މުއުމިނަކު އުންމީދު ކަނޑާލައި މާޔޫސެއް ނުވާނެ!

ފިއްތުންތައް އިތުރުވެ، ގޮންޖެހުންތައް ބޮޑުވާ ހިނދު، ރައްކާތެރިކަން ލިބިފައިވާ އިންސާނެއް ފާޅުވެއެވެ. އުނދަގޫ ހާލަތްތަކުން އޭނާ މާޔޫސްކޮށެއް ނުލައެވެ. އަދި ނާކާމިޔާބީތަކުން އޭނާގެ އަޒުމު ބަލިކަށި ކޮށެއް ނުލައެވެ.

ބައެއް މީހުންނަށް ހީވެދާނެއެވެ! އޭގެ ސިއްރަކީ ހަށިގަނޑުގެ ވަރުގަދަކަމެވެ. ނުވަތަ އޭނާއަށް ލިބިގެންވާ ތަނަވަސްކަމާއި ވަސީލަތްތަކުގެ މުއްސަނދިކަމެވެ. ނަމަވެސް ހަގީގަތް މިއަށްވުރެ މާ ފުންވެފައި މާ މަތިވެރިއެވެ.

އޭނާއަށް ލިބިފައި ވަނީ އީމާންކަމުގެ ބާރެވެ. އެ އީމާން ކަމަކީ ހިތުގައި ބިންވަޅު ނެގިއްޖެނަމަ، މުޅި ދިރިއުޅުމުގެ ހުރިހައި ހަމަތަކެއް ބަދަލުކޮށްލާ ނޫރެކެވެ.

އިންސާނާގެ ދިރިއުޅުމަކީ އިއްތިފާގުން ދިމާވާ ކަންތަކެއްގެ ސިލްސިލާއެއް ނޫންކަމާއި، އެއީ އިލާހީ ރޭވުންތެރިކަމެއްގެ ދަށުން ކުރަހާލެވިފައިވާ މަގެއްކަން ދަނެގަނެވޭ ހިސާބުން ކެތްތެރިކަމާއި ސާބިތުކަމުގެ އަޖައިބު ކުރަނިވި ފަދަ ބާރެއް އިންސާނާއަށް ލިބިގެންދެއެވެ.

لَهُ مُعَقِّبَاتٌ مِّن بَيْنِ يَدَيْهِ وَمِنْ خَلْفِهِ يَحْفَظُونَهُ مِنْ أَمْرِ اللَّه
އޭނާއަށް (އެބަހީ: އިންސާނާއަށް) އޭނާގެ ކުރިމަތީގައްޔާއި، އޭނާގެ ފަހަތުގައި، ބަދަލުވަމުންދާ ގޮތުގައި ތިއްބަވާ މަލާއިކަތުން ވެއެވެ. ﷲގެ އަމުރުފުޅަށް، އެބޭކަލުން އޭނާ ރައްކާތެރިކޮށް ބަލަހައްޓަވަތެވެ.  الرعد 11

އިންސާނާގެ ހިތްހަމަ ޖެހުން އުފެދެނީ މިހިސާބުންނެވެ!

أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ
ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟ الرعد 28

މި ހިތްހަމަޖެހުމަކީ ހަގީގަތާ ކުރިމަތި ލުމުން ރެކުމެއް ނޫނެވެ. އެ ހިތްހަމަ ޖެހުމަކީ ހަގީގަތާ ކުރިމަތިލުމަށް ލިބޭ ހަކަތައެކެވެ. އަދި ދިރިއުޅުމުގެ ހަނގުރާމައިގައި ބޭނުންކުރާ ހަތިޔާރެކެވެ.

ކީރިތި ގުރުއާނުގައި އެތައް ތަނެއްގައި މި މާނަ ކަށަވަރުކޮށް ދެއްވައެވެ. އީމާންކަމާއި ސާބިތުކަމާ ގުޅުވައިދީ، ޔަގީންކަމާއި ބާރާ ގުޅުވައިދީފައިވެއެވެ. އެގޮތުން މާތްﷲ ވަހީކުރައްވާފައިވެއެވެ:

وَلَا تَهِنُوا وَلَا تَحْزَنُوا وَأَنْتُمُ الْأَعْلَوْنَ إِنْ كُنْتُمْ مُؤْمِنِينَ
ތިޔަބައިމީހުން (ފިނޑިވެ) ނިކަމެތި ނުވާށެވެ! އަދި، ތިޔަބައިމީހުން ހިތާމަވެސް ނުކުރާށެވެ! މަތިވެރިކަން ބޮޑުވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. (އެއީ) ތިޔަބައިމީހުން މުއުމިނުން ކަމުގައި ވާނަމައެވެ. އާލް އިމްރާން 139.

މިއިން އެނގެނީ އީމާންކަމަކީ ނަފްސާނީ ގޮތުން މަތިވެރިކަމުގެ ޝަރުތެއް ކަމެވެ. އަދި އެއީ، ހިތްވަރު އެލުނަނުދީ ހިފަހައްޓައިދޭ ނަފްސާނީ ބާރުގެ މަސްދަރެއް ކަމެވެ.

ޝައިޚް މުޙައްމަދު އަލްޣަޒާލީ (ރަހިމަހުﷲ) ވިދާޅުވެފައިވެއެވެ: "އީމާންކަމަކީ ބާރެކެވެ. އެ ބާރު ހިތުގެ އެންމެ ފުންމިނަށް ވަދެ، ހިތުގައި ވަރުގަދައަށް ބިންވަޅު ނަގައިފިނަމަ، ނުވާނެ ކަމަށް ހީވާ މުސްތަހީލު ކަންކަން ވެސް ވެދާނެ ކަންކަމަށް ބަދަލުކޮށްލައެވެ."

މާތް ނަބިއްޔާ ﷺ ގެ ސުންނަތުން މި ހަގީގަތް އެންމެ ސާފުކޮށް ފެންނަން އޮތީ މި ހަދީޘްފުޅުންނެވެ:

عجبًا لأمر المؤمن، إن أمره كله له خير؛ إن أصابته سراء شكر فكان خيرًا له، وإن أصابته ضراء صبر فكان خيرًا له رواه مسلم.
މުއުމިނާގެ ކަންތައްތަކުގެ އަޖައިބުކަމާއެވެ! ހަމަކަށަވަރުން އޭނާގެ ހުރިހާ ކަމަކީވެސް އޭނާއަށް ހެޔޮ ގޮތެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެނަމަ ޝުކުރުވެރިވެއެވެ. އެއީ އޭނާއަށް ހެޔޮ ގޮތެކެވެ. އަދި އޭނާއަށް ދަތި އުނދަގުލެއް ކުރިމަތިވެއްޖެނަމަ ކެތްތެރިވެއެވެ. އެއީވެސް އޭނާއަށް ހެޔޮ ގޮތެކެވެ. މުސްލިމް

މި ހަދީޘްފުޅުން މުއުމިނާ ބަހައްޓަނީ ދުވަހަކުވެސް ބަލިނުވާނެ ފަދަ ދާއިރާއެއްގައެވެ. ސަބަބަކީ އޭނާގެ ހުރިހާ ހާލަތަކީވެސް ފައިދާހުރި ހާލަތްތަކަކަށް ވާތީއެވެ. އަދި ކޮންމެ ހާލަތެއްވެސް ހެޔޮ ގޮތަކަށް އޭނާއަށް ބަދަލުކޮށްލެ އެކަމުގެ އިލާހީ މަޤްސަދު އޭނާއަށް އިޙުސާސް ކުރެވޭތީއެވެ. އެހެންވީއިރު، ދިމާވާ ނުތަނަވަސް ވާން ޖެހޭ ކޮންމެ ކަމަކުން ހެޔޮކަން ފެންނަ މީހަކަށް މާޔޫސްކަން ވެރިވާނީ ކިހިނެއް ހެއްޔެވެ؟

އެހެން ހަދީޘެއްގައި ނަބިއްޔާ ﷺ ވަނީ ހަގީގީ ބާރުގެ ސިފަތައް ބަޔާންކޮށްދެއްވާފައެވެ:

المؤمن القوي خيرٌ وأحب إلى الله من المؤمن الضعيف، وفي كلٍّ خير   أخرجه مسلم،
ބަލިކަށި މުއުމިނާއަށްވުރެ، ވަރުގަދަ މުއުމިނާ ﷲ ގެ ހަޟްރަތުގައި ހެޔޮކަން ބޮޑެވެ. އަދި ލޯބިވެތިކަން ބޮޑެވެ. އަދި ކޮންމެ މީހެއްގެ ކިބައިގައިވެސް ހެޔޮކަންވެއެވެ. ރިވާކުރެއްވީ މުސްލިމް.

މި ބާރަކީ ހަމައެކަނި އިންސާނާގެ ހަށިގަނޑުގެ ޖިސްމާނީ ބާރެއް ނޫނެވެ. އެއީ އަޒުމުގެ ވަރުގަދަކަމާއި، ނަފްސުގެ ސާބިތުކަމާއި، މުސީބާތްތަކުގެ ކުރިމަތީގައި ހިތް ސާބިތުކުރުމުގެ ބާރެވެ.

އީމާންކަމުގެ ސަބަބުން އިންސާނާގެ ކިބައިގައި އަމިއްލަ ވަންތަކަމަކާއި މިނިވަންކަމެއް އުފެދެއެވެ. އޭނާއަކީ މީހުން ދައްކާ ވާހަކައިން އަސަރެއް ކޮށްގެން އަޒުމު ގުޑާނެ މީހެއް ނޫނެވެ. އަދި އެއީ، ހާލަތްތަކަށް އަންނަ ބަދަލުތަކެއްގެ އަޅެއްވެސް ނޫނެވެ.

މުއުމިނާ އޭނާގެ އަގު ވަޒަންކުރަނީ ﷲ އާ އެކު އޮންނަ ގުޅުމުންނެވެ. މީހުންގެ އަތްތިލަބަޑީގެ އަޑަކުން ނެއް ނޫނެވެ. ނުވަތަ ފަނާވެދަނިވި ކާމިޔާބީތަކަކުން ނެއް ނޫނެވެ.

ކާއިނާތު ވަނީ ﷲ ގެ އަތްޕުޅުގައިކަމާއި، ﷲ ގެ މިންވަރުފުޅު ބަދަލުކުރުމުގެ ބާރު އެއްވެސް މަޚްލޫގަކަށް ލިބިގެންނުވާކަން އޭނާއަށް އެނގެއެވެ. ﷲ އޭނާއާއެކު ވޮޑިގެންވާކަމާއި، އެކަލާނގެ އޭނާ ދޫކޮށްނުލައްވާނެކަން ދަންނަ މީހަކު، ކިތަންމެ ދަތި ހާލަތެއްގައިވެސް އުންމީދު ކަނޑައެއް ނުލާނެއެވެ.

މުއުމިނެއްގެ ހަޔާތުގައި ނާކާމިޔާބީއަކީ ނިމުމެއް ނޫނެވެ. އެއީ އުނގެނުމުގެ ތަޖުރިބާއެކެވެ. އަދި ފުރިހަމަވުމުގެ މަގުގައި އެޅޭ ފިޔަވަޅެކެވެ. މިއީ ނަބަވީ އިރުޝާދާ އެއްގޮތްވާ ކަމެކެވެ:

احرص على ما ينفعك، واستعن بالله، ولا تعجز، وإن أصابك شيء فلا تقل: لو أني فعلت كذا لكان كذا، ولكن قل: قدر الله وما شاء فعل. أخرجه مسلم.
ތިބާއަށް ފައިދާހުރި ކަންކަމަށް ފަރުވާތެރިވާށެވެ. އަދި ﷲ ގެ ހަޟްރަތުން އެހީއަށް އެދޭށެވެ. އަދި ނުކުޅެދުންތެރި ނުވާށެވެ. އަދި ތިބާއަށް ކަމެއް ދިމާވެއްޖެނަމަ، 'މިވެނި ކަމެއް ކުރިނަމަ މިވެނި ގޮތަކަށް ވީހޭ' ނުބުނާށެވެ! އެހެނަސް ބުނާށެވެ! 'މިއީ ﷲ މިންވަރުކުރެއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވި ކަމެއް ވެއްޖެއެވެ. ރިވާކުރެއްވީ މުސްލިމް.

މިއީ މަސައްކަތްކުރުމާއި، ވަކީލުކުރުމާއި، ރުހި ގަބޫލުވުން އެކުލެވިގެންވާ ފުރިހަމަ މަންހަޖެކެވެ. މިއީ ބަލިނުކުރެވޭނެ ފަދަ ހަމަޖެހޭ ޝަޚްސިއްޔަތެއް ބިނާކޮށްދޭ ގޮތެވެ.

މި މާނަ އެންމެ ފުރިހަމައަށް ސިފަކޮށްދެނީ، މާތްﷲ އަށް އޮތް އިތުބާރު ކުޑަކޮށްނުލައި އެންމެ ދަތި އިމްތިހާނުތަކާ ކުރިމަތިލެއްވި ކަން ހަނދާންކޮށްދޭ ޤުރުއާނުގެ މިސާލުތަކުންނެވެ.

މާތްﷲ ގެ ނަބިއްޔާ ޔަޢުޤޫބު ޢަލައިހިއްސަލާމް، އެކަލޭގެފާނުގެ ދަރިކަލުން ގެއްލުމުން ވިދާޅުވިއެވެ:

وَجَاءُوا عَلَىٰ قَمِيصِهِ بِدَمٍ كَذِبٍ ۚ قَالَ بَلْ سَوَّلَتْ لَكُمْ أَنفُسُكُمْ أَمْرًا ۖ فَصَبْرٌ جَمِيلٌ ۖ وَاللَّهُ الْمُسْتَعَانُ عَلَىٰ مَا تَصِفُونَ
އަދި އެއުރެން އެކަލޭގެފާނުގެ ގަމީސްކޮޅުގައި ދޮގު ލެޔެއް އުނގުޅައިގެން ގެނައޫއެވެ. (ޔަޢުޤޫބުގެފާނު) ވިދާޅުވިއެވެ. އެހެންނަކުންނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް (ނުބައި) ކަމެއްކުރުމަށް، ތިޔަބައިމީހުންނަށް ތަންދިނީއެވެ. ފަހެ، (ތިމަންކަލޭގެފާނަށް އޮތީ) ރިވެތިވެގެންވާ ކެތްކުރުމެކެވެ. އަދި ތިޔަބައިމީހުން، ސިފަކޮށް ބުނާ އެއްޗެއްގެ މައްޗަށް (ކެތްކުރުމުގައި) އެހީދެއްވާ ފަރާތަކީ ﷲއެވެ.  ޔޫސުފް: 18

އެއަށްފަހު އުންމީދުގެ އެންމެ މަތީ ދަރަޖައަށް ވަޑައިގެން ވިދާޅުވިއެވެ.

يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ اللَّهِ إِلَّا الْقَوْمُ الْكَافِرُونَ
އޭ އަހުރެންގެ ދަރިންނޭވެ! ޔޫސުފުގެފާނާއި، އޭނާގެ އަޚާގެ ޚަބަރެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި ﷲގެ ރަޙްމަތުން ތިޔަބައިމީހުން އުއްމީދު ކަނޑައިނުލާށެވެ! (ހަމަކަށަވަރުން، ކާފިރު ވިމީހުން މެނުވީ، ﷲގެ ރަޙްމަތުން އުއްމީދު ކަނޑައެއް ނުލާނެތެވެ.) ޔޫސުފް 87

އިންސާނާއަށް ކުރިމަތިވާ އެންމެ ނުރައްކާތެރި ކަމަކީ ތަދާއި ވޭނެއް ނޫނެވެ. އިންސާނާއަށް ކުރިމަތިވާނެ އެންމެ ހިތްދަތި ކަމަކީ އޭނާ ދިރިއުޅުމުން މާޔޫސް ވުމެވެ!

މި ހިސާބުން އީމާންތެރިކަމުގެ ދައުރު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފާޅުވެއެވެ. އެއީ ވޭން ތަހައްމަލުކުރުމަކީ މަތިވެރިވުމަށް އޮތް މަގެއްކަމުގައި ހަދައިދޭ އެއްޗަކަށް އިމާންތެރިކަން ވެދެއެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّ مَعَ الْعُسْرِ يُسْرًا
ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަންވެއެވެ. އައްޝަރްޙް 6

މިއީ ހަމައެކަނި އުފާވެރި ޚަބަރެއް ނޫނެވެ. އެކަމަކު މިއީ ކައުނީ ގާނޫނެކެވެ. ދާއިމީ އުނދަގޫކަމެއް ނުވެއެވެ. އަދި ފަސޭހަކަމެއް ނެތް ދަތިކަމެއް ނުވެއެވެ.

މި ހުރިހާ ކަމެއްގެ އަލީގައި، ބަލިނުކުރެވޭނެ ފަދަ އިންސާނަކު ބައްޓަންވެއެވެ.

  • އެއީ އޭނާގެ ވެރި ރަސްކަލާނގެ ދަނެގަނެފައިވާ، އެކަލާނގެއަށް އިތުބާރުކުރާ، އަމިއްލަ ނަފްސު ދަންނަ، ނަފްސާ ހަނގުރާމަކުރަން އެނގޭ، އަދި ދުނިޔެ ދަނެ، ދުނިޔޭގެ ދަޅަތަކަށް ހެއްލުންތެރިނުވާ އިންސާނާއެވެ.
  • އޭނާގެ ފިޔަވަޅު ކަހާލަފާނެއެވެ. ނަމަވެސް އެއްކޮށެއް ނުވެއްޓޭނެއެވެ. އޭނާ ދެރަވެދާނެއެވެ. ނަމަވެސް ހިތާމައަށް އަމާނެއް ނުދޭނެއެވެ.
  • އޭނާއަކީ ހިތުގައި އީމާންތެރިކަމުގެ ނޫރު، ބުއްދީގައި ހޭލުންތެރިކަން، އަދި ފުރާނައިގައި އުންމީދު އުފުލައިގެން އުޅޭ މުއުމިން އިންސާނާއެވެ.
ހިއްސާ ކުރައްވާ!