިވެރިން ތިބީ "ކަންކަން ފޮރުވުމެއް ނެތި، ލަސްނުކޮށް އިންސާފު ގާއިމުކުރޭ" ފަދަ ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ.

ޔޫރަޕުން އަބަދުވެސް ވާހަކަދައްކަނީ އިންސާނީ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާނީ ހައްގުތަކުގެ ވާހަކައެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުގައި މިސާލަކަށް ޖަރުމަން، އޮސްޓްރިއާ އަދި ބެލްޖިއަމްގައި މި ފަހުން ފެނިގެން ދިޔަ ފުލުހުންގެ އަނިޔާވެރިކަމާއި، ބޯޑަރުތަކުގައި ހިޖުރަވެރިން މަރާލުމާއި އެމީހުން ބަލައިގަތުމުގައި ހުރި ހުރަސްތަކަށް ބަލާއިރު، މި ގައުމުތަކުގެ ބަހާއި އަމަލާ ދިމާނުވާކަން ފާހަގަ ވެއެވެ.

ސަކީލާގެ މަރަކީ ފަރުދީ ހާދިސާއެއް ނޫނެވެ. މިއީ ޔޫރަޕްގެ އިންސާނީ ހައްގުތަކުގެ ވައުދުތައް، އަނިޔާ ލިބޭ މީހަކީ ކަޅު ނުވަތަ ހިޖުރަވެރިއަކަށް ވެއްޖެ ނަމަ ވަރަށް ފަސޭހައިން ނަގާލެވޭ ކަމުގެ ހިތާމަވެރި ހަނދާންކޮށްދިނުމެކެވެ.

ހިއްސާ ކުރައްވާ!