ޔޫރަޕްގެ މުހިންމު ސިޓީތަކެއް ގުޅުވައިދޭ ޔޫރޯސްޓާގެ ހައި-ސްޕީޑް ރޭލެއް ހަލާކުވެ، އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ގުޅުވައިދޭ ޗެނަލް ޓަނަލްގެ ތެރޭގައި ގިނަ އަދަދެއްގެ ފަސިންޖަރުން 4 ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން ތާށިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ރޭލަށް ދިމާވި މައްސަލައަކާ ގުޅިގެން ޓަނަލްގެ މެދުގައި ރޭލު ހުއްޓުމުންނެވެ.
މި ހާދިސާގައި ކަންބޮޑުވުން އިތުރުވެގެން ދިޔައީ، ތާށިވި ފަސިންޖަރުން ސަލާމަތް ކުރުމަށް ފޮނުވި ރެސްކިއު ރޭލަށް ވެސް މައްސަލައެއް ދިމާވެ، އެ ރޭލު ވެސް ހުއްޓުމާ ގުޅިގެންނެވެ. ރޭލުގެ ކަރަންޓު ކެނޑި، އަނދިރީގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުން ފަސިންޖަރުން ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ. ގިނަ ފަސިންޖަރުން ބުނެފައިވަނީ އެ ވަގުތު ކަންތައްތައް މެނޭޖްކުރި ގޮތް ވަރަށް ދަށް ކަމަށާއި، ކަންވަމުންދާ ގޮތުގެ އެކަށީގެންވާ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
ޔޫރޯސްޓާ އިން ވަނީ މި ހާދިސާއާ ގުޅިގެން ފަސިންޖަރުންނަށް ދިމާވި ދަތިތަކަށް މައާފަށް އެދިފައެވެ. ޔޫރޯސްޓާ އަކީ ލަންޑަނާއި، ޕެރިސް، ބްރަސަލްސް އަދި އެމްސްޓަޑަމް ފަދަ ސިޓީތަކާ ދެމެދު ދަތުރުކުރާ ބައިނަލްއަގުވާމީ ރޭލު ހިދުމަތެކެވެ. މި ރޭލު ދަތުރުކުރަނީ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ގުޅުވައިދޭ، ކަނޑު އަޑިން ހަދާފައިވާ 50 ކިލޯމީޓަރުގެ ދިގު ޗެނަލް ޓަނަލް މެދުވެރިކޮށެވެ.
އާންމުކޮށް ވައިގެ މަގުން ދަތުރުކުރުމަށްވުރެ އަވަސް އަދި ފަސޭހަ ހިދުމަތެއްގެ ގޮތުގައި ބެލެވޭ ޔޫރޯސްޓާގެ މި ހާދިސާއާ ގުޅިގެން، ޓަނަލްގެ ތެރޭގައި ދަތުރުކުރާ ރޭލުތަކުގެ ރައްކާތެރިކަމާ މެދު ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ޔޫރޯސްޓާ އިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




