އަޖައިބު ކުރުވަނި މޫސުމެއް: ހެނދުނު ބޯވިލާގަނޑެއް، ރޭގަނޑު ސާފު އުޑެއް

ޖޭމްސް ވެބް ޓެލެސްކޯޕުން ދުރުގެ ކައުނުގައިވާ ގޮތްނޭނގޭ މޫސުމީ ބަދަލުތަކެއް ދެނެގަނެފިއެވެ. ދުނިޔެއާ 299 އަލި އަހަރު ދުރުގައިވާ، "މައިކްރޮސްކޯޕިއަމް" ކޮންސްޓެލޭޝަންގައި އޮންނަ WASP-94 ab ނަމަކަށް ކިޔާ ޕްލަނެޓެއްގައި ހިނގާ ތަފާތު މޫސުމީ ކަންތައްތަކެއް ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ދެނެގަނެފިއެވެ. މި ހޯދުމަކީ ކައުނުގެ ފުންމިނުގައިވާ މާތްﷲގެ ކުޅަދުންވަންތަކަމާއި އިލާހީ ފުރިހަމަ ރޭވުންތެރިކަން ހާމަކޮށްދޭ ހެއްކެކެވެ.

﴿فصلت 53﴾ سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنفُسِهِمْ حَتَّىٰ يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ ۗ أَوَلَمْ يَكْفِ بِرَبِّكَ أَنَّهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ
އުދަރެސްތަކުގައްޔާއި، އެއުރެންގެ އަމިއްލަ ނަފްސުތަކުގައިވާ، ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް، ތިމަންރަސްކަލާނގެ އެއުރެންނަށް ނިކަންހުރެ ދައްކަވާހުށީމެވެ. އެއީ ޙައްޤު ތެދުކަން އެއުރެންނަށް ބަޔާންވެ އެނގިއްޖައުމަށް ދާނދެނެވެ. ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ކޮންމެކަމެއްގެ މައްޗަށް ހެކިވެވޮޑިގެންވާ ކަލަކުކަމުގައި ނުފުދޭހެއްޔެވެ؟

އަޖައިބު ކުރުވަނި މޫސުމެއް: ހެނދުނު ބޯވިލާގަނޑެއް، ރޭގަނޑު ސާފު އުޑެއް

ސައިންސް މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މި ޕްލެނެޓަކީ އޭގެ ތަރިއާ ވަރަށް ކައިރީގައި ދައުރުވާ "ހޮޓް ޖުޕިޓަރ" އެކެވެ. މި ޕްލެނެޓްގެ އެއްފަރާތް އަބަދުވެސް އޮންނަނީ އޭގެ ތަރިއާ ކުރިމަތިލައިގެން ކަމުން، އެ ފަރާތަށް އިންތިހާއަށް ހޫނުވެއެވެ. އަނެއް ފަރާތް އޮންނަނީ އަބަދުވެސް އަނދިރީގައެވެ. މި ދެފަރާތުގެ ފިނިހޫނުމިނުގައި 177 ޑިގްރީ ސެލްސިއަސްގެ ބޮޑު ތަފާތެއް ހުރެއެވެ.

މި ތަފާތުގެ ސަބަބުން ޕްލެނެޓް ގެ ޖައްވުގައި އާދަޔާ ހިލާފު ދައުރުވުމެއް އުފެދެއެވެ. "ފިނި ހެނދުނުގެ ފަރާތުގައި މައުދަނީ ބޯވިލާތައް އުފެދިފައިވާއިރު، ހޫނުގަދަ އިރުއޮއްސޭ ފަރާތުގައި މި ވިލާތައް ވިރިގެން ގޮސް އުޑުމަތި ސާފުވެއެވެ،" މި ދިރާސާގައި ބަޔާންކޮށްފައިވެއެވެ. މި ސާފު ސަރަހައްދުން ޖައްވުގައި ހުރި ފެން އާވީގެ ނިޝާންތައް ޓެލެސްކޯޕަށް ވަނީ ފެނިފައެވެ.

