އިންސާނުންނަށް މިއަދު މި ފެންނަ ކާއިނާތަކީ އަބަދަށް ވުޖޫދުގައި އޮތް އެއްޗެއްތޯ އާމެދު ކުރެވޭ ބަހުސްގައި، މިއަދުގެ ސައިންސްވެރިން ވަނީ އިންސާނީ ހޯދުންތަކުން މި ކާއިނާތަކީ މީގެ 14 ބިލިއަން އަހަރު ކުރިން ވުޖޫދުވެފައިވާ އެއްޗެއްކަން ސާބިތުކޮށްދީފައެވެ. މިއީ އިސްލާމްދީނުގައި ބަޔާންކުރައްވާފައިވާ ކާއިނާތުގެ ފެށުމާ ވަރަށް ބޮޑަށް ގުޅޭ ހޯދުންތަކެކެވެ.
﴿الأنبياء 30﴾ أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ
ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟
ބިގް ބޭންގް ތިއަރީ އާއި ކާއިނާތް ފުޅާވުން
މީގެ ގަރުނެއް ކުރިން އެޑްވިން ހަބަލް ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި، ދުރުގައިވާ ގެލެކްސީތައް ދަނީ އަހަރެމެންނާ ދުރަށް ދަތުރުކުރަމުންނެވެ. މިކަމަށް ސައިންސްވެރިން ކިޔަނީ "ރެޑް ޝިފްޓް" އެވެ. މީގެ މާނައަކީ ކާއިނާތް ފެށުނީ އެންމެ ނުކުތާއަކުން ކަމެވެ. މިއީ ކީރިތި ގުރުއާނުގެ އަލްއަންބިޔާ ސޫރަތުގެ 30 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ "އުޑުތަކާއި ބިން އެކަތިގަނޑެއްގެ ގޮތުގައި ވަނިކޮށް، ތިމަންރަސްކަލާނގެ އެ ދޭތި ވަކިކުރެއްވިކަން ކާފިރުވި މީހުންނަށް ނޭނގެނީ ހެއްޔެވެ؟" މި ބަސްފުޅާ ދިމާވާ ހަގީގަތެކެވެ. އަދި އައްޛާރިޔާތު ސޫރަތުގައި ކާއިނާތް ފުޅާކުރައްވާކަންވެސް ވަނީ ބަޔާންކުރައްވާފައެވެ.
﴿الذاريات 47﴾ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
﴿48﴾ وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ އަދި ތިމަންރަސްކަލާނގެ ބިންގަނޑު ފެތުރުއްވީމެވެ. ފަހެ، ތަންމައްޗެއްގެ ގޮތުގައި (ބިންގަނޑު) ފެތުރުއްވި ރަސްކަލާނގެ މޮޅުކަމާއެވެ!
﴿49﴾ وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ ކޮންމެ އެއްޗަކުން ތިމަންރަސްކަލާނގެ އަންހެން ފިރިހެން ދޭތި އުފެއްދެވީމެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ.
އިންސާނީ އިލްމުގެ އިންތައް
ސައިންސްވެރިން ކާއިނާތުގެ އެންމެ ފުރަތަމަ ފެށުމަށް ވާސިލްވާން މަސައްކަތް ކުރާއިރު، "ޕްލާންކް ޓައިމް" އާ ހަމައިން ހުރަސްތަކަކާ ކުރިމަތިވެއެވެ.
ޕްލާންކް ޓައިމް އަކީ ކާއިނާތުގައި ހިމެނޭ ވަގުތު ބަހާލާއިރު އޭގެ އެންމެ ކުޑަ މިންވަރަށް ސައިންވެސްރިން ދީފައިވާ ނަމެވެ. އެއީ ސިކުންތެއް ބައިކޮށްލާއިރު އޭގެ ވަގުތު ބުނެ ދިނުމަށް ބޭނުން ކުރާ އަދަދެވެ. ގަނޑުކޮޅެއްގައި ސުމެއް ލިޔުމަށްފަހު ޑޮޓެއް ޖެހުމަށް ފަހު އެއާ ޖެހިގެން 41 ސުން ޖެހުމަށްފަހު ދެން 43 ލިޔެލާށެވެ! އެއީ ކާއިނާތުގެ ވަގުތުގެ އެންމެ ކުޑަ މިންވަރެވެ!
ސައިންޓިސްޓުން ކާއިނާތުގެ އުމުގެ ހިސާބު ޖަހައި "ޕްލާންކް ޓައިމް" އާ ހަމައިން ފިޒިކްސްގެ ގާނޫނުތައް މަސައްކަތް ކުރުން ހުއްޓެއެވެ. އެ ހިސާބުން މައުލޫމާތުތައް ވަންހަނާ ވެގެން ދެއެވެ. މިއީ ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ "ސިދުރަތުލް މުންތަހާ" ނުވަތަ އިންސާނީ އަދި މަޚްލޫގުންގެ އިލްމު ނިމޭ ހިސާބާ ގުޅުވައިލެވޭ ހިސާބެވެ. މީގެން އަންގައިދެނީ އިންސާނާގެ ބުއްދިއަކީ އިންތަކެއް ކަނޑައެޅިފައިވާ އެއްޗެއް ކަމާއި، ފުރިހަމަ އިލްމު މިލްކުވެގެންވަނީ ހަމައެކަނި ﷲ އަށް ކަމެވެ.
﴿فصلت 9﴾ ۞ قُلْ أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ وَتَجْعَلُونَ لَهُ أَندَادًا ۚ ذَٰلِكَ رَبُّ الْعَالَمِينَ ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، ދެދުވަހުގެ ތެރޭގައި، ބިން ހެއްދެވި ރަސްކަލާނގެއަށް ތިޔަބައިމީހުން ކާފިރުވެ، އަދި އެކަލާނގެއަށް ތިޔަބައިމީހުން ޝަރީކުންތަކެއް ލަނީހެއްޔެވެ؟ އެކަލާނގެއީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ.
﴿10﴾ وَجَعَلَ فِيهَا رَوَاسِيَ مِن فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ أَيَّامٍ سَوَاءً لِّلسَّائِلِينَ އަދި އެކަލާނގެ، ފުރިހަމަ ހަތަރު ދުވަހުގެ ތެރޭގައި، އެ ބިމުގެ މަތީގައި އުފުލިފައިވާ، ހަރުލައިހުންނަ ފަރުބަދަތައް ލައްވައި، އަދި އެ ބިމުގައި ބަރަކާތްލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ ރިޒްޤު މިންވަރުކުރެއްވިއެވެ. (އެއީ) ސުއާލު ކުރާ މީހުންނަށްޓަކައެވެ.
﴿11﴾ ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ދެން ދުމެއްގެ ސިފައިގައި އުޑުވަނިކޮށް، އުޑުހައްދަވައި، ފުރިހަމަކުރެއްވުމަށް އެކަލާނގެ އިރާދަކުރެއްވިއެވެ. ފަހެ، އެކަލާނގެ އެ އުޑަށާއި، ބިމަށް ވަޙީ ކުރެއްވިއެވެ. ރުހުމުގައި، ނުވަތަ ނުރުހުމުގައިވިޔަސް (ފުރާފުރިހަމަވެގެން) އަންނާށެވެ! އެ އުޑާއި ބިން ދެންނެވިއެވެ. ތިމަންމެން ރުހުމުގައި އަތުވެއްޖައީމުއެވެ.
﴿12﴾ فَقَضَاهُنَّ سَبْعَ سَمَاوَاتٍ فِي يَوْمَيْنِ وَأَوْحَىٰ فِي كُلِّ سَمَاءٍ أَمْرَهَا ۚ وَزَيَّنَّا السَّمَاءَ الدُّنْيَا بِمَصَابِيحَ وَحِفْظًا ۚ ذَٰلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ ފަހެ، ދެދުވަހުގެ ތެރޭގައި އެކަލާނގެ ހަތް އުޑު ހެއްދެވިއެވެ. އަދި ކޮންމެ އުޑަކަށް، އެ އުޑެއްގެ ކަންތައް (ތަދްބީރު ކުރައްވައި) އެންގެވިއެވެ. އަދި ބައްތިތަކަކުން ތިމަންރަސްކަލާނގެ އެންމެ ކައިރި އުޑު ޒީނަތްތެރިކުރައްވައި، އަދި އެ އުޑު ރައްކާތެރި ކުރެއްވީމެވެ. އެއީ ޢަޒީޒުވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ގޮތެވެ.
އެއްކައުވަންތަކަމުން ގިނަގުނަ ކަންކަމަށް
ކާއިނާތުގެ ފެށުމުގައި ހުރިހާ ބާރުތަކެއް އޮތީ އެކުވެފައެވެ. ނަމަވެސް ކާއިނާތް ފުޅާވެ ފިނިވަމުން ދިޔަވަރަކަށް، މި ބާރުތައް ވަކިވެ، އެއިން ﷲގެ ކުޅަދުންވަންތަކާއި އެ އިލާހުގެ އަމުރުފުޅާއެކު އެކި ކަންކަން އުފެދިގެން ދިޔައެވެ.
﴿الذاريات 47﴾ وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
ޕާކިސްތާނުގެ ނޯބެލް އިނާމު ހާސިލްކުރެއްވި ޑރ. އަބްދުއްސަލާމް ވަނީ އޭނާގެ އިލެކްޓްރޯވީކް ތިއަރީ ބޭނުންކުރައްވައިގެން ފިޒިކްސް އިން އެއްކައުވަންތަކަން ސާބިތުކޮށްދޭ ކަން ހާމަކޮށްދެއްވާފައެވެ. އޭނާއަށް ނޯބެލްގެ އިނާމު ލިބުނީ އެ ދިރާސާއަށެވެ. މިއީ އިސްލާމްދީނުގެ އަސާސް ކަމުގައިވާ "ތައުހީދު" ނުވަތަ އެއްކައުވަންތަކަމުގެ ރަމްޒެކެވެ. މުޅި ކާއިނާތަކީ އެއް ފެށުމަކުން އައިސްފައިވާ، ފުރިހަމަ ނިޒާމެއްގެ ތެރެއިން ހިނގާ ކަމެކެވެ.
ސައިންސަކީ ކަލަކު ވޮޑިގެންވާކަން ނަފީކުރާ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި ސައިންސަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ފުރިހަމަކަން ދެނެގަތުމަށް އޮތް ވަސީލަތެކެވެ.






