ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއްގަމު މަސް ކެއުމަށްޓަކައި ދުވާލަކު ގާތްގަނޑަކަށް 22 މިލިއަން ޖަނަވާރު ކަތިލާ ކަމަށް އަންދާޒާތަކުން ދައްކައެވެ. އަދި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުންނަކީ ގަވާއިދުން އެއްގަމު މަސްކައި އުޅޭ މީހުންނެވެ.
ދުނިޔޭގެ ހަގީގަތަކީ މިއީ ކަމަށްވާއިރު، ﷲ އަންގަވާފައިވާ ފަދައިން ރަޙުމުކޮށް ޖަނަވާރު ކަތިލާއިރު ރަހުމުކުޑަ ކަމުގެ ތުހުމަތު މުސްލިމުންގެ ބޮލުގައި ކާފަރުން މިއަޅުވަނީ ކޮން ސަބަބަކާ ހެދި ހެއްޔެވެ؟
ދުނިޔޭގެ އާބާދީގެ 26 އިންސައްތައަކީ މުސްލިމުންނެވެ. އެހެން ވީއިރު، "ރަހުމެއް ނެތް" ކަމުގެ ތުހުމަތު މުސްލިމުންނަށް މި އަމާޒު ކުރަނީ ކޮން ގޮތަކަށް ހެއްޔެވެ؟
މުޅި ދުނިޔޭގައި ދުވާލަކު ގާތްގަނޑަކަށް 1 މިލިއަން ޓަނުގެ އެއްގަމު މަސް ބޭނުންކުރެއެވެ. އޭގެ ތެރެއިން މުސްލިމުން ބޭނުން ކުރަނީ މުޅި އިންސާނިއްޔަތުގެ އެންމެން ބޭނުން ކުރާ މިންވަރުގެ އެއްބައި ކަމުގައި ވީއިރުވެސް މުސްލިމުންނާ ދިމާއަށް މިވެރިން އިނގިލި މި ދިއްކުރަނީ ކީއްވެގެން ހެއްޔެވެ؟
ރާއްޖޭގެ ބާޒާރުގައި ގެރިމަސް ކަމަށް ބުނެ އަރަބި ނަމެއްގައި ބަންދު ކޮށްފައި ހުންނަ ހުރިހަިއ އެއްގަމު މަހަކީ އިންޑިއާއިން އަންނަ މަހެވެ. އެ މަސް ބަންދުކޮށް އެކްސްޕޯޓު ކޮށްފައިވާ ކުންފުންޏަކީ މުސްލިމެއްގެ ކުންފުންޏެއް ނޫނެވެ، އެއީ ހިންދީއެއްގެ ކުންފުންޏެކެވެ. އިންޑިއާއަކީ އެންމެ ގިނައިން އެއްގަމު މަސް އެކްސްޕޯޓު ކުރާ ގައުމެވެ.
މުސްލިމަކު އެއްގަމު މަސް، ކުކުޅު ނުވަތަ ކަނޑުމަސް ކައިފާނެއެވެ. ނުވަތަ އެ ހުރިހާ އެއްޗެއް ދޫކޮށްވެސް ލަފާނެއެވެ. އިސްލާމްދީނުގައި މުސްލިމަކު އެއްގަމު މަހައި ކަނޑު މަސް ކެއުން ލާޒިމުކުރާ އެއްވެސް ނައްސެއް ނެތެވެ. އަދި މުސްލިމަކު ބޭނުންނަމަ ވެޖިޓޭރިއަން އަކަށް ވުމަކަށްވެސް ހުރަހެއް ނެތެވެ. ހަލާލު މަސް ކެއުމަކީ ހުއްދަ ކަމެކެވެ. ނުކައި ހުރުމަކީވެސް ހުއްދަ ކަމެކެވެ. އަދި ކޮންމެ ހާލެއްގައިވެސް ޖަނަވާރުންނަށް އޯގާތެރިވުމަކީ ލާޒިމު ކަމެކެވެ.
އުޟްހިޔާ ކަތިލުމަކީ އަހަރަކު އެއްފަހަރު މުސްލިމުން ކުރާ އަޅުކަމެކެވެ. އެއީ ހަމައެކަނި "ކެއުމަށްޓަކައި" ކުރާ ކަމެއް ނޫނެވެ. އެއީ ފަގީރުންނަށް ކާންބޯން ދިނުމަށްޓަކައި ކުރާ ކަމެކެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ:
وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ ﴿36﴾
ތިޔަބައިމީހުންނަށްޓަކައި، ޖަމަލުވެސް ﷲގެ ޝަޢާއިރުތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި ސުއާލު ކުރާ ފަޤީރުންނާއި، ސުއާލު ނުކުރާ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި ޚިދުމަތްތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރު ކުރުމަށްޓަކައެވެ. (އަލްޙައްޖު)
ވީއިރު، ފަގީރުންނަށް ކާންދީ، ބޭނުންޖެހިފައިވާ މީހުންގެ ބަނޑުހައިހޫނުކަން ފިލުވައިދޭ އަޅުކަމެއްގައި "ރަހުމުކުޑަކަން" އޮތީ ކޮންތާކު ހެއްޔެވެ؟ އަދި ދުނިޔޭގައި ދުވާލަކު ކަތިލެވޭ 22 މިލިއަން ޖަނަވާރާ އަޅާބަލާއިރު، "އަހަރަކު އެއްފަހަރު" ކުރެވޭ މި މިއަޅުކަމުގައި އެ ބުނާ އަނިޔާވެރިކަމުގެ ނިސްބަތަކީ ކޮބައިހެއްޔެވެ؟
އެހެންނަމަވެސް…
ދުވާލަކު މިލިއަނުން ޖަނަވާރު ކަތިލާ ބައިނަލްއަގުވާމީ ކުންފުނިތަކަކީ "ރަހުމެއް ނެތް" ބައެއް ކަމަކަށް ނުބުނެވެއެވެ. މެކްޑޮނަލްޑާއި އެފަދަ އެހެން ކުންފުނިތަކަށާއި އެމެރިކާއާއި އޮސްޓްރޭލިއާއާއި ހުޅަނގުގެ ކުންފުނިތަކަށް އެ ފަދަ ލޭބަލެއް އަޅުވާފައެއް ނުވެއެވެ.
އަދި މުޅި އަހަރު ދުވަހު އެއްގަމު މަސް ބޭނުންކުރާ ގައުމުތަކަކީ "ރަހުމުކުޑަ" ބައެއް ކަމަކަށްވެސް ނުބުނެވެއެވެ.
އެކަމަކު އުޟްހިޔާގެ މޫސުން އައުމުން، ހަމައެކަނި މުސްލިމުންނަށް ހަމަލާދޭ ބަޔަކު ފާޅުވެއެވެ. މުސްލިމުންނަކީ އެއްގަމު މަސް ބޭނުންކުރާ މީހުންގެ ކުޑަ މިންވަރަކަށް ވެފައި، އަދި މުސްލިމުން ކަތިލަނީ ހަމައެކަނި އެއް މޫސުމެއްގައި، ސާފު ދީނީ މަގްސަދެއްގައި ކަމަށް ވާއިރުވެސް މެއެވެ. އެއީ އަޅުކަން ކުރުމާއި، ސަދަގާތް ދިނުމާއި، އިހުސާންތެރިވުމަށް ކުރާ ކަމަކަށް ވާއިރުވެސް މެއެވެ.
މުސްލިމުންނަށް ޖަނަވާރު ކަތިލުމަށްވެސް ޚާއްސަ އިރުޝާދުތަކެއް ދެއްވާފައި ވެއެވެ. އިސްވެދިޔަ އާޔަތުގައިވެސް އެވާހަކަ ހިމެނެއެވެ.
- އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް ﷲގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ!
- ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ!
- އަދި އެއަށްއެދި ސުއާލު ކުރާ ފަޤީރުންނާއި، ސުއާލު ނުކުރާ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ!
- އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންރަސްކަލާނގެ އެތަކެތި ޚިދުމަތްތެރިކުރެއްވީމެވެ.
މުސްލިމަކު އެއްގަމު މަސް ކާތީ އޭނާއަކީ "ރަހުމުކުޑަ" މީހެއް ކަމަށް ބުނުމަކީ ބޮޑު އޮޅުވާލުމެކެވެ.
ކެއުމަކީ މީހެއްގެ ރަހުމު ކުޑަކަމާއި ބޭރަހުމީގެ މިންގަނޑެއް ނޫނެވެ. ހަގީގީ ރަހުމުވެރި އޯގާތެރިކަމަން ފެންނަނީ ނިޔަތުންނާއި، ޖަނަވާރުންނަށް އޯގާތެރިވުމުންނާއި، ކަތިލާ ގޮތުންނާއި، ބޭނުންޖެހިފައިވާ މީހުންނަށް ކާންދިނުމުންނެވެ.
މުސްލިމުންނަށް އަމުރުވެވިގެންވަނީ އޯގާތެރި ވުމަށެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްކުރައްވާފައިވެއެވެ:
الرَّاحِمونَ يرحَمُهم الرَّحمنُ تبارَك وتعالى؛ ارحَموا مَن في الأرضِ يرحَمْكم مَن في السَّماءِ. أخرجه أبو داود
ރަޙުމްކުރާ މީހުންނަށް، ބަރަކާތްތެރިވެވޮޑިގެންވާ މަތިވެރި ރަޙުމާންވަންތަ ރަސްކަލާނގެ ރަޙުމްކުރައްވާނެއެވެ. ތިޔަބައިމީހުން ބިމުގައިވާހާ ބަޔަކަށް ރަޙުމްކުރާށެވެ. އޭރުން އުޑުގައިވާ ފަރާތް (ﷲ ތަޢާލާ) ތިޔަބައިމީހުންނަށް ރަޙުމްކުރައްވާނެއެވެ.
ވީއިރު، ޖަނަވާރަށް އޯގާތެރިވުމަކީ ދީނާއި، އުޅުމާއި، އަދި އަޅުކަމެއް ކަމުގައި ހަދާފައިވާ ބަޔަކަށް، ރަހުމުކުޑަ ބަޔެއް ކަމުގެ ތުހުމަތު ކުރެވޭނީ ކިހިނެއް ހެއްޔެވެ؟