﴿البقرة 164﴾ إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ وَالْفُلْكِ الَّتِي تَجْرِي فِي الْبَحْرِ بِمَا يَنفَعُ النَّاسَ وَمَا أَنزَلَ اللَّهُ مِنَ السَّمَاءِ مِن مَّاءٍ فَأَحْيَا بِهِ الْأَرْضَ بَعْدَ مَوْتِهَا وَبَثَّ فِيهَا مِن كُلِّ دَابَّةٍ وَتَصْرِيفِ الرِّيَاحِ وَالسَّحَابِ الْمُسَخَّرِ بَيْنَ السَّمَاءِ وَالْأَرْضِ لَآيَاتٍ لِّقَوْمٍ يَعْقِلُونَ
ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި، ރޭދުވާ ތަފާތު ވުމުގައްޔާއި، މީސްތަކުންނަށް މަންފާކުރާ ތަކެއްޗާއިގެން ކަނޑުމަތީގައި ދުވާ އުޅަނދުތަކުގައްޔާއި، ﷲ އުޑުން ވެއްސެވި ފެނުގައްޔާއި، ފަހެ، ބިން މަރުވެ އޮތުމަށްފަހު އެފެނުގެ ސަބަބުން ބިމަށް ދިރުން ދެއްވައިފުމާއި، އަދި ހިނގައިބިނގައިއުޅޭ އެންމެހާ ބާވަތްތަކުގެ ދިރޭތަކެތި، އެ ބިމުގައި ފަތުރުއްވައިފުމާއި، އަދި އެކި ފަރާތްފަރާތުން ޖެހޭގޮތުގައި ވައިޖެއްސެވުމުގައްޔާއި، އުޑާއި ބިމާ ދެމެދު ކިޔަމަންކުރައްވާފައިވާ ވިލާގައި، ވިސްނާބަޔަކަށް ކަނޑައެޅިގެންހުރި ހެކިތަކެއް ވާކަން ކަށަވަރެވެ.

ސައިންސްވެރިންގެ ހޯދުންތަކަށް އައި ބޮޑު ބަދަލު

މީގެ ކުރިން ސައިންސްވެރިން ދުރުގެ ޕްލެނެޓްތަކުގެ ޖައްވު ދިރާސާ ކުރަމުން އައީ މުޅި ޖައްވަކީ އެއްގޮތް އޮންނަ އެއްޗެއްގެ ގޮތުގައި ބަލައިގެންނެވެ. ނަމަވެސް ޖޭމްސް ވެބް ޓެލެސްކޯޕްގެ "ނިރިސް" (NIRISS) އާލާތުގެ އެހީގައި، މިހާރު ވަނީ ޕްލެނެޓް ގެ ހެނދުނަށްވާ ފަރާތާއި ހަވީރަށްވާ ފަރާތުން އަންނަ އަލި ވަކިވަކިން ތަހުލީލު ކުރަން ފަށާފައެވެ. މިއީ ކައުނުގެ ހަގީގީ ތަަސްވީރު ދެނެގަތުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

﴿الدخان 38﴾ وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا لَاعِبِينَ
ތިމަންރަސްކަލާނގެ، އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހައި ތަކެތި، ކުޅިވަރެއްގެ ގޮތުގައި ނަހައްދަވަމެވެ.
﴿39﴾ مَا خَلَقْنَاهُمَا إِلَّا بِالْحَقِّ وَلَٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ
ޙައްޤު ގޮތުގައި މެނުވީ ތިމަންރަސްކަލާނގެ، އެ ދެތަނެއް ނަހައްދަވަމެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް (އެކަމެއް) ނޭނގެތެވެ.

ދުނިޔެއާ 299 އަލި އަހަރު ދުރުގައިވާ، "މައިކްރޮސްކޯޕިއަމް" ކޮންސްޓެލޭޝަންގައި އޮންނަ WASP-94 ab ނަމަކަށް ކިޔާ ޕްލަނެޓްއިން ފެނުނު މި ހޯދުންތަކަކީ، ދުރުގެ ކައުނުގައިވާ ކަންކަމަކީ ހަމައެކަނި ގޭހާއި ހިލަތަކެއް ނޫންކަމާއި، އެއީ ވަރަށް ފުރިހަމަ ނިޒާމެއްގެ ދަށުން ހިނގާ ކަންކަންކަން ސާބިތުކޮށްދޭ ކަމެކެވެ. އިންސާނުންގެ އިލްމު ކުރިއަރަމުންދާ ވަރަކަށް، ކައުނުގެ ކޮންމެ ދިމާއަކުންވެސް ފެންނަނީ ހެއްދެވި ފަރާތުގެ މަތިވެރިކަމެވެ.

﴿الفرقان 61﴾ تَبَارَكَ الَّذِي جَعَلَ فِي السَّمَاءِ بُرُوجًا وَجَعَلَ فِيهَا سِرَاجًا وَقَمَرًا مُّنِيرًا
އުޑުގައި ބުރުޖުތަކެއް ލައްވައި، އަދި އެތާނގައި ވޮށަކާއި، އަލިކުރާ ހަނދެއްލެއްވި ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ.
﴿62﴾ وَهُوَ الَّذِي جَعَلَ اللَّيْلَ وَالنَّهَارَ خِلْفَةً لِّمَنْ أَرَادَ أَن يَذَّكَّرَ أَوْ أَرَادَ شُكُورًا
އަދި އެކަލާނގެއީ، ރެޔާއި ދުވާލު އެކައްޗަކަށްފަހު، އަނެކައްޗެއް އަންނަގޮތުގައި ލެއްވި ރަސްކަލާނގެއެވެ. އެއީ ހަނދުމަކުރުމަށް އެދޭމީހަކަށް، ނުވަތަ ޝުކުރުވެރިވުމަށް އެދޭމީހަކަށްޓަކައެވެ.

ހިއްސާ ކުރައްވާ!