އަންދަލުސް ފަތަހަކުރުމުގެ މުހިންމު ތަޅުދަނޑިއެއްގެ ގޮތުގައި ބެލެވޭ މަރްޔޯކާ ޖަޒީރާއަކީ އިސްލާމީ ތާރީޚާ ނުހަނު ބޮޑަށް ގުޅިފައިވާ ތަނެކެވެ. މުސްލިމް ކޮމާންޑަރު މޫސާ ބިން ނުޞައިރުގެ އަމުރުފުޅަށް އަންދަލުސް ފަތަހަކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، މަޣުރިބު ކަރައިން އަންދަލުސްއަށް ދިޔަ ބަނީ ސާލިމް ގަބީލާގެ މީހުން މި ޖަޒީރާގެ ބަނީ އަލީ އަދި ވަދީ މޫސާ ފަދަ އަވަށްތަކުގައި ވަޒަންވެރިވިއެވެ.
އިސްލާމީ އާސާރުތަކާއި ދަނޑުވެރިކަމުގެ ނިޒާމު
މަރްޔޯކާގެ އަވަށްތަކުން މިއަދުވެސް ފެންނަން ހުރީ މީގެ އެތައް ގަރުނެއް ކުރިން މުސްލިމުން އެތަންތަން ދޫކޮށްފައި ދިޔަ ގޮތަށެވެ. މުސްލިމް ދަނޑުވެރިން ފަރުބަދަތައް މުއްސަނދި ދަނޑުބިންތަކަށް ބަދަލުކޮށް، ފެން ދޭން ބޭނުންކުރި ޚާއްޞަ ނިޒާމުތައް އަދިވެސް ފެންނަން އެބަހުއްޓެވެ. ފަރުބަދަތަކުން އަންނަ ފެން ޖަމާކޮށް، ދަނޑުތަކަށް ފެން ފޮނުވުމަށް ބޭނުންކުރި ކުދި ކަލާސީތަކަށް މިއަދުވެސް ކިޔަނީ "އައްސަހްރީކު" އެވެ.
އިސްލާމީ ސަގާފަތުގެ ދިރިހުރި ހެކިތައް
މަރްޔޯކާގެ ޖަޒީރާގެ ބަނީ އަރީސް އަދި ބަނީ އައްގާލް ފަދަ އަވަށްތަކުގައި ހުރި މިސްކިތްތަކާއި، މުންނާރުތަކާއި، އަދި އަންދަލުސްގެ ދުވަސްވަރުގެ ގޭބިސީތައް ހުރިގޮތަށް މިހާތަނަށް އެއްވެސް ބަދަލެއް ނައިސް އެ ގޮތުގައި ބެހެއްޓިފައި ވެއެވެ. މި ސަރަހައްދުތަކުން ފެނިފައިވާ ދީނާރުތަކުގައި "ލާއިލާހަ އިލްލަﷲ މުޙައްމަދުއް ރަސޫލުﷲ" ގެ ސިއްކަ ޖަހާފައިވާއިރު، އެ ފައިސާ ފޮތިތަކަކީ މަރްޔޯކާގެ ސިއްކަގެއަކުން އުފައްދާފައިވާ ފައިސާކަން އެނގެން އޮވެއެވެ. މީގެ އިތުރުން، އެއްހާސް އަހަރަށްވުރެ ގިނަ ދުވަސްވީ އަރަބި ހަމާމްތަކާއި، ޒައިތޫނި ތެޔޮ ހާނާ މެޝިންތަކުގެ ފާރުތަކުގައި "އަލްޢިއްޒަތު ލިﷲ" އަދި "އަލްމުލްކު ލިﷲ" ފަދަ ލިޔުންތައް ކަނޑާނެގިފައިވެއެވެ.
މަރްޔޯކާގައި މުސްލިމުންގެ ބާރު ކެނޑިގެންދިޔައީ ބަނީ އައްބާދު ގަބީލާގެ ވާލީއަކު މުސްލިމުންނަށްވީ ޚިޔާނާތެއްގެ ސަބަބުންނެވެ. މީގެ ސަބަބުން ނަޞާރާއިންގެ އަތްދަށަށް މި ޖަޒީރާ ދިޔައެވެ. މި ޖަޒީރާގެ ފަރުބަދަމަތީ އަވަށްތަކުގައި އެންމެ ފަހުން ބަންގީގެ އަޑު އިވުނު މިސްކިތްތައް ފަހުން ވަނީ ފައްޅިތަކަށް ބަދަލުކުރެވިފައެވެ. ތިންސަތޭކަ އަހަރުގެ ފަޚުރުވެރި އިސްލާމީ ތާރީޚަކަށްފަހު، މަރްޔޯކާގައި މުސްލިމުންގެ ވުޖޫދު މިގޮތަށް ނިމުމަކަށް އައެވެ.






