ކިންގް ޗާލްސް އަވަހާރަވިކަމަށްއިޢުލާން ކުރެވުމުން މަޢާފަށް އެދިއްޖެ

އިނގިރޭސިވިލާތުގެ ރަސްގެފާނު ކިންގް ޗާލްސް ތިންވަނަ އަވަހާރަވިކަމަށް އޮޅުމަކުން އިޢުލާން ކުރެވުމާ ގުޅިގެން، އެ ޤައުމުގެ ރޭޑިއޯ ސްޓޭޝަނަކުން ރަސްމީކޮށް މަޢާފަށް އެދިއްޖެއެވެ. މި ހާދިސާގެ ސަބަބުން އެ ވަގުތު ރޭޑިއޯ އަޑުއަހަން ތިބި ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޔޫކޭގެ "ރޭޑިއޯ ކެރޮލައިން" ގައެވެ. އެ ސްޓޭޝަނުން މަޢުލޫމާތު ދިން ގޮތުގައި، މިކަން މެދުވެރިވީ އެ ސްޓޭޝަނުގެ އޮޓޮމޭޓެޑް ސިސްޓަމްގައި ރަސްކަލަކު އަވަހާރަވުމުން އަމަލުކުރަން ކަނޑައަޅާފައިވާ ޚާއްޞަ ޕްރޮޓޮކޯލެއް ކުއްލިއަކަށް މަސައްކަތް ކުރުމުންނެވެ. މި މައްސަލައިގެ ސަބަބުން ރޭޑިއޯގެ އާންމު ޕްރޮގްރާމްތައް މެދުކެނޑި، ނުބައި މަޢުލޫމާތު ފެތުރިގެން ދިޔައެވެ.

ސްޓޭޝަންގެ މެނޭޖަރު ޕީޓާ މޯ ބުނި ގޮތުގައި، މިއީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެކެވެ. އަދި މިކަމުގެ ސަބަބުން ރަސްގެފާނަށާއި އަޑުއެހުންތެރިންނަށް ލިބުނު ނުތަނަވަސްކަމަށްޓަކައި ސްޓޭޝަނުން "ނުހަނު ހިތާމަކުރާ" ކަމަށްވެސް އޭނާ ބުންޏެވެ. މި ހާދިސާ ހިނގި ވަގުތުގެ ރެކޯޑިންގްތައް މިހާރު ވަނީ އެ ސްޓޭޝަނުގެ އޮންލައިން ސިސްޓަމުން އުނިކޮށްފައެވެ.

މި ދޮގު ޚަބަރު ފެތުރުނު ވަގުތަކީ ކިންގް ޗާލްސް އާއި ރާނީ ކެމިލާ ނޮދަން އަޔަލޭންޑަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އުޅުއްވި ވަގުތެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ގެންދެވީ ސަގާފީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން އާންމުންނާ ބައްދަލުކުރައްވަމުންނެވެ.

މި ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ބްރޯޑްކާސްޓިންގް ރެގިއުލޭޓަރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި މި މައްސަލަ ރަސްމީކޮށް ތަޙުޤީޤު ކުރާނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ.

ހިއްސާ ކުރައްވާ!