ޖަރުމަނުގެ ހައިޑެލްބާގަށް ނިސްބަތްވާ ޒުވާނެއް ކަމަށްވާ "ޢަބްދުލްމާލިކް"، ނަފްސާނީ އިލްމާއި ސައިންޓިފިކް ހޯދުންތަކުގެ އަލީގައި އިސްލާމްދީން ގަބޫލުކޮށްފިއެވެ. ނަސާރާ އާއިލާއަކަށް އުފަންވި މި ޒުވާނާ އިސްލާމްވީ، އޭނާ ކިޔެވި ނަފްސާނީ އިލްމުގެ ތިއަރީތަކާއި ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅުތަކާ ހުރި އެއްގޮތްކަން ފެނި، އެއީ އިންސާނެއްގެ އަމިއްލަ ބުއްދިން އުފެއްދޭނެ ފަދަ އިލްމެއް ނޫންކަން ގަބޫލުކުރެވުމުންނެވެ.
ޒުވާން ދުވަސްވަރު ދީނާ ދުރުވެ، ކަނޑައެޅިގެން ކަލަކު ވޮޑިގެންނުވާކަމަށް ގަބޫލުކޮށް ލާދީނީ މީހެއްގެ ގޮތުގައި އުޅުނު ޢަބްދުލްމާލިކްގެ ވިސްނުން ބަދަލުވާން ފެށީ އޭނާގެ ތުރުކީ ރަހުމަތްތެރިޔާ "ބުރާގް"ގެ ފަރާތުން އިސްލާމްދީނުގެ އަހުލާގާއި ހަދީޘްތައް އެނގުމުންނެވެ. ހާއްސަކޮށް، ހުޅަނގުގެ މުޖުތަމައުގައި އާއިލީ ގުޅުންތައް ކެނޑެމުންދިޔަ ދަނޑިވަޅުގައި، އިސްލާމްދީނުގައި އާއިލާއަށާއި ކައިވެންޏަށް ދީފައިވާ އަހައްމިއްޔަތު ފެނި އޭނާ އެކަމަށް ވަރަށް ބޮޑަށް ޝައުގުވެރިވިއެވެ.
ސައިގްމަންޑް ފްރޮއިޑްގެ ތިއަރީއާއި ނަބަވީ އިރުޝާދު
ޢަބްދުލްމާލިކްގެ ކިބައިގައި ހުރި ކާފިރުކަމުގެ ބޮޑާކަން ފުނޑުފުނޑުވެގެން ދިޔަ ފަލްސަފާވީ ބަދަލަކީ ނަފްސާނީ އިލްމުގެ