ޢަރަފާތް ދުވަހަކީ ﷲގެ ބަރަކާތްތެރި ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އެއީ އެ ދުވަހެއްގެ މާތްކަމުގެ މައްޗަށް ކީރިތި ޤުރުއާނާއި ސުންނަތުގެ ނައްޞުތައް އެކުވެފައިވާ، ގުނާލެވޭ މަދު ދުވަސްތަކުގެ ތެރެއިން ހެކިދެވިގެންވާ ދުވަހެކެވެ.
ﷲ ތަޢާލާ އެކަލާނގެ ފޮތުގައި އެ ދުވަސް ގަންދީ ހުވާކުރައްވާފައިވެއެވެ. އެއްފަހަރު ސޫރަތުލް ފަޖްރުގައި ދިހަ ރޭގަނޑާއެކުގައެވެ.
وَالْفَجْرِ (1) وَلَيَالٍ عَشْرٍ (2) [الفجر] (މާނައީ: ފަތިސް ގަންދެއްވަމެވެ. އަދި އަދި ދިހަ ރޭ ގަންދެއްވަމެވެ. (ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ރޭ ގަންދީ ހުވާކުރައްވަމެވެ. އެހެންކަމުން އެއީ އެ ދިހަ ދުވަހުގެ ތެރެއިން ދުވަހެކެވެ. އަދި އެއީ {وَالشَّفْعِ وَالْوَتْرِ} އަދި ހިރިތަކެއްޗާއި، އޮނަހިރި ތަކެތި ގަންދެއްވަމެވެ.
މި އާޔަތުގައިވާ ހިރި އަދި އޮނަހިރި އާ ބެހޭ ގޮތުން މާތްﷲ އެބޭކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސް، ޢިކްރިމާ، އައްޟައްޙާކް އަދި ޢަޠާއު ބިން އަބީ ރަބާޙް ވިދާޅުވިއެވެ: "ހިރި (الشفع) އަކީ ނަޙްރު ދުވަހެވެ. އަދި އޮނަހިރި (الوتر) އަކީ ޢަރަފާތް ދުވަހެވެ."
އަދި އެއީ ﷲ ތަޢާލާގެ މި ބަސްފުޅުގައިވާ "ހެކިދެވިގެންވާ ދުވަހެވެ" (المشهود):
وَالسَّمَاءِ ذَاتِ الْبُرُوجِ (1) وَالْيَوْمِ الْمَوْعُودِ (2) وَشَاهِدٍ وَمَشْهُودٍ (3) [البروج:] (މާނައީ: ބުރުޖުތަކުގެވެރި އުޑު ގަންދެއްވަމެވެ. | އަދި ވަޢުދު ކުރައްވާފައިވާ ދުވަސް ގަންދެއްވަމެވެ. | އަދި ހެކިދޭ ފަރާތާއި، ހެކިދެވޭ ފަރާތް ގަންދެއްވަމެވެ.
ތަފްސީރު ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވިއެވެ: ވަޢުދު ކުރައްވާފައިވާ ދުވަހަކީ ޤިޔާމަތް ދުވަހެވެ. ހެކިވާ ފަރާތަކީ (الشاهد) ހުކުރު ދުވަހެވެ. އަދި ހެކިދެވޭ ދުވަހަކީ (المشهود) ޢަރަފާތް ދުވަހެވެ.
ޢަރަފާތް ދުވަސް އެއީ ބަރަކާތްތެރި ދުވަހެކެވެ. ﷲ އަޅުގަނޑުމެންނަށް ދީން ފުރިހަމަކޮށްދެއްވައި، ނިޢުމަތް ފުރިހަމަކޮށްދެއްވީ އެ ދުވަހުގައެވެ.
ޞަޙީޙައިނިގައި ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ: ޔަހޫދީންގެ މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ:
އޭ އަމީރުލް މުއުމިނީނެވެ! ތިޔަބޭފުޅުން ކިޔަވާ ވިދާޅުވާ ފޮތުގައި އާޔަތެއްވެއެވެ. އެ އާޔަތް އަޅުގަނޑުމެން ޔަހޫދީންގެ މައްޗަށް ބާވައިލެއްވުނު ނަމަ، އެ ދުވަހަކީ ޢީދެއް ކަމުގައި އަޅުގަނޑުމެން ހެދީމުހެވެ.
