ނަބީ ބޭކަލުންގެ ވާހަކަ: ޢުޒައިރުގެފާނުގެ ވާހަކައިން ވަގުތުގެ މުޢުޖިޒާތް

ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ޢުޒައިރުގެފާނުގެ ވާހަކައަކީ، މަރުވުމަށްފަހު އަލުން ދިރުއްވުމާއި، މާތްﷲގެ ކުޅަދުންވަންތަކަން ހާމަކޮށްދޭ ވަރުގަދަ ދަލީލެކެވެ. މަޝްހޫރު ތަފްސީރު ޢިލްމުވެރިޔާ ޝައިޚް މުޙައްމަދު މުތަވައްލީ އައްޝައުރާވީ މި ވާހަކަ ތަފްސީރުކޮށްދެއްވަމުން، ފަޅުވެފައިވާ ރަށަކުން ހިންގަވާފައި ވަޑައިގެންނެވިއިރު އުޒައިރު ކުރެއްވި ސުވާލަކީ ޝައްކެއް އޮވެގެން ކުރެއްވި ސުވާލެއް ނޫންކަން ފާހަގަކުރައްވައެވެ. އެއީ މާތްﷲގެ ޚާލިގު ވަންތަކަމުގެ ސިއްރުތައް ދެނެގަތުމަށް އޮތް ޝައުޤުވެރިކަމެއްގެ ސަބަބުން ކުރެއްވި ސުވާލެކެވެ.

﴿البقرة 259﴾ أَوْ كَالَّذِي مَرَّ عَلَىٰ قَرْيَةٍ وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا قَالَ أَنَّىٰ يُحْيِي هَٰذِهِ اللَّهُ بَعْدَ مَوْتِهَا ۖ فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ ۖ قَالَ كَمْ لَبِثْتَ ۖ قَالَ لَبِثْتُ يَوْمًا أَوْ بَعْضَ يَوْمٍ ۖ قَالَ بَل لَّبِثْتَ مِائَةَ عَامٍ فَانظُرْ إِلَىٰ طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ ۖ وَانظُرْ إِلَىٰ حِمَارِكَ وَلِنَجْعَلَكَ آيَةً لِّلنَّاسِ ۖ وَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْمًا ۚ فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ނުވަތަ، ހިޔާވަހިކަންދޭ ފުރާޅުތަކާއި ޢިމާރާތްތައް ވެއްޓި ފަޅުވެފައިވާ ރަށެއްގެ ކައިރިންލާފައި ވަޑައިގަތް ބޭކަލެއްގެ ވާހަކަޔާމެދު ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ އޭނާ ވިދާޅުވިއެވެ. މިރަށް މަރުވުމަށްފަހު، (އެބަހީ: ފަޅުވެ ވީރާނާ ވުމަށްފަހު) ﷲ، އަލުން އެރަށް ދިރުއްވާނީ ކޮންފަދައަކުން ހެއްޔެވެ؟ ދެން، ﷲ، ސަތޭކަ އަހަރަށް، އޭނާ މަރުގެންނެވިއެވެ. ދެން އަލުން އޭނާ ދިރުއްވައި ޙަޔާތަށް ފޮނުއްވިއެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ކަލޭގެފާނު އަވަހާރަވެފައި އޮންނެވީ ކިތައްދުވަހުތޯއެވެ؟ އޭނާ ދެންނެވިއެވެ. ތިމަންއަޅާ އޮތީ އެންމެ ދުވަހަކުއެވެ. ނުވަތަ ދުވަހަކުން ބަޔެއްގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. އަދި ކިޔެއްހެއްޔެވެ! ސަތޭކަ އަހަރު ވާނދެން ކަލޭގެފާނު އޮންނެވީމުއެވެ. ފަހެ، ކަލޭގެފާނުގެ ކާތަކެއްޗަށާއި ބޯތަކެއްޗަށް ބައްލަވާށެވެ! އެތަކެއްޗަށް ބަދަލެއްނާދެއެވެ. އަދި، ކަލޭގެފާނުގެ ޙިމާރަށް ބައްލަވާށެވެ! (އެކަން އެގޮތަށް ކުރެއްވީ ކަލޭގެފާނު ދެނެވަޑައިގަތުމަށްޓަކައެވެ.) އަދި، މީސްތަކުންނަށް ހެތްކެއްކަމުގައި ކަލޭގެފާނު ލެއްވުމަށްޓަކައެވެ. އަދި، ތިމަންރަސްކަލާނގެ އެ ކަށިތައް އެއްކުރައްވައި، ދެން، އެ ކަށިތަކުގައި މަސް ލައްވަނީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައިގެން ބައްލަވާށެވެ! ދެން، އޭނާއަށް އެކަން ބަޔާންވެ އެނގިވަޑައިގަތްހިނދު ދެންނެވިއެވެ. ހަމަކަށަވަރުން، ﷲއީ، ކޮންމެ ކަމަކަށްމެ ކުޅަދުންވަންތަ ކަލާނގެކަން ޔަޤީން ކޮށް ދެނެގަންނަމެވެ.

