ނަޝީދުގެ އެއްލައްކަ އަކީ ހަގީގީ އަދަދެއްބާ؟

އެމްޑީޕީން އެއްވެސް މެންބަރަކު ވަކިވާން އެދިވަޑައިނުގަންނަވާ ކަމަށާއި، އެ މަނިކުފާނުގެ އަމާޒަކީ އެ ޕާޓީގެ މެންބަރުންގެ އަދަދު 100،000 އަށް އެރުވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު  ވިދާޅުވެއެވެ. ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ރާއްޖޭގެ އެކި ހިސާބުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއެއްގައި ނަޝީދު ވަނީ ޕާޓީގެ މެންބަރުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީން އެންމެ މެންބަރަކު ވަކިވުމަކީ ވެސް އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ.

"އަޅުގަނޑުގެ އަމާޒަކީ، އުއްމީދަކީ 100،000 އަށްވުރެ ގިނަ މެންބަރުން އެމްޑީޕީގައި ބޭތިއްބުން. މި އިންތިޚާބުގެ ތެރޭގައިއާއި އަދި އޭގެ ފަހުން ވެސް، އަޅުގަނޑުމެންގެ މެމްބާޝިޕް މާބޮޑަށް އިތުރުވެގެންދާނެ،" ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު އިތުރަށް ވިދާޅުވީ އެއްވެސް ސަބަބަކާ ހުރެ އެއްވެސް މެންބަރަކު ޕާޓީ ދޫކޮށް ދިއުމަށް ބޭނުންފުޅު ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަން ގެ ދަފުތަރުން ދައްކާ ގޮތުގައި، މި އަހަރު ފެށުނުއިރު އެމްޑީޕީގައި ތިބީ 43,784 މެންބަރުންނެވެ. މިއާ ޚިލާފަށް، މިހާރު ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ އަދަދު ވަނީ 74,048 އަށް އަރާފައެވެ. ޕީއެންސީން ވެސް ވަނީ އެ ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުވުމަށް އަމާޒު ހިފާފައެވެ.

ޕީއެންސީންވެސް ވަނީ ލައްކައަށް މެމްބަރުން އިތުރު ކުރުމަށް އަމާޒު ހިފާފައެވެ.

ރައީސް ނަޝީދަކީ އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ނަމަވެސް، 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި ނާކާމިޔާބުވުމާ ގުޅިގެން ޕާޓީގެ ތެރޭގައި ބޮޑެތި ދެބަސްވުންތަކެއް އުފެދުނެވެ. މި މައްސަލައިގައި ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ވަނީ 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި އާ ޕާޓީއެއް އުފައްދާފައެވެ. އަދި ނަޝީދު ވެސް ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެވަޑައިގަތެވެ.

އެމްޑީޕީން ވަކިވެވަޑައިގެން ހުންނެވި ދުވަސްވަރު އެ ޕާޓީ ރޫޅާލާނެ ކަމަށް ވިދާޅުވި ނަމަވެސް، މިދިޔަ އަހަރުގެ ޖޫން މަހު ނަޝީދު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ރައީސް ޞާލިޙާއި ނަޝީދާ ދެމެދު އުފެދުނު ދެބަސްވުންތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ދެ ބޭފުޅުން ވެސް ވަނީ މީގެ ކުރިން ހާމަކުރައްވާފައެވެ.

ހިއްސާ ކުރައްވާ!