zbordirect.com
zbordirect.com

ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ހުޅުވާލައިފި

ބ. ދަރަވަންދޫ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް އިން އިއުލާނުކޮށްފިއެވެ. މި މަޝްރޫއަކީ އެ އެއާޕޯޓުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފަސިންޖަރުންނަށް ލިބޭ ހިދުމަތްތައް ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އައިލެންޑް އޭވިއޭޝަނުން ބުނި ގޮތުގައި އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގަނޑު 23:59 އެވެ. ޕްރޮޕޯސަލްތައް ބަލައިގަންނާނީ ހަމައެކަނި މި ސުންގަޑީގެ ކުރިން އީމެއިލް މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެކަންޏެވެ.

ދަރަވަންދޫ އެއާޕޯޓުގެ އާ ޓާމިނަލް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ކަނޑުއަޑީގެ ގުދުރަތީ ރީތި މަންޒަރުތައް ރަމްޒުކޮށްދޭ ފަދަ ޒަމާނީ ފަރުމާއަކަށެވެ. މި އާ ޓާމިނަލްއާއެކު އެއާޕޯޓުގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން ޖާގަ ތަނަވަސް އެރައިވަލް ހޯލަކާއި، ޒަމާނީ ސެލްފް ސާވިސް ކިއޮސްކްތަކުގެ އިތުރުން ތިން ގޭޓު މި ޓާމިނަލްގައި ހިމެނޭނެއެވެ.

ކޯސްޓްލައިން ހޮޓެލްސް އެންޑް ރިސޯޓްސް އިން ތަރައްގީކުރި ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަކީ 2012 ވަނަ އަހަރު ހުޅުވި އެއާޕޯޓެކެވެ. މީގެ 14 އަހަރު ކުރިން ހިދުމަތް ދޭން ފެށި މި އެއާޕޯޓަކީ ބ. އަތޮޅުގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. މިހާރުވެސް މި އެއާޕޯޓަށް ދުވާލަކު އެވްރެޖްކޮށް 8 ފްލައިޓަށް ވުރެ ގިނައިން ޖައްސައެވެ.

މި މަޝްރޫއު ނިމުމުން ދަރަވަންދޫ އެއާޕޯޓުގެ ކެޕޭސިޓީ އިތުރުވެ، ފަސިންޖަރުންނަށް ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން އުންމީދު ކުރެއެވެ.

ހިއްސާ ކުރައްވާ!