ވަގުތު ހިފެހެއްޓުމާއި ވަގުތު ހިނގުން: ދެ މުޢުޖިޒާތެއް އެއްވަގުތެއްގައި

ޝައިޚް ޝައުރާވީ ބަޔާންކުރައްވާ ގޮތުގައި، ޢުޒައިރުގެފާނު ސަތޭކަ އަހަރަށް މަރުގަންނަވައި، އަލުން ދިރުއްވުމަށްފަހު، ވަގުތާ ގުޅޭ ދެ ބާވަތެއްގެ ހެކި މާތްﷲ ދެއްކެވިއެވެ.

  1. ފުރަތަމަ ކަމަކީ، އެކަލޭގެފާނުގެ ކާބޯތަކެތި ސަތޭކަ އަހަރުވީއިރުވެސް ކުނިނުވެ، ތާޒާކަންމަތީ ހުރުމެވެ. މިއީ އެ ތަކެއްޗަށް ވަގުތުގެ އަސަރު ނުކުރާނޭހެން ވަގުތު ހިފެހެއްޓެވުމުގެ ނިޝާނެކެވެ.
  2. ދެވަނަ ކަމަކީ، އެކަލޭގެފާނުގެ ހިމާރު މަރުވެ، ކަށިތައް ފީވެފައި އޮތުމެވެ. މިއީ ވަގުތު އޭގެ ޠަބީޢީ ގޮތުގައި ހިނގާފައިވާކަމުގެ ހެއްކެކެވެ.

މި ދެ ހާލަތުން ދޭހަކޮށްދެނީ، ވަގުތަކީ މާތްﷲގެ މަޚްލޫޤެއް ކަމާއި، އެކަލާނގެ އިރާދަކުރައްވައިފި ހިނދެއްގައި ވަގުތު ހުއްޓުވައި، ނުވަތަ އަވަސްކުރެއްވުމުގެ ފުރިހަމަ ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަމެވެ. ޢުޒައިރުގެފާނަށް ފެނިވަޑައިގަތީ ކަށިތަކުގައި މަސްޖަހައި، ފުރާނަ އެޅިގެންދިޔަ މަންޒަރެވެ. މިއީ އިލްމުލް ޔަޤީނުން ޙައްޤުލް ޔަޤީނަށް އެކަލޭގެފާނުގެ އީމާންތެރިކަން އުފުލިގެންދިޔަ ވަގުތެކެވެ.

އާއިލާއާ ބައްދަލުވުން: ދަރިފުޅަށްވުރެ ބައްޕަ ހަގުވުން

އަލުން ދިރުއްވުމަށްފަހު އެނބުރި ރަށަށް ވަޑައިގަތްއިރު، ޢުޒައިރުގެފާނު ހުންނެވީ މަރުވި ދުވަހު ހުންނެވި ޒުވާން އުމުރުގައެވެ. ނަމަވެސް އެކަލޭގެފާނުގެ ދަރިފުޅު ވަނީ ސަތޭކަ އަހަރުވެ، މުސްކުޅިވެފައެވެ. ޝައިޚް ޝައުރާވީ ފާހަގަކުރައްވާ ގޮތުގައި، މިއީ ތާރީޚުގައި ފެންނަން އޮތް ވަރަށް އަޖައިބު ކުރުވަނިވި މަންޒަރެކެވެ. ބައްޕައަށްވުރެ ދަރިފުޅު އުމުރުން ދެގުނަ ބޮޑުވުމެވެ. އެކަލޭގެފާނަކީ ޢުޒައިރުގެފާނުކަން ރަށުގެ މީހުންނަށް ޔަޤީންވީ، އެކަލޭގެފާނުގެ ދުޢާއިން ލޯފަން އަންހެނެއްގެ ފެނުން އަނބުރާ ލިބުމާއި، ގެއްލިފައިވާ ތައުރާތު ހިތުދަސްކޮށްދެއްވުމުންނެވެ.

ސައިންސާއި ދީނީ ފަލްސަފާ

މި މުޢުޖިޒާތާ ގުޅޭގޮތުން ޝައިޚް ޝައުރާވީ އިތުރަށް ވިދާޅުވަނީ، މިއީ ޒަމާނީ ސައިންސްގައި ބުނާ ’ސަސްޕެންޑަޑް އެނިމޭޝަން' ނުވަތަ ދިރުން ވަގުތީގޮތުން މެދުކެނޑުމާ ގުޅުވައިލެވިދާނެ ކަމެއް ކަމަށެވެ. ކަހަފު ބާގައިގެ މީހުންނަށްވެސް މެދުވެރިވީ މިފަދަ ހާލަތެކެވެ. އަދި މަރުވުމާއި ގަތުލުވުމުގެ ތަފާތު ބަޔާންކުރައްވަމުން، އިލާހީ ދިރުއްވުމަކީ އިންސާނުންނަށް ކުޅަދާނަވެގެންވާ ކަމެއް ނޫންކަމާއި، އެއީ ހަމައެކަނި ޚާލިޤުވަންތަ ރަސްކަލާނގެ ސިއްރެއްކަން އެކަލޭގެފާނު ހަނދާންކޮށްދެއްވައެވެ.

ހިއްސާ ކުރައްވާ!