އާއިލީ ޙައްޤުތަކާއި ވާޖިބުތަކުގެ ދެމެދުގައިވާ ހަމަހަމަކަން

ކީރިތި ގުރުއާނުގައި އާއިލީ ހަމަޖެހުމުގެ އަސާސެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ހައްގުތަކާއި ވާޖިބުތަކުގެ މެދުގައި އޮންނަ ހަމަހަމަކަމާއެކުގައެވެ. ކައިވެނީގެ ގުޅުން ބިނާވެގެންވަނީ އެކަކު އަނެކަކަށް އިހުތިރާމްކުރުމާއި އިންސާފުގެ މައްޗަށެވެ. މިއީ އެކަކު އަނެކެއްގެ މައްޗަށް ގަދަވެގަތުމުގެ ބަދަލުގައި، ދެފަރާތުގެ ދެމެދުގައި އޮންނަ ރީތި ގޮތުގައި މުއާމަލާތް ކުރުމެއްގެ ގޮތުގައި ބަޔާންކުރައްވާފައިވާ އުސޫލެކެވެ. އިހުގެ ސާލިހު ބޭކަލުން މި އުސޫލު އަމަލީގޮތުން ދެނެވަޑައިގެން ތަންފީޒުކުރެއްވިއެވެ. އެގޮތުން އިބްނު އައްބާސްގެފާނު ވިދާޅުވެފައިވަނީ، އެކަލޭގެފާނުގެ އަނބިކަނބަލުން އެކަލޭގެފާނަށްޓަކައި ޒީނަތްތެރިވާ ފަދައިން، އެކަލޭގެފާނުވެސް އަނބިކަނބަލުންނަށްޓަކައި ޒީނަތްތެރިވެވަޑައިގަންނަވާ ކަމަށެވެ. މިއީ ކައިވެނީގެ ދިރިއުޅުން ބާއްޖަވެރިވާނީ ދެމަފިރިންކުރެ ކޮންމެ މީހަކަށްމެ ގަދަރުވެރިކަމާއި އޯގާތެރިކަން ލިބިގެންކަން އަންގައިދޭ މިސާލެކެވެ.

ގުރުއާނުގައި އައިސްފައިވާ މި މިންގަނޑުގެ ސަބަބުން ދެމަފިރިންގެ މެދުގައި އޮންނަ އިހުތިރާމް ވަރުގަދަވެ، އިންސާނީ ކަރާމާތް ރައްކާތެރިކުރެވި، އެކަކު އަނެކަކަށް އަނިޔާވެރިވުން ހުއްޓުވައިދެއެވެ. ސާލިހު އާއިލާއަކީ ސާބިތު ފަރުދަކު ބިނާކޮށްދޭ ތަރުބަވީ މުއައްސަސާއެވެ. އަދި އެއީ ބަދަހި މުޖުތަމައެއް އުފެއްދުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ.

1. ވާޖިބުތަކުގެ ދެމެދުގައިވާ ހަމަހަމަކަން

މާތްﷲ ވަޙީކުރައްވާފައިވެއެވެ:

 وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ ﴿228﴾
އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤު ވެގެން ވެއެވެ. (އަލްބަޤަރާ)

އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ: މި އާޔަތުގެ މާނައީ، ފިރިންގެ މައްޗަށް އަންހެނުންނަށް ކިޔަމަންތެރިވުން ވާޖިބުވެގެންވާ ފަދައިން، ފިރިންގެ ފަރާތުން އަންހެނުންނަށް ހެޔޮގޮތުގައި އެކުގައި އުޅުމާއި ރިތި މުޢާމަލާތް ލިބުމުގެ ޙައްޤު އޮވެއެވެ. މިއީ ދެމަފިރިންގެ ދެމެދުގައިވާ ގުޅުމުގެ ހަމަހަމަކަން ކަށަވަރުކޮށްދޭ ވަށާ ޖެހޭ އުސޫލެކެވެ.

2. މުޖުތަމަޢު ބިނާކުރުމުގައި އާއިލާގެ ދައުރު

ޞާލިޙު އާއިލާއަކުން އުފައްދައިދެނީ ސީދާވެގެންވާ ފަރުދަކާއި، ބަދަހި މުޖުތަމަޢަކާއި، ވަރުގަދަ އުންމަތެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ:

 وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ ﴿71﴾
މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރު ކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމް ކޮށް، ޒަކާތް ދީ، ﷲއާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙުމަތް ލައްވާހުށްޓެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ ޙަކީމްވަންތަ ރަސްކަލާނގެއެވެ. (އައްތައުބާ)

3. މުސްލިމް އާއިލާއެއް ބިނާކުރުމުގެ ޢަމަލީ ސިފަތައް

ގޭތެރޭގައި ދީނީ ޝިޢާރުތަކަށް މާތްކޮށް ހިތަން ޖެހެއެވެ. އަދި އަމަލީ ގޮތުން އެކަން ފެންނާނީ އަންނަނިވި ކަންކަމުންނެވެ:

  • ނަމާދު ޤާއިމުކުރުމާއި އެކަމަށް ރައްކާތެރިވުން:

 وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ ﴿132﴾
އަދި ކަލޭގެފާނުގެ އަހުލުވެރިންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ! އަދި އެކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ! ރިޒްޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒްޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ، ތަޤްވާވެރިންނަށެވެ. (ޠާހާ)

  • ވިސްނުންތެރިކަމާއެކު ޢަމަލުތައް ބަހައްޓައި ޤުރުއާން ކިޔެވުން:

اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنكَرِ ۗ ﴿45﴾
ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމް ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. (އަލްޢަންކަބޫތު)

  • އާއިލާގެ މެދުގައި ގަވާއިދުން މަޝްވަރާގެ މާހައުލު ޤާއިމް ކުރުން:

 فَلَمَّا بَلَغَ مَعَهُ السَّعْيَ قَالَ يَا بُنَيَّ إِنِّي أَرَىٰ فِي الْمَنَامِ أَنِّي أَذْبَحُكَ فَانظُرْ مَاذَا تَرَىٰ ۚ قَالَ يَا أَبَتِ افْعَلْ مَا تُؤْمَرُ ۖ سَتَجِدُنِي إِن شَاءَ اللَّهُ مِنَ الصَّابِرِينَ ﴿102﴾
ފަހެ، އެކަލޭގެފާނުގެ އަރިހުގައި އެ ދަރިކަލުން މަސައްކަތް ކުރައްވައި އުޅުއްވާ ފުރާވަރަށް އެރިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ލޯބިވާ ދަރިފުޅާއެވެ! ހަމަކަށަވަރުން، އަހުރެން ތިބާ ޤުރުބާން ކުރާތީ، ހުވަފެނުގައި އަހުރެންނަށް ފެނެތެވެ. ފަހެ، ތިބާޔަށް (އެކަމާމެދު) ފެންނަގޮތެއް ވިސްނައި ބަލާށެވެ! އެ ދަރިކަލުން ދެންނެވިއެވެ. އޭ ބައްޕާއެވެ! ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ! ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. (އައްޞާއްފާތު)

  • އިންސާފުވެރިކަމާއެކު މަސްއޫލިއްޔަތުތައް ބެހުން:

 وَهُوَ الَّذِي جَعَلَكُمْ خَلَائِفَ الْأَرْضِ وَرَفَعَ بَعْضَكُمْ فَوْقَ بَعْضٍ دَرَجَاتٍ لِّيَبْلُوَكُمْ فِي مَا آتَاكُمْ ۗ ﴿165﴾
އެކަލާނގެއީ، ބިމުގެ ޚަލީފާއިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާމެދު، ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. (އަލްޢަންޢާމް)

  • މައިންބަފައިންގެ ފަރާތުން ފެންނަ ރިތި ނަމޫނާ ދެއްކުން:

وَأَمَّا الْجِدَارُ فَكَانَ لِغُلَامَيْنِ يَتِيمَيْنِ فِي الْمَدِينَةِ وَكَانَ تَحْتَهُ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَالِحًا فَأَرَادَ رَبُّكَ أَن يَبْلُغَا أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ ﴿82﴾
އަދި ފާރާމެދު ދަންނާށެވެ! ފަހެ، އެރަށުގައިވާ ޔަތީމު ދެކުދިންނަށް ލިބިގެންވާ ފާރެއްކަމުގައި އެ ފާރުވިއެވެ. އަދި އެ ފާރުގެ ދަށުގައި، އެދެކުދިންނަށް ޚަޒާނާއެއް ވިއެވެ. އަދި އެ ދެކުދިންގެ ބައްޕާއަކީ، ޞާލިޙު މީހެއް ކަމުގައިވެސްވިއެވެ. ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވީ، އެ ދެކުދިން ބޮޑުވެ، ފުރާފުރިހަމަވުމުން، އެ ދެކުދިންގެ ޚަޒާނާ، އެ ދެކުދިން ނެރުމަށެވެ.  (އަލްކަހަފް) 

ބަފާކަލޭގެ ޞާލިޙުކަން، އެމީހާގެ ދެ ދަރިން މާތްﷲ ރައްކާތެރިކުރެއްވުން ފެނިގެންދިޔައެވެ. މިއީ އާއިލާގެ ތެރޭގައި ޞާލިޙު ނަމޫނާގެ ދަރަޖަ އޮންނަ މިންވަރު އަންގައިދޭ އިޝާރާތެކެވެ.

  • ހަރުކަށިކަމާއި އޯގާތެރިކަމުގެ މެދުގައި ހަމަހަމަކަން ހިފެހެއްޓުން:

 مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ ﴿29﴾
މުޙައްމަދުގެފާނީ، ﷲގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި، އޯގާވެރި ރަޙްމަތްތެރިބަޔެކެވެ. (އަލްފަތުޙު)

މި އާޔަތުގައި ހަރުކަށިވާންޖެހޭ ތަނުގައި ހަރުކަށިވުމާއި، އޯގާތެރިވާންޖެހޭ ތަނުގައި އޯގާތެރިވުން އެއްކޮށްދެއެވެ. މިއީ އާއިލާގެ ތެރޭގައި ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރެވޭނެ އަސާސެކެވެ.

އިސްވެދިޔަ ކަންކަމުން އެނގިގެންދަނީ، ކީރިތި ޤުރުއާނުގައި އާއިލާ ބިނާކޮށްފައިވަނީ ޞައްޙަ ޢަޤީދާގެ ވަރުގަދަ ތަނބުތަކެއްގެ މައްޗަށާއި، މަތިވެރި އަޚްލާޤީ އުޞޫލުތަކެއްގެ މައްޗަށާއި، އާއިލާގެ ހަމަޖެހުމާއި ދެމިއޮތުން ކަށަވަރުކޮށްދޭ ޢަމަލީ ތަޝްރީޢުތަކެއްގެ މައްޗަށް ކަމެވެ. އަދި އާއިލާއަކީ ޝަރީޢަތް ތަންފީޛުކުރާ މައިދާނެއް ކަމުގައްޔާއި، ޞާލިޙު އިންސާނުން ބިނާކުރާ މަޞްދަރެއް ކަމުގައި ލައްވާފައިވެއެވެ. އާއިލާއަކުން މި އަސާސްތަކުގައި ހިފަހައްޓައިފިނަމަ، އެ އާއިލާއަކަށް ހަމަޖެހުން ލިބި، ޞާލިޙު، ބަދަހި އަދި ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމުގައި އެހީތެރިވެދޭނެއެވެ.

މިސިލްސިލާގެ ކުރީގެ މަޒްމޫނުތައް:

އާއިލާތަކުގެ ގުރުއާނީ ނަމޫނާތައް

ހިއްސާ ކުރައްވާ!