އެކަލޭގެފާނު ސުވާލުކުރެއްވިއެވެ: އެއީ ކޮން އާޔަތެއް ހެއްޔެވެ؟
އޭނާ ދެންނެވިއެވެ:
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا} [المائدة:3]
މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ.
ޢުމަރުގެފާނު ވިދާޅުވިއެވެ: އެ އާޔަތް މާތް ނަބިއްޔާ ﷺ ގެ މައްޗަށް ބާވައިލެއްވުނު ދުވަހާއި ވަގުތު އަޅުގަނޑުމެން ދަންނަމެވެ.
އެއީ ހުކުރު ދުވަހެއްގައި އެކަލޭގެފާނު ޢަރަފާތު ބިމުގައި ހުންނަވަނިކޮށެވެ.
އަދި އެހެން ރިވާޔަތެއްގައިވެއެވެ: ﷲ އަށް ޙަމްދު ހުއްޓެވެ، އެ ދެ ދުވަހަކީވެސް (ހުކުރު ދުވަހާއި ޢަރަފާތް ދުވަހަކީވެސް) އަޅުގަނޑުމެންނަށް ޢީދެކެވެ.
އަދި ޢަރަފާތް އެއީ ޙައްޖުގެ އެންމެ ބޮޑު ރުކުނެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިންނެވެ: (الحَجُّ عَرفةُ) [ތިރްމިޛީ، ނަސާއީ އަދި އިބްނު މާޖާ] (މާނައީ: ޙައްޖަކީ ޢަރަފާތެވެ). އެބަހީ: އެއީ އެކަމާ ނުލައި ޙައްޖު ފުރިހަމަނުވާނެ ރުކުނެވެ.
މި ދުވަހު ޙައްޖުވެރިން ﷲގެ ޙަޟްރަތަށް ނުކުންނަނީ ބޯހާވައި، ހިރަފުހުން ތަތްތެޅި، އަވީގައި ތިބެގެންނެވެ. އެ މީހުން އެ އަންނަނީ ދުރު ހިސާބުތަކުންނެވެ. އަދި އެކަލާނގެ އެއްކައުވަންތަކަން އިޢުލާންކުރަމުންނެވެ. އެކަލާނގެ މަތިވެރިކަން ފާޅުކުރަމުންނެވެ. ޛިކުރުކުރުމާއި، ތަކްބީރު ކިޔުމާއި، ތަހްލީލު ކިޔުމާއި، ޙަމްދުކުރުން ގިނަކުރަމުންނެވެ. އެކަލާނގެ ރަޙްމަތާއި ފާފަފުއްސެވުމަށް އެދިދަންނަވަމުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ޢަފޫކުރެއްވުމަށް އެދި ދަންނަވައި، ނަރަކައިން މިންޖުކޮށްދެއްވުމަށް އެދި އާދޭސް ދަންނަވަމުންނެވެ.
ފަހެ، ﷲ ތަޢާލާ އުޑުގެ މަލާއިކަތުންގެ ކުރިފުޅުމަތީގައި އެމީހުންނާ މެދު ފަޚުރުވެރިވެވޮޑިގަންނަވަތެވެ. އަދި ވަޙީކުރައްވަތެވެ:
(انظروا إلى عبادي، جاؤوني شعثاً غبراً ضاحِين، جاؤوا من كل فج عميق، يرجون رحمتي، ولم يروا عقابي)
(ތިމަންރަސްކަލާނގެ އަޅުތަކުންނަށް ބައްލަވާށެވެ. އެބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް އެއައީ ބޯހާވައި، ހިރަފުހުން ތަތްތެޅި، އަވީގައި ލެވިގެންނެވެ. އެބައިމީހުން އެއައީ ދުރު ހިސާބުތަކުންނެވެ. އެބައިމީހުން އެދެނީ ތިމަންރަސްކަލާނގެ ރަޙްމަތަށެވެ. އަދި އެބައިމީހުންނަށް ތިމަންރަސްކަލާނގެ ޢަޛާބެއް ނުފެނެއެވެ.) [ރިވާކުރެއްވީ: އިބްނު ޚުޒައިމާ، އިބްނު ޙިއްބާން، އަލްބައްޒާރު އަދި އަލްބައިހަޤީ].
އަދި އެކަލާނގެ ރަޙްމަތުން އެބައިމީހުންނަށް އިޙްސާންތެރިވެވޮޑިގެން، ޢަފޫކުރެއްވުމާއި ފާފަފުއްސެވުމުން މާތްކޮށްލައްވައެވެ. އިބްނު ޢުމަރުގެ ޙަދީޘްގައިވާ ފަދައިންނެވެ: (ފަހެ، އެބައިމީހުންގެ މައްޗަށް "ޢާލިޖް" ގެ ވެލިގަނޑު ފަދައިން، ނުވަތަ ދުނިޔޭގެ ދުވަސްތަކުގެ ޢަދަދަށް، ނުވަތަ އުޑުން ވެހޭ ވާރޭ ތިކިތަކުގެ ޢަދަދަށް ފާފަ ހުރި ކަމުގައި ވިޔަސް، ﷲ އެބައިމީހުންގެ ކިބައިން އެ ފާފަތައް ދޮވެލައްވައި ފުއްސަވައިދެއްވާނެއެވެ.)
އަދި ދީލަތިވަންތަ ﷲގެ މާތްކަން ބޮޑުވެގެން ގޮސް، އެބައިމީހުން ނަރަކައިން މިންޖުކުރައްވައެވެ.
މުސްލިމް އެކަލޭގެފާނުގެ ޞަޙީޙްގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާކުރައްވާފައިވާ ފަދައިންނެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ:
(ما من يوم أكثر أن يعتق الله فيه عبيداً من النار من يوم عرفة).
(ޢަރަފާތް ދުވަހަށްވުރެ ގިނައިން ﷲ ތަޢާލާ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ އެހެން ދުވަހެއް ނުވެއެވެ.)
އިރު އޮއްސި، މީސްތަކުން ޢަރަފާތުން މުޒްދަލިފާއަށް ދަތުރުކުރާ ހިނދު، ޢާންމުވެގެންވާ ފާފަފުއްސެވުމެއް އެބައިމީހުންނަށް އާދެއެވެ. ﷲ އެބައިމީހުންނަށް ވަޙީކުރައްވަތެވެ:
(فلو كانت ذنوبكم كعدد الرمل، وكعدد القطر، وكزَبَد البحر، لغفرتُها، أفيضوا عبادي مغفوراً لكم، ولمن شفعتم له).
(ތިޔަބައިމީހުންގެ ފާފަތައް ވެލީގެ ޢަދަދަށް، ވާރޭ ތިކީގެ ޢަދަދަށް، އަދި ކަނޑުގެ ފޮނުގަނޑުގެ ޢަދަދަށް ހުރި ކަމުގައި ވިޔަސް، ތިމަންރަސްކަލާނގެ އެ ފާފަތައް ފުއްސަވައިދެއްވައިފީމެވެ.
އޭ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުން ޝަފާޢަތްތެރިވި މީހުންނަށް ފާފަފުއްސެވިގެންވާ ޙާލު އެނބުރި ދާށެވެ.) [ރިވާކުރެއްވީ: ބައްޒާރު].
މި ދުވަހުގެ އިރު އޮއްސިގެންދާނީ، އެބައިމީހުން ކުރިން ކޮށްފައިވާ ހުރިހާ ފާފައެއް ﷲ ފުއްސަވައިދެއްވާފައިވާ ބައެއްގެ މައްޗަށެވެ. އަދި ވަޙީކުރައްވާނެއެވެ: އަލުން ޢަމަލުތައް ފަށާށެވެ، ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިސްވެދިޔަ ހުރިހާ ފާފައެއް ފުއްސަވައިދެއްވައިފީމެވެ.
ޢަރަފާތް ދުވަހު ރޯދަހިފުން
ޢަރަފާތް ދުވަހުގެ މާތްއަޅުކަމުގެ ތެރޭގައި، އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ ސުންނަތް ރޯދަތަކުގެ ތެރެއިން އެންމެ މަތިވެރި ދަރުމަ ކަމުގައި މާތްﷲ ލެއްވުން ހިމެނެއެވެ.
ޞަޙީޙް މުސްލިމްގައި އަބޫ ޤަތާދާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
(صيامُ يومِ عَرفةَ إنّي أحْتسبُ على اللهِ أن يُكفّرَ السنَةَ التي بعدهُ، والسنةَ التي قبلهُ).
(ޢަރަފާތް ދުވަހުގެ ރޯދައަކީ، އޭގެ ކުރީ އަހަރާއި ފަހު އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ ކަމެއް ކަމުގައި ތިމަންކަލޭގެފާނު މާތްﷲގެ ޙަޟްރަތުން އުންމީދުކުރައްވަމެވެ).
ދުޢާގެ ދުވަސް
ޢަރަފާތް ދުވަހަކީ ދުޢާގެ ދުވަހެވެ. އަދި ދުޢާ އިޖާބަކުރެއްވުމުގެ ދުވަހެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ:
(خَيْرُ الدُّعَاءِ دُعَاءُ يَوْمِ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّونَ مِنْ قَبْلِي: لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ) (حسن، رواه الترمذي).
(އެންމެ ހެޔޮވެގެންވާ ދުޢާއަކީ ޢަރަފާތް ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރިން ވަޑައިގެންނެވި ނަބީބޭކަލުން ވިދާޅުވި އެންމެ ހެޔޮ ބަހަކީ: لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ، لَهُ الْمُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ އެވެ).
ވީމާ، މުސްލިމާގެ މައްޗަށް އޮތީ މި ދުވަހުގައި ގިނަގިނައިން ދުޢާކުރުމާއި ފާފަފުއްސެވުމަށް އެދި ދެންނެވުމެވެ. އެހެނީ މިއީ ނަރަކައިން މިންޖުކުރައްވާ ދުވަހެވެ. އަދި މަޑުމޮޅިކަމާއި، ބިރުވެތިކަމާއި، ނިކަމެތިކަމާއި ބޭނުންޖެހިފައިވާ މިންވަރު ހާމަކޮށް، ހިތާއި ހަށިގަނޑު ހުރިހާ ނުބައި ކަންތަކުން ދުރުކޮށް، މާތްﷲގެ ޙަޟްރަތުގައި ދުޢާކުރުމުގައި ދެމިހުރުން ހުއްޓެވެ. އެހެނީ އަރަފާތް ދުވަހަކީ ދުޢާ އިޖާބަކުރެއްވުމަށް އުންމީދުކުރެވޭ ދުވަހެވެ. ނިކަމެތިކަމާއެކު ދެއަތް އުފުލައި ދުޢާކުރާށެވެ.
އިބްނު ޢައްބާސް ވިދާޅުވިއެވެ:
(رأيتُ رسولَ الله صلى الله عليه وسلم يدعو ويداه إلى صدره كاستطعام المسكين) [رواه أبو داوود].
(ރަސޫލާ صلى الله عليه وسلم ދުޢާކުރައްވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެކަލޭގެފާނުގެ ދެއަތްޕުޅު ހުރީ މިސްކީނަކު ކާބޯތަކެއްޗަށް އެދޭ ފަދައިން މޭފުޅާ ހަމައަށް އުފުއްލަވައިގެންނެވެ).
اللهم إنك تسمع كلامنا، وترى مكاننا، وتعلم سرنا وعلانيتنا، ولا يخفى عليك شيء من أمرنا، نحن البؤساء الفقراء، المستغيثون المستجيرون، المشفقون الوجلون، المقرون المعترفون بذنوبنا،
نسألك مسألة المسكين، ونبتهل إليك ابتهال المذنب الذليل، وندعوك دعاء الخائف الضرير، دعاء من خضعت لك رقبته، وذل لك جسمه، ورغم لك أنفه، وفاضت لك عيناه..
اللهم لا تجعلنا بدعائك أشقياء، وكن بنا رؤوفا رحيما، يا خير المسئولين، ويا خير المعطين.
وصل اللهم على سيدنا محمد، وعلى آله وصبحه وسلم تسليما كثيرا.
ތަރުޖަމާއެއް







