ނަބީބޭކަލުންގެ ވާހަކަ: ހޫދުގެފާނާއި އާދު ބާގައިގެ މީހުންގެ ޙަޔާތުން ލިބޭ ފިލާވަޅުތައް

ނަބީބޭކަލުންގެ ވާހަކަތަކަކީ އިންސާނިއްޔަތަށް ހުރި ނޫރެއް ކަމަށާއި، އެއީ ޒަމާންތަކަށް ބަދަލުނުވާނޭ ސާބިތު މިންގަނޑުތަކެއްކަން ކަށަވަރެވެ. މިގޮތުން ހޫދުގެފާނާއި އެކަލޭގެފާނުގެ ގައުމުގެ މީހުން ކަމުގައިވާ "އާދު" ބާގައިގެ މީހުންގެ ވާހަކައަކީ، އިންސާނީ މާއްދީ ބާރާއި އިލާހީ ކުޅަދުންވަންތަކަން ކުރިމަތިލާއިރު ކަންކަން ނިމިގެންދާ ގޮތް ބަޔާންކޮށްދޭ ވަރުގަދަ މިސާލެކެވެ. އާދު ބާގައިގެ މީހުންނަކީ އުމްރާނީ ގޮތުންނާއި ހަށިގަނޑުގެ ވަރުގަދަކަމުގެ ގޮތުން ދުނިޔެ ނުދެކޭފަދަ ކުރިއެރުމެއް ހޯދި ބައެކެވެ.

އާދު ބާގައިގެ މީހުން ދިރިއުޅުނީ އޮމާނާއި ޔަމަނާ ދެމެދު އޮންނަ "އަޙްޤާފް" ކިޔާ ސަރަހައްދުގައެވެ. ޤުރުއާނުގައި ސިފަކުރައްވާފައިވާ ގޮތުގައި އެމީހުންނަކީ إِرَمَ ذَاتِ الْعِمَادِ "އިރަމް ޛާތުލް ޢިމާދު" އެވެ. އެބައިމީހުންނަކީ ފަރުބަދަތަކުން ގެދޮރު ކަނޑައިނަގައި، ބިޔަ ތަނބުތަކުގެ މައްޗަށް ގަނޑުވަރުތައް ބިނާކޮށް، އިންޖިނިއަރިންގް ދާއިރާއިން އާދަޔާޚިލާފު ކުރިއެރުމެއް ހޯދި ބައެކެވެ.

﴿الفجر9﴾ وَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ އަދި ޘަމޫދު ބާގައިމީހުންނާ މެދުގައިވެސްމެއެވެ. އެއުރެންނީ، ވާދީގައި ހިލަކަނޑައި، ގެދޮރު އަޅައި އުޅުނު މީހުންނެވެ.

މީގެ އިތުރުން، ﷲ އެބައިމީހުންނަށް ދެއްވި ބިޔަ ހަށިގަނޑާއި ބާރުގެ ސަބަބުން، "އަހަރެމެންނަށްވުރެ ބާރުގަދައީ ކާކުހޭ؟" ބުނެ ކިބުރުވެރިވެ، ބިންމަތީގައި ފަސާދަ އުފައްދަން ފެށިއެވެ.

﴿فصلت 15﴾ فَأَمَّا عَادٌ فَاسْتَكْبَرُوا فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً ۖ أَوَلَمْ يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً ۖ وَكَانُوا بِآيَاتِنَا يَجْحَدُونَ
ފަހެ، ޢާދު ބާގައިމީހުން ދަންނާށެވެ! އެއުރެން ޙައްޤަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި ﷲ، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.

މިފަދަ ކިބުރުވެރިކަމެއްގެ ތެރޭގައި އެބައިމީހުން ވަނިކޮށް، ﷲ އެބައިމީހުންގެ ގާތަށް ހޫދުގެފާނު ފޮނުއްވިއެވެ. ހޫދުގެފާނު އެބައިމީހުންނަށް ގޮވާލެއްވީ އެއްކައުވަންތަ ﷲ އަށް އަޅުކަން ކުރުމަށާއި، ﷲ ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:

﴿الأعراف 65﴾ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۚ أَفَلَا تَتَّقُونَ
އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުން ﷲއަށް އަޅުކަން ކުރާށެވެ! އެކަލާނގެ ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެކަލާނގެއަށް) ތަޤްވާވެރި ނުވަނީ ހެއްޔެވެ؟

"އޭ ގައުމުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ގާތުން ފާފަ ފުއްސެވުމަށް އެދޭށެވެ. އަދި އެކަލާނގެއަށް ތައުބާވާށެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އުޑުން ބޯކޮށް ވާރޭ ފޮނުއްވައި، ތިޔަބައިމީހުންގެ ބާރުގެ މައްޗަށް ބާރު އިތުރުކޮށްދެއްވާނެއެވެ."

﴿هود 52﴾ وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا وَيَزِدْكُمْ قُوَّةً إِلَىٰ قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِينَ
އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތައުބާ ވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން (ވެހޭގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!

ނަމަވެސް އެބައިމީހުން އެކަލޭގެފާނުގެ ދަޢުވަތަށް ފުރަގަސްދީ، މަލާމާތްކޮށް، އެކަލޭގެފާނަކީ މޮޔައެއް ކަމަށް ބުންޏެވެ.

އާދު ބާގައިގެ މީހުންގެ ކިބުރުވެރިކަން ހައްދުފަހަނަޅައި ދިއުމުން، ﷲ އެބައިމީހުންނަށް އަޒާބު ފޮނުއްވިއެވެ. އެންމެ ފުރަތަމަ އެބައިމީހުންނަށް ފެނުނީ އުދަރެހުން ފާޅުވި ބިޔަ ވިލާގަނޑެކެވެ.

އެއީ ވާރޭ ވެހޭނެ ވިލާގަނޑެއް ކަމަށް ހީކޮށް އެބައިމީހުން އުފާކުރިއެވެ. ނަމަވެސް އެއީ ބިރުވެރި އަޒާބެކެވެ. ﷲ އެބައިމީހުންގެ މައްޗަށް ގަދަފަދަ ވަޔެއް ފޮނުއްވިއެވެ. ހަތް ރެޔާއި އަށް ދުވަސް ވަންދެން މެދުނުކެނޑި ޖެހުނު މި ވަރުގަދަ ވަައިގެ ސަބަބުން، އެބައިމީހުންގެ ހަށިތައް ބިންމައްޗަށް އުކާލެވުނީ ބޯކެނޑިފައިވާ ކަދުރު ރުކުގެ ބައިތަކެއް ފަދައިންނެވެ.

﴿الأحقاف 24﴾ فَلَمَّا رَأَوْهُ عَارِضًا مُّسْتَقْبِلَ أَوْدِيَتِهِمْ قَالُوا هَٰذَا عَارِضٌ مُّمْطِرُنَا ۚ بَلْ هُوَ مَا اسْتَعْجَلْتُم بِهِ ۖ رِيحٌ فِيهَا عَذَابٌ أَلِيمٌ
ފަހެ، އެއުރެންގެ ވާދީތަކާދިމާޔަށް ކުރިމަތިލައި، އުދަރެހަށް ހުރަސްވީ ވިލާގަނޑެއްގެ ސިފައިގައި އެއުރެންނަށް އެ (ޢަޛާބު) ފެނުނުހިނދު އެއުރެން ބުނޫއެވެ. މިއީ ތިމަންމެންނަށް ވާރޭވެއްސައިދޭނޭ ވިލާގަނޑެކެވެ. (އެންގެވިއެވެ.) އަދި ކިއެއްތަ! އެއީ އަވަސްވުމަށް ތިޔަބައިމީހުން އެދިގެންއުޅުނު ކަންތަކެވެ. ވޭންދެނިވި ޢަޛާބު އޭގައި ހިމެނިގެންވާ ގަދަވަޔެކެވެ.

އާދު ބާގައިގެ ވާހަކައިން ލިބޭ އެންމެ ބޮޑު ފިލާވަޅަކީ، ކިތަންމެ ބޮޑު މާއްދީ ބާރެއް ލިބުނު ކަމުގައިވިޔަސް، ޚާލިޤުވަންތަ ﷲ އަށް އުރެދިއްޖެ ނަމަ އެ ބާރަކީ އެއްވެސް އެއްޗެއް ނޫންކަމެވެ. މިއަދުގެ ދުނިޔޭގެ ތަމައްދުނުތަކަށްވެސް މިއީ އޮތް ބޮޑު އިންޒާރެކެވެ. ކާމިޔާބީއާއި ރައްކާތެރިކަން އޮތީ އީމާންކަމާއި، އިސްތިޣްފާރު ކުރުމާއި، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މައްޗަށްކަން މި ތާރީޚީ ހާދިސާއިން ސާބިތުވެއެވެ.

ހިއްސާ ކުރައްވާ!