Mohammed Alim
Mohammed Alim

އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްޞަދު: ލާދީނީ ފަލްސަފާއާއި ޤުރުއާނުގެ ތަޞައްވުރު

އިންސާނާ ދުނިޔެއަށް ފޮނުއްވި މަޤްޞަދަކީ ކޮބައިތޯއާ މެދު ކުރެވޭ ސުވާލަކީ ފަލްސަފާއާއި ދީންތަކުގެ ތާރީޚުގައި އެންމެ ފުން އަދި އެންމެ މުހިންމު ސުވާލެވެ. އެމެރިކާގެ ޕްރޮފެސަރެއް ކަމަށްވާ އަދި ކުރިން ލާދީނީ އިލްޙާދީ ފިކުރުގައި ހުރި ޕްރޮފެސަރ ޖެފްރީ ލޭންގް، އޭނާ ލާދީނީ ވިސްނުން ދޫކކޮށްލައި އިސްލާމްދީނަށް ކުރި ދަތުރުގެ މައްޗަށް ބިނާކޮށް، އިންސާނާގެ މިނިވަންކަމާއި، ތަޙައްމަލުކުރަންޖެހޭ ވޭނާއި އަދި އިންސާނާގެ މަސްއޫލިއްޔަތުތަކާ ބެހޭގޮތުން ޤުރުއާނުގެ އަލީގައި ތަފާތު ތަޞައްވުރެއް ވަނީ ހުށަހަޅައިދީފައެވެ.

އަމިއްލަ ތަޖުރިބާއިން އިލްޙާދާ ދިމާލަށް

ޖެފްރީ ލޭންގް ބޮޑުވެގެން އައީ އާއިލީ ގޮތުން އުނދަގޫ މާޙައުލެއްގައެވެ. އޭނާގެ މަންމައަކީ އޯގާތެރި މީހަކަށް ވީނަމަވެސް، ބައްޕައަކީ ބޯކޮށް ބަނގުރާ ބޮއެގެން އުޅޭ، ގޭތެރޭގައި އަނިޔާވެރިކަން އިސްކުރި މީހެކެވެ. މި އަނިޔާވެރިކަމާއި، ކުށެއް ނެތް މީހުން ތަހައްމަލު ކުރަން ޖެހޭ ވޭނާއި ތަދުތަކުގެ ސަބަބުން "ކުށެއް ނެތް މީހުން ތަހައްމަލުކުރާ މިފަދަ އަނިޔާތަކަށް ކަލަކު އިޒުނަ ދެއްވަނީ ކީއްވެގެންތޯ؟" މި ސުވާލު އޭނާގެ ހިތުގައި އުފެދި އެކަމާ މެދު ވިސްނަމުން ދިޔައެވެ. މި ސުވާލުތަކަށް ދީނީ އިލްމުވެރިންގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ނުލިބުމުން، އުމުރުން 16 އަހަރުގައި އޭނާ ދީން ދޫކޮށް ލާދީނީ ފިކުރު ގަބޫލުކޮށް އިލްޙާދުވިއެވެ.

ޤުރުއާނާ ބައްދަލުވުން: އާދަމުގެފާނުގެ ވާހަކަ

އުމުރުން 28 އަހަރުގައި ޕްރޮފެސަރ ލޭންގްއަށް ކީރިތި ޤުރުއާނުގެ ކޮޕީއެއް ލިބުނެވެ. އެ ފޮތް އޭނާ މުޠާލިއާ ކުރަމުން ގެންދަނިކޮށް ސޫރަތުލް ބަޤަރާގައި އާދަމުގެފާނު އުފެއްދެވި ވާހަކަ ކިޔުމުގެ ތެރޭގައި، މަލާއިކަތުން ކުރެއްވި ސުވާލު ފެނުމުން އޭނާއަށް ބޮޑު ސިހުމެއް ލިބުނެވެ.

وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ ﴿30﴾
ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! އެބޭކަލުން (އެހިނދު) ދެންނެވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާއެކު ތަސްބީޙަ ކިޔައި، އިބަރަސްކަލާނގެއަށް ތަޤުދީސް ކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟ އެކަލާނގެ ވަޙީ ކުރެއްވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. (އަލްބަޤަރާ)

"ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިލާހު އުފައްދަވަނީ ކީއްވެތޯ؟" މިއީ އޭނާގެ ހިތުގައިވެސް އޮތް ސުވާލެވެ.

ޤުރުއާނުގައި ވަނީ މި ސުވާލުން ރެކިވަޑައިގަތުުމުގެ ބަދަލުގައި، ﷲ ވަނީ إِنِّي أَعْلَمُ مَا لَا تَعْلَمُونَ "ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ." މިފަދައިން ވަރަށް ސާފުކޮށް ޖަވާބު ދެއްވާފައެވެ.

އިންސާނީ ތަޖުރިބާގެ 3 ތަނބު

ޕްރޮފެސަރ ލޭންގް ބަޔާންކުރާ ގޮތުގައި އިންސާނާ އުފެއްދެވުމުގެ މަޤްޞަދު ގުޅިފައިވަނީ ތިން ކަމަކާއެވެ.
އެއީ ބުއްދިއާއި އުނގެނުން، އަދި ހެވާއި ނުބައި އިޚްތިޔާރު ކުރުމުގެ މިނިވަންކަން، އަދި ދުނިޔެވީ އިމްތިޙާނުތަކެވެ.

1. ބުއްދިއާއި އުނގެނުމުގެ ގާބިލުކަން

މަލާއިކަތުން ކުރެއްވި ސުވާލަށް މާތްﷲ ދެއްވި ފުރަތަމަ އަމަލީ ރައްދަކީ އާދަމްގެފާނަށް އުނގަންނައިދެއްވުމެވެ: ﴿وَعَلَّمَ آدَمَ الْأَسْمَاءَ كُلَّهَا…﴾ (އަދި އާދަމުގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ ޙަޤީޤަތްތަކެވެ.) [البقرة: 31].

މިއިން ސާބިތުވަނީ އިންސާނާގެ މަތިވެރިކަމެވެ. އެއީ އޭނާގެ ކިބައިގައި ﷲ ލައްވާފައިވާ އުނގެނުމުގެ ގާބިލުކަމާއި، ބަހާއި ބަޔާންކުރުމުގެ ބޭނުންކުރުމުގެ ކުޅަދާނަކަމެވެ.

ކީރިތި ގުރުއާން އިންތިހާއަށް ބާރުއަޅަނީ ބުއްދީގެ ބޭނުންކުރުމަށާއި ފިކުރު ހިންގުމަށެވެ. "العلم" (އިލްމު) މި ލަފުޒު އޭގެ އެކި ގޮތްގޮތަށް ގުރުއާނުގައި ގާތްގަނޑަކަށް 854 ފަހަރު އައިސްފައިވެއެވެ. އަދި "أفلا تعقلون" (ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟) މިހެން 13 ފަހަރު އައިސްފައި ވެއެވެ. ނުވަތަ "لعلكم تتفكرون" (ތިޔަބައިމީހުން ފިކުރުކުޅައުމަށްޓަކައެވެ.) 2 ފަހަރު ބަޔާން ކުރައްވާފައި ވެއެވެ. މީގެން ދޭހަވަނީ ބުއްދިއާއި އީމާންކަމަކީ ވަރަށް ގާތް ދެ ބައެއް ކަމެވެ.

މާތްﷲ ވަހީކުރެއްވިއެވެ: ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْإِنْسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ * الَّذِي عَلَّمَ بِالْقَلَمِ * عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ﴾
ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ.
ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ.
ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ.
އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ.
އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ. [العلق: 1-5]

2. މިނިވަންކަމާއި އަމިއްލަ އިޚުތިޔާރު

އިންސާނާއަކީ އަޚުލާގީ މަޚުލޫގެކެވެ. ހެޔޮކަމާއި ނުބައިކަމުގެ މެދުގައި އިޚުތިޔާރު ކުރުމުގެ މިނިވަންކަން އޭނާއަށް ލިބިގެންވެއެވެ. މިއީ ކިޔަމަންތެރިވުމަށް "ޕްރޮގްރާމް" ކުރެވިފައިވާ މަލާއިކަތުންނާ އޭނާ ތަފާތުވާ ސިފައެވެ. އަދި އީމާންކަމަކީ މަޖުބޫރުކުރުމުން އަންނަ އެއްޗެއް ނޫންކަމާއި، އެއީ މިނިވަންކަމާއެކު ގަބޫލުކުރާ ގަބޫލުކުރުމެއްކަން ގުރުއާން އަބަދުވެސް ކަށަވަރުކޮށްދެއެވެ.

މާތްﷲ ވަހީކުރެއްވިއެވެ:

 لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ ۚ
ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ޟަލާލަތުގެ އަނދިރިކަމުގެ ތެރެއިން، ހިދާޔަތުގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ. [البقرة: 256]

އަދި މާތްﷲ ވަހީކުރެއްވިއެވެ:

وَنَفْسٍ وَمَا سَوَّاهَا * فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا * قَدْ أَفْلَحَ مَنْ زَكَّاهَا * وَقَدْ خَابَ مَنْ دَسَّاهَا
އަދި ނަފްސާއި، އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ.
ފަހެ، އެކަލާނގެ އެ ނަފްސަށް (ގެއްލުންހުރި) ނުބައިގޮތާއި (ފައިދާހުރި) ހެޔޮގޮތް އެނގުމުގެ ވިސްނުން ދެއްވިއެވެ.
އެ ނަފްސު ޠާހިރު ކޮށްފިމީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ.
އަދި އެ ނަފްސަށް އުނިކަން ދީފިމީހާ، ނާކާމިޔާބުވެއްޖެކަން ކަށަވަރެވެ. [الشمس: 7-10]

ޕްރޮފެސަރު ލެންގް ފާހަގަކުރާ ގޮތުގައި، އާދަމްގެފާނު ގަހުން ފަރިއްކުޅުއްވި އަމަލު ކީރިތި ގުރުއާނުގައި ސިފަކުރައްވާފައިވަނީ "الزلة" (ކުށުގައި އެޅުވުން) ގެ ގޮތުގައެވެ

فَأَزَلَّهُمَا الشَّيْطَانُ عَنْهَا فَأَخْرَجَهُمَا مِمَّا كَانَا فِيهِ ۖ وَقُلْنَا اهْبِطُوا بَعْضُكُمْ لِبَعْضٍ عَدُوٌّ ۖ وَلَكُمْ فِي الْأَرْضِ مُسْتَقَرٌّ وَمَتَاعٌ إِلَىٰ حِينٍ
ފަހެ، ޝައިޠާނާ އެ ގަސް މެދުވެރިކޮށް، އެ ދެކަނބަލުން ކުށުގައި އަޅުވައި، ސުވަރުގޭގައި އެ ދެކަނބަލުން އުޅުއްވި ނިޢުމަތްތަކުން އެ ދެކަނބަލުން ބޭރުކޮށްފިއެވެ. އަދި ތިމަންރަސްކަލާނގެ ވަޙީ ކުރެއްވީމެވެ. ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ޢަދާވަތްތެރިން ކަމުގައިވާ ޙާލު، ތިޔަބައިމީހުން (ބިމަށް) ފައިބާށެވެ! އަދި ބިމުގައި ތިޔަބައިމީހުންނަށްޓަކައި، ޤަރާރުވެ ތިބެނިވި ތަނަކާއި، ހިނދުކޮޅަކަށް ދުނިޔޭގެ ވަގުތީ އުފަލެއްވެއެވެ. [البقرة: 36]

މިއީ ގަސްތަކާ ނުލައި ކުރެވުނު ކުށަކަށް ނުވަތަ ހަނދާންނެތުމުގެ ސަބަބުން ދިމާވި ވަގުތީ ކަމަކަށް އިޝާރާތްކުރާ ބަހެކެވެ. އެއީ އިންސާނިއްޔަތަށް ވާރުތަވާ، އަދި އެއީ ނބަސާރާ ދީނުގެ ގަބޫލުކުރުންތަކާ ޚިލާފަށް ކޯފާއާއި ލައުނަތް ހައްގުވާ ދާއިމީ ފާފައެއްގެ ގޮތުގައި ބެލެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، އެއީ އިންސާނާގެ "ފުރަތަމަ މިނިވަން އިޚުތިޔާރު" ބޭނުންކުރުމަށް ތައްޔާރުވެފައިވާކަމުގެ އިއުލާނެކެވެ. އަދި ފާފަފުއްސެވުމަށް އެދި ތައުބާވަމުން ބިމުގައި އިންސާނާގެ މަސްއޫލިއްޔަތު އަދާކުރަން ފެށުމުގެ ފެށުމެކެވެ.

މާތްﷲ ވަހީކުރެއްވިއެވެ:

فَتَلَقَّىٰ آدَمُ مِن رَّبِّهِ كَلِمَاتٍ فَتَابَ عَلَيْهِ ۚ إِنَّهُ هُوَ التَّوَّابُ الرَّحِيمُ
ފަހެ، އާދަމުގެފާނު، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލިމަފުޅުތަކެއް ބާވައިގަންނަވައި (އެ ކަލިމަފުޅުތައް ވިދާޅުވެ، ތައުބާ ވެވަޑައިގަތުމުން) ފަހެ، އެކަލާނގެ އެކަލޭގެފާނުގެ މައްޗަށް ތައުބާ ލައްވައިފިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ. [البقرة: 37] 

3. ތަކުލީފާއި އިމްތިހާނު

ގުރުއާނުގެ ނަޒަރުގައި ތަކުލީފާއި ވޭނަކީ ބޭކާރު އަދަބެއް ނޫނެވެ. އެއީ ރޫހު ތަރުބިއްޔަތުކުރުމަށް ކޮންމެހެން ބޭނުންތެރި މާހައުލެކެވެ. އުނދަގޫތަކަކީ އިންސާނާ އަމިއްލަ ނަފްސުގެ އެދުމަށް ވުރެ ކުރިއަދައިގެން ދިއުމަށާއި، ކެތްތެރިވުމަށާއި، އެހެންމީހުންނަށް އެހީތެރިވުމަށް މަގުފަހިކޮށްދޭ ވަސީލަތެކެވެ. އުނދަގުލާއި ތަކުލީފާ ނުލައި، ހިތްވަރުގަދަކަމާއި، ގުރުބާނީ ނުވަތަ ކެތްތެރިކަން ފަދަ މަތިވެރި ސިފަތަކެއް އިންސާނާގެ ކިބައިގައި އަށެއް ނުގަނެވޭނެއެވެ.

މާތްﷲ ވަހީކުރެއްވިއެވެ:

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނު ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު، ކަލޭގެފާނު ދެއްވާށެވެ! [البقرة: 155]

މާތްﷲ ވަހީކުރެއްވިއެވެ:

لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނާ ހައްދަވައި، ވަރުބަލިވުމާއި ގަދަ މަސައްކަތުގެ ތެރެޔަށް ލެއްވީމެވެ. [البلد: 4]

ހަދީޘެއްގައި ރަސޫލާ ﷺ ހަދީޘްކުރެއްވިއެވެ:

 قال رسول الله ﷺ: (أَشَدُّ النَّاسِ بَلَاءً الْأَنْبِيَاءُ ثُمَّ الصَّالِحُونَ ثُمَّ الْأَمْثَلُ فَالْأَمْثَلُ) [صحيح ابن ماجه]
އެންމެ ބޮޑަށް އިމްތިހާނު ކުރެވެނީ ނަބީބޭކަލުންނެވެ. ދެން އެއަށްފަހު ހެޔޮލަފާ މީހުންނެވެ. ދެން އެއަށްފަހު އެބޭކަލުންނާ އެންމެ އެއްގޮތް މީހުންނެވެ. [ޞަޙީޙް އިބްނު މާޖާ].

ޕްރޮފެސަރ ލޭންގްގެ ދިރާސާއިން ހާމަވާގޮތުގައި، އިންސާނާ ދުނިޔެއަށް ފޮނުއްވީ ބޭކާރު ގޮތެއްގައެއް ނޫނެވެ.
މިއިން ކަށަވަރުވަނީ ތަކުލީފަކީ މާތްﷲ އަޅާދެކެ ކޯފާވެވޮޑިގަންނަވާ ކަމުގެ ހެއްކެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އެއީ އޭނާގެ ރޫހު ސާފުކޮށް ތާހިރުކޮށްދޭ ކަމެއްކަމެވެ.

އަދި އިންސާނާއަށް ހެޔޮމަގާއި ނުބައިމަގު އިޚްތިޔާރުކުރުމުގެ މިނިވަންކަން ﷲ ދެއްވާފައި ވަނީ އޭނާއަކީ އަޚްލާޤީ ގޮތުން ޒިންމާދާރު މަޚްލޫޤަކަށް ހެދުމަށެވެ. ދިރިއުޅުމުގައި ދިމާވާ ނުތަނަވަސްކަމާއި މުޞީބާތްތަކަކީ އިންސާނާގެ ރޫޙު ތަރުބިއްޔަތުކޮށް، ކެތްތެރިކަމާއި އޯގާތެރިކަން ފަދަ ސިފަތައް އޭނާގެ ކިބައިގައި އަށަގެންނެވުމަށް އޮތް މަގެކެވެ.

އިންސާނާގެ މަޤްޞަދަކީ ﷲ ގެ ސިފަފުޅުތަކާ (އަދުލުވެރިކަން، އޯގާތެރިކަން، މައާފުކުރުން) އާ އެއްގޮތަށް އޭނާގެ އަމިއްލަ ނަފްސު އިޞްލާޙުކޮށް، އެކަލާނގެއާ ކުއްތަންވުމެވެ. ދުނިޔޭގެ މި ދަތުރަކީ އާޚިރަތުގެ ބޮޑު ނިޢުމަތަށްޓަކައި ރޫޙު ތައްޔާރުކުރުމަށް ކުރެވޭ "އުނދަގޫ އަރައިގަތުމެއް" ފަދަ ދަތުރެކެވެ.

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. الذاريات 56

ހިއްސާ ކުރައްވާ!