Alena Darmel
Alena Darmel

ކަލަކު ވޮޑިގެން ނުވާކަމަށް ގަބޫލުކުރުމުގެ އަނދިރިކަމުން ޔަގީންކަމުގެ ނޫރަށް

މިއީ ދަރިފުޅުގެ ބަލި ހާލަތުގެ ސަބަބުން ޚާލިގުވަންތަ ރަސްކަލާނގެ ހަޟްރަތަށް އެނބުރިދިޔަ އެމެރިކާގެ ޑޮކްޓަރެއްގެ ދަތުރު  ގެ ވާހަކައެވެ.

އެމެރިކާގެ ޑޮކްޓަރެއް ކަމަށްވާ ލޯރެންސް ބްރައުން އަކީ ކަލަކު ވޮޑިގެންވާ ކަމަށް ގަބޫލުކުރި މީހެއް ނޫނެވެ. 1990 ވަނަ އަހަރުގެ ކުރިން އޭނާ ދިރިއުޅެމުން ދިޔައީ ނަމޫނާ އެމެރިކާ މީހެއްގެ ގޮތުގައެވެ. އޭނާ ގަބޫލުކުރި ގޮތުގައި ކާމިޔާބީއަކީ ދުނިޔޭގެ މުދަލާއި އުފާފާގަތިކަން ހޯދުމެވެ. އޭނާއަކީ އޭނާގެ އިލްމަށާއި މާއްދީ ބާރުވެރިކަމަށް ބަރޯސާވެ، ޚާލިގުވަންތަ ރަސްކަލާނގެ ވޮޑިގެންނުވާކަން ސާބިތުކޮށްދިނުމަށް އެހެން މީހުންނާ ބަހުސްކޮށް އުޅުނު މީހެކެވެ. ނަމަވެސް، އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ކަމެއް ތަގުދީރުގައި އޮތީ ލިޔުއްވާފައެވެ.

 أَفَمَن شَرَحَ اللَّهُ صَدْرَهُ لِلْإِسْلَامِ فَهُوَ عَلَىٰ نُورٍ مِّن رَّبِّهِ ۚ فَوَيْلٌ لِّلْقَاسِيَةِ قُلُوبُهُم مِّن ذِكْرِ اللَّهِ ۚ أُولَٰئِكَ فِي ضَلَالٍ مُّبِينٍ ﴿22﴾
ފަހެ، އިސްލާމް ދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވައި އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތުން ނޫރެއް ލިބިފައިވާމީހަކު (އެނޫންމީހަކާ އެއްފަދަ ހެއްޔެވެ؟) ފަހެ، ﷲ ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ. އެއުރެންވަނީ، ފާޅުވެގެންވާ މަގުފުރެދުމެއްގައެވެ. (އައްޒުމަރް)

ކިބުރުވެރިކަން ނިގުޅައިގަތް ވަގުތުކޮޅު

1990 ވަނަ އަހަރު، ޑޮކްޓަރު ލޯރެންސްއަށް އޭނާގެ ދެވަނަ އަންހެން ދަރިފުޅު "ހަނާ" ލިބުނެވެ. އުފަންވިތާ މަދު އިރުތަކެއްގެ ތެރޭގައި، އެ ތުއްތު ކުއްޖާ ޖޯޖް ވޮޝިންޓަން ޔުނިވާސިޓީ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓަށް ބަދަލުކުރެވުނެވެ. ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާގެ ދަރިފުޅުގެ ހާލަތު ފެނުމުން ލޯރެންސް ސިހިގެން ދިޔައެވެ. އެ ކުއްޖާގެ މޭމަތިން ފެށިގެން ފައިގެ އިނގިލިތަކާ ހަމައަށް އޮތީ ގަދަ ނޫކުލައެއްގައެވެ. ޑޮކްޓަރަކަށް ވީތީ، އެ ކުލައިގެ މާނައަކީ އެންމެ ކަމެއްކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. އެއީ އޮކްސިޖަން މަދުވުމުގެ ސަބަބުން ކުއްޖާ ނޭވާހާސްވަނީއެވެ.

އަލްޓްރާސައުންޑް ރިޕޯޓުން ދެއްކި ގޮތުގައި، ހަށިގަނޑަށް ލޭ ފޮނުވައިދޭ މައި ލޭހޮޅި ވަނީ ނުރައްކާތެރި މިންވަރަކަށް ހަނިވެފައެވެ. މެޑިކަލް ރިޕޯޓްތަކުން ކަށަވަރުކޮށްދިން ގޮތުގައި، އެ ކުއްޖާއަށް ވަގުތުން އޯޕަން ހާޓް ސާޖަރީއެއް ހަދަން ޖެހެއެވެ. އަދި ސާޖަރީއަށް ފަހުވެސް، އެފަދަ ކުދިން ދިގު މުއްދަތަކަށް ދިރިތިބުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އަމިއްލަ ދިރިއުޅުމުގެ ހުރިހާ ކަމެއްގެ ބާރު އޭނާގެ އަމިއްލަ އަތުގައި އޮތް ކަމަށް ހީކުރި ޑޮކްޓަރަށް، މިއަދު އިހުސާސް ކުރެވުނީ އޭނާގެ ނިކަމެތިކަމެވެ. ލޮލުން ކަރުނަ އޮހޮރެމުންދިޔަ ހާލު، އޭނާ އައި.ސީ.ޔޫ އިން ނުކުމެގެން ގޮސް ހޮސްޕިޓަލުގައި ގހުރިހައި ދީންތަކަށް އަޅުކަން ކުރުމަށް ޚާއްސަކޮށްފައިވާ ކުޑަ ކޮޓަރިއަކަށް ވަނެވެ.

ނޭނގޭ ފަރާތަކާއެކު ކުރެވުނު އިޚްލާޞްތެރި އަހުދެއް

އޭނާ އެ ކޮޓަރިއަށް ވަތްއިރު، އެތަނުގައި އެއްވެސް ދީނީ ރަމްޒެއް ނުވަތަ ބުދެއް ނެތްކަން ފާހަގަކުރެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނާގެ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް، އޭނާގެ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށްލައި، ކުރިން ދުވަހަކުވެސް އިހުސާސް ނުކުރެވޭ ފަދަ އިޚްލާޞްތެރި ހިތަކާއެކު ބިންމައްޗަށް ތިރިވެ ނިއްކުރި ބިންމަތީގައި ޖެއެސިއެވެ. އޭނާއަށް އައި ބޭއިޚުތިޔާރީ ހަރަކާތެކެވެ.

އޭނާއަކީ އޭރު އިލާހަކު ވޮޑިގެންނުވާކަން ގަބޫލު ކުރާ ލާދީނީ މީހެކެވެ. އޭނާ މަތިވެރި ފަރާތަށް ދަންނަވަން ފެށީ އޭނާގެ ހިތުގައިވާ ހައިރާންކަމާއި ނިކަމެތިކަން ހާމަކުރަމުންނެވެ.

"އިލާހެވެ! އިބަރަސްކަލާނގެ އަކީ ވޮޑިގެންވާ ޒާތެއް ނަމަ.. އިބަރަސްކަލާނގެ ވޮޑިގެންވާކަމެއް ނުވަތަ ނޫންކަމެއް މިއަޅާ އަކަށް ނޭނގެއެވެ. ނަމަވެސް މި އަޅާ މިވަނީ އިބަރަސްކަލާނގެ އެހީތެރިކަމަށް އިންތިހާއަށް ބޭނުންވެފައެވެ."

މި ބަސްތަކާއެކު، އެ ޑޮކްޓަރު ﷲ އާއެކު އަހުދެއް ހެދިއެވެ. އިލާހު، އޭނާގެ ދަރިފުޅު ސަލާމަތްކޮށް ދެއްވައިފިނަމަ، ޝިފާ ދެއްވައިފިނަމަ، އެ އިލާހު އެންމެ ރުހިވޮޑިގަންނަވާ ދީނަކަށް އޭނާއަށް މަގުދައްކަވައިފިނަމަ، އެއްވެސް ފަސްޖެހުމެއް ނެތި އެ ދީނަކަށް ތަބާވާނެ ކަމަށް ޑޮކްޓަރު ލޯރެންސް ބްރައުން ވަޢުދުވިއެވެ.

۞ وَإِذَا مَسَّ الْإِنسَانَ ضُرٌّ دَعَا رَبَّهُ مُنِيبًا إِلَيْهِ ﴿8﴾
އިންސާނާއަށް އުނދަގުލެއްޖެހޭހިނދު (އެކަމެއް ފިއްލަވާތޯ) އޭނާގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަވެ ދުޢާ ކުރެތެވެ. (އައްޒުމަރު)

ޝިފާގެ މުޢުޖިޒާތް

ޑރ. ބްރައުން އެ ކޮޓަރީގައި ހޭދަކުރީ އެންމެ ފަނަރަ މިނެޓެވެ. އެނބުރި އައި.ސީ.ޔޫ އަށް ދިޔައިރު، ޑޮކްޓަރުން އޭނާގެ ދަރިފުޅު ވަށާލައިގެން ތިއްބެވެ. ހިތުގެ ސާޖަން އޭނާއާ ދިމާއަށް އެނބުރިލާފައި ބުންޏެވެ."ކަލޭގެ ދަރިފުޅު ރަނގަޅުވާނެއެވެ.."

ޑޮކްޓަރުން އެމީހުންގެ ތަފްސީލުގައި އިލްމީ އަދި ބޭސްވެރިކަމުގެ ތަފްސީލުތަކެއް ދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ޑރ. ބްރައުންއަށް އެ ތަފްސީލުތަކަކީ ބަލިކަށި އަދި ފެންނަން އޮތް ހަގީގަތާ ނުބައްދަލު ވާހަކަތަކެއްކަން އެނގުނެވެ.

އަލުން އަލްޓްރާސައުންޑް ހެދުމުން ފެނުނީ ހައިރާންކުރުވަނިވި މަންޒަރެކެވެ. އެއްވެސް ކަމެއް ނުވާ ފަދައިން އެކުއްޖާގެ ލޭހޮޅި ވަނީ މުޅިން އާދައިގެ ހާލަތަށް ރުޖޫޢަވެފައެވެ. އެ ކުއްޖާއަށް އެއްވެސް ސާޖަރީއެއް ކުރާކަށް ނުޖެހުނެވެ. އަދި އެންމެ ބޭސްގުޅައެއްވެސް ކާންދޭކަށް ނުޖެހުނެވެ. އެ ކުއްޖާ ބޮޑުވެ، ޔުނިވާސިޓީއަށް ވަންނަންދެންވެސް އުޅުނީ މުޅިން ދުޅަހެޔޮ ކުއްޖެއްގެ ގޮތުގައެވެ.

އިލާހު ހޯދުމުގެ ދަތުރާއި އަހުދު ފުއްދުން

ޑރ. ލޯރެންސްގެ ކުރިމަތީގައި އިލާހީ ސާފު މުޢުޖިޒާތެއް އޮތް ކަން އޭނާއަށް ޔަގީންވިއެވެ. އަދި ޚާލިގުވަންތަ ރަސްކަލާނގެއަށް ވީ ވަޢުދާ ޚިލާފުވެ ހުއްޓައި މަރުގެންނެވުމުގެ ކުރިން، އޭނާގެ އަހުދު ފުއްދަން ޖެހޭނެކަން އޭނާއަށް އެނގުނެވެ. އޭނާ ދީންތައް ދިރާސާކުރުމުގެ ދިގު އަދި ބުރަ ދަތުރެއް ފެށިއެވެ. ބުދުދީނާއި، ތާއޮއިޒަމް، ޝިންޓޯއިޒަމް އަދި ހިންދޫ ދީނާ ބެހޭގޮތުން މައުލޫމާތު ހޯދައި ކިޔެވިއެވެ. ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުން ލިބޭނެ ފަދަ ޖަވާބެއް އެއިން އެއްވެސް ދީނަކުން ނުފެނުނެވެ.

އޭގެ ފަހުން އޭނާ ޔަހޫދީ ދީނާއި ނަޞާރާ ދީން ދިރާސާކުރަން ފެށިއެވެ. އިންޖީލު ވަރަށް ފުންކޮށް މުޠާލިއާކޮށް، ނަޞާރާ ދީނުގެ ތަފާތު ފިރުގާތަކުގެ ފާދިރީންނާ ބަހުސްކުރި އެވެ. ނަމަވެސް، އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ނުލިބި ބާކީވެފައި ހުއްޓެވެ.

އޭނާއަށް ފެނުނީ، މާތްﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވި މަސީޙުގެފާނުގެ އުނގަންނައިދެއްވުންތަކާއި، ފައްޅިތަކުން ތައާރަފް ކުރާ ތިންކައުވަންތަ އަގީދާއާ ދެމެދު ފުށުއެރުންތަކެއް ހުރިކަމެވެ.

فَمَن يُرِدِ اللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلْإِسْلَامِ ۖ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقًا حَرَجًا كَأَنَّمَا يَصَّعَّدُ فِي السَّمَاءِ ۚ كَذَٰلِكَ يَجْعَلُ اللَّهُ الرِّجْسَ عَلَى الَّذِينَ لَا يُؤْمِنُونَ ﴿125﴾
ﷲގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމް ދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ. އަދި އެކަލާނގެ މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ، އުޑާދިމާއަށް (މައްޗަށް) އަރައިގެންދާ މީހެކޭ އެއްފަދައިން އެކަލާނގެ އެމީހެއްގެ ހިތުގައި ދަތިކަމާއި، ނުތަނަވަސްކަން ލައްވަތެވެ. ހަމައެފަދައިން، އީމާން ނުވާ މީހުންގެ މައްޗަށް، ﷲގެ ޢަޛާބާއި ކޯފާ ލައްވަތެވެ. (އަލއަންޢާމް)

ހިދާޔަތް ލިބިގެން އަމާން އައްސޭރިއަކަށް ވާސިލުވުން

އޭނާގެ ހައިރާންކަމާއި ހޯދުންތައް 4 އަހަރަށް ދެމިގެންދިޔައެވެ. ޓެރަރިޒަމްގެ ހުތުނަން އަޅުވައި ބަދުނާމު ކޮށްފައިވާ މީހުން މެރުމަށް ހިތްވަރު ދޭ ކަމަށް އެމެރިކާއިން އިޝްތިހާރުކޮށްފައިވާ އިސްލާމް ދީނާ އެންމެ ފަހުން އޭނާއާ ބައްދަލުވިއެވެ.

وَإِذَا سَمِعُوا مَا أُنزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ ۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ ﴿83﴾
އަދި ރަސޫލާއަށް ބާވައިލެއްވި އާޔަތްތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް ޙައްޤު ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން އީމާން ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ! (އަލްމާއިދާ)

އިސްލާމްދީނާއި ނަބިއްޔާ މުޙައްމަދު ﷺ އާ ބެހޭގޮތުން މައުލޫމާތު ހޯދައި ފޮތްތައް މުޠާލިއާ ކުރަން ފެށުމުން، އޭނާއަށް އިހުސާސްކުރެވުނީ ސިކުނޑީގައިވާ ކިލަނބުކަން ކުއްލިއަކަށް ސާފުވެ، ފުރިހަމަ ތަސްވީރެއް ކުރެހިގެން ދިޔަ ފަދައިންނެވެ.

ފާދިރީއެއް ނުވަތަ ހާމުދުރަކާއި ނުލައި ސީދާ ﷲއާ އިންސާނާއާ މުވާސަލާތު ކުރެވޭކަން އޭނާއަށް އެނގުނެވެ. އިސްލާމްދީނަކީ އިންސާނާއާއި އޭނާ ހެއްދެވި ފަރާތާ ދެމެދު ސީދާ ގުޅުމެއް ގާއިމުކޮށްދޭ ދީންކަން އޭނާއަށް އެނގުނެވެ.

ޑޮކްޓަރ ލޯރެންސް ބްރައުން އިސްލާމްވީ، 1994 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ. އޭނާގެ ތަވާޟުޢު ވެރިކަމާއެކު އިސްލާމް ދީނުގެ ހިދާޔަތަށް އޭނާ ކުރި ދަތުރު އޭނާ މީހުންނަށް ކިޔައި ދެމުން ދެއެވެ.

އޮޕަރޭޝަން ތިއޭޓަރުގައި އޭނާގެ ހިތް ކުދިކުދިވެފައިވާ ހާލުގައި ކުރި އިޚްލާޞްތެރި ދުޢާ މާތްﷲ އިޖާބަކުރެއްވި ކަން އޭނާ ކިޔައި ދެއެވެ. އަދި ތެދުމަގަކީ ޝުކުރުވެރިވުމާއި، އިޚްލާޞްތެރިކަމާއި، ވީ ވައުދުތައް ފުއްދުން ލާޒިމުކުރާ މާތްﷲގެ މަތިވެރި ނިޢުމަތެއްކަން އޭނާ ހަނދާން ކޮށްދެއެވެ.

فَإِنْ حَاجُّوكَ فَقُلْ أَسْلَمْتُ وَجْهِيَ لِلَّهِ وَمَنِ اتَّبَعَنِ ۗ وَقُل لِّلَّذِينَ أُوتُوا الْكِتَابَ وَالْأُمِّيِّينَ أَأَسْلَمْتُمْ ۚ فَإِنْ أَسْلَمُوا فَقَدِ اهْتَدَوا ۖ وَّإِن تَوَلَّوْا فَإِنَّمَا عَلَيْكَ الْبَلَاغُ ۗ وَاللَّهُ بَصِيرٌ بِالْعِبَادِ ﴿20﴾
ފަހެ، އެއުރެން ކަލޭގެފާނާ ޖަދަލުކޮށްފިނަމަ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ މޫނުފުޅު (އެބަހީ: ފުރާނަޔާއި ހަށިކޮޅު) ﷲއަށް ޚާލިޞް ކޮށް ކިޔަމަންކުރައްވައިފީމެވެ. އަދި، ތިމަންކަލޭގެފާނަށް ތަބަޢަވި މީހުންވެސްމެއެވެ. ފޮތް ލިބުނު މީހުންނާއި، އުއްމީންނަށް (އެބަހީ: ޢަރަބީންގެ މުޝްރިކުންނަށް) ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ކިޔަމަންވެއްޖައީމުހެއްޔެވެ؟ ފަހެ، އެއުރެން ކިޔަމަން ވެއްޖެނަމަ، އެއުރެން ތެދުމަގު ލިބިގެންފިކަން ކަށަވަރެވެ. އަދި، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ކަލޭގެފާނަށް އޮތްކަން ކަށަވަރީ، (ބާވައިލެއްވި ކަންތައް) އިއްވެވުމެވެ. ﷲއީ، އަޅުތަކުންގެ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (އާލަޢިމްރާން)

ހިއްސާ ކުރައްވާ!