ސޫރަތުލް ޙައްޖުގެ 29 ވަނަ އާޔަތް: "ثُمَّ لْيَقْضُوا تَفَثَهُمْ" ގެ މާނައަކީ ކޮބާ؟

ކީރިތި ޤުރުއާނުގެ ސޫރަތުލް ޙައްޖުގައި މާތްﷲ ވަނީ ޙައްޖުގެ މަނާސިކުތައް ނިންމުމަށްފަހު، އިޙްރާމް ކަނޑައި ތަޙައްލުލުވުމުގެ މަރުޙަލާ ބަޔާންކޮށްދެއްވާފައެވެ. އެގޮތުން އެ ސޫރަތުގެ 29 ވަނަ އާޔަތުގައި ވަނީ:

﴿ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ﴾ އެވެ.
ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން ޠަވާފު ކުރާހުށިކަމެވެ!

މިއީ ޙައްޖުވެރިން ތަޙައްލުލުވުމަށްފަހު ކުރަންޖެހޭ ކަންތައްތަކަށް އަމުރުކުރައްވައި ބާވައިލައްވާފައިވާ އާޔަތެކެވެ.

"التفث" (އައްތަފަޘް) ގެ މާނަ

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި "އައްތަފަޘް" ގެ މާނައަކީ ހަށިގަނޑުގައި ހުންނަ ކުނިބުންޏާއި މިލައެވެ. އިޙްރާމްގެ ޙާލަތުގައި ހުންނައިރު ބޯބޭލުމާއި، ނިޔަފަތި ކެނޑުމާއި، ސެންޓު ޖެހުން ފަދަ ކަންކަން މަނާވެފައި އޮތުމުގެ ސަބަބުން ޙައްޖުވެރިޔާގެ ހަށިގަނޑަށް ވަރުބަލިކަމާއި މިލަ ވެރިވެއެވެ. އެހެންކަމުން "لْيَقْضُوا تَفَثَهُمْ" ގެ މާނައަކީ، އިޙްރާމުން ކެނޑުމަށްފަހު ބޯބޭލުމާއި، ނިޔަފަތި ކެނޑުމާއި، ފެންވަރައި ސާފުތާހިރުވެ، ހަށިގަނޑުން އެ މިލަތައް ފިލުވައިލުމެވެ.

ނަދުރު ފުއްދުމާއި ބައިތުލް ޢަތީޤްގައި ތަވާފުކުރުން

ހަށިގަނޑު ސާފުތާހިރުކުރުމަށްފަހު، ދެން އޮތީ ހިތުގެ ސާފުކަމެވެ. وَلْيُوفُوا نُذُورَهُمْ (އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ!) އެއީ މީހަކު ޙައްޖުގެ ތެރޭގައި ވީ ނަދުރުތައް ފުއްދުމެވެ. މާތްﷲ ވަނީ ނަދުރު ފުއްދާ މީހުންނަށް ކީރިތި ޤުރުއާނުގައި ތަޢުރީފު ކުރައްވާފައެވެ. އާޔަތުގެ ފަހު ބައިގައިވާ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ (އަދި ޒަމާންވީ ގެފުޅުގައި އެއުރެން ޠަވާފު ކުރާހުށިކަމެވެ!) އަކީ ޖުމްހޫރު ޢިލްމުވެރިން ދެކޭ ގޮތުގައި ޙައްޖުގެ ރުކުނެއް ކަމުގައިވާ ތަވާފުލް އިފާޟާގެ ވާހަކައެވެ.

ކައުބަތުﷲ ގެފުޅަށް "ބައިތުލް ޢަތީޤް" ކިޔުނު ސަބަބު

ގެފުޅަށް "ބައިތުލް ޢަތީޤް" (މިނިވަން ކުރެވިފައިވާ ނުވަތަ މުސްކުޅި ގެފުޅު) ކިޔުނު ސަބަބާ ބެހޭގޮތުން މުފައްސިރުން ދެ ގޮތަކަށް ވިދާޅުވެއެވެ. ފުރަތަމަ ގޮތަކީ، އެއީ އަނިޔާވެރި ޖައްބާރުންގެ ކިބައިން މާތްﷲ ރައްކާތެރިކުރައްވައި މިނިވަންކުރައްވާފައިވާ ތަނަކަށް ވާތީއެވެ. ދެވަނަ ގޮތަކީ، އެއީ ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނު އަޅުކަންކުރާ ތަނަށް ވާތީ، އެތަނުގެ ދުވަސްވީކަމުގެ ނިޝާނެއްގެ ގޮތުންނެވެ.

މި އާޔަތުން ދަސްކޮށްދެނީ އިސްލާމްދީނުގައި ބޭރުފުށުގެ ސާފުތާހިރުކަމާއި، ހިތުގެ ސާފުކަމާއި، މާތްﷲ އަށް އަދާކުރަންޖެހޭ އަޅުކަންތައްތައް ފުރިހަމައަށް އަދާކުރުމުގެ މުހިންމުކަމެވެ. ތަރުޖަމާ

ހިއްސާ ކުރައްވާ!