ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް އެންތަނީ ގޯޑަން ހޯދުމުގެ ރޭހުގައި ސްޕޭނުގެ ބާސެލޯނާއިން ބައިވެރިވެ، ޖަރުމަނުގެ ބަޔާން މިއުނިކާ ވާދަކުރަން ފަށައިފިއެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓުގައި ގޯޑަން ހޯދުމަށް މި ދެ ކްލަބުންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބާސެލޯނާގެ މެނޭޖްމަންޓުން މިހާރު ވަނީ މި ޓްރާންސްފާއާ ގުޅޭގޮތުން ނިއުކާސަލްއާއެކު މަޝްވަރާތައް ފަށާފައެވެ. ބާސެލޯނާއަށް މާލީ ގޮތުން ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އެ ކްލަބުން ރާވާފައިވަނީ މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލައިގެން ލިބޭ ފައިސާއިން އާ ކުޅުންތެރިން ގަތުމަށެވެ.
ބަޔާން މިއުނިކުން މީގެ ކުރިން ވަނީ ނިއުކާސަލްއާއެކު ރަސްމީ މަޝްވަރާތަކެއް ބާއްވާފައެވެ. ނަމަވެސް، ދެ ކްލަބުން ކުޅުންތެރިޔާގެ އަގާ މެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެ މަޝްވަރާތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ނިއުކާސަލްއިން ގޯޑަން ވިއްކާލުމަށް ބޭނުންވަނީ މަދުވެގެން 70 މިލިއަން ޕައުންޑަށެވެ.
އުމުރުން 25 އަހަރުގެ ގޯޑަން ނިއުކާސަލްއާއެކު ހަދާފައިވާ ކޮންޓްރެކްޓް 2030 ވަނަ އަހަރުގެ ނިޔަލަށް ދެމިއޮންނާނެއެވެ. ނިއުކާސަލްއިން އަންނަނީ އާ ސީޒަނަށް ޓީމު އަލުން ބިނާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ނިމިދިޔަ ސީޒަނުގައި ލީގުގެ 12 ވަނައިގައި ނިންމާލަން ޖެހުމުން ކުރިމަތިވި މާޔޫސްކަމަށްފަހުގައެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ސީޒަނުގެ ފަހުކޮޅު ގޯޑަން ބެންޗުގައި ބޭންދުމުން، އޭނާ ކްލަބް ދޫކޮށްލާނެ ކަމުގެ ނިޝާންތައް ވަނީ ފެންނަން ފަށާފައެވެ. ކޯޗުގެ ފަހުގެ ބަޔާންތަކުގައިވެސް ގޯޑަން ކްލަބުގައި މަޑުކުރާނެކަން ޔަގީންކޮށްދީފައެއް ނުވެއެވެ. އޭނާ ވަނީ ހަމައެކަނި ވޯލްޑް ކަޕްގައި ގޯޑަންއަށް ކާމިޔާބީއަށް އެދިފައެވެ.
ގޯޑަންގެ އިތުރުން ބާސެލޯނާއިން އަންނަނީ ޖޫލިއަން އަލްވަރޭޒް އަދި ޖޮއާއޯ ޕެޑްރޯ ފަދަ ކުޅުންތެރިންނަށްވެސް ފާރަވެރިވަމުންނެވެ. މީގެ އިތުރުން ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅެމުން އަންނަ މާކަސް ރަޝްފޯޑް 26 މިލިއަން ޕައުންޑަށް ދާއިމީކޮށް ގަތުމުގެ ފުރުސަތުވެސް ބާސެލޯނާއަށް އެބައޮތެވެ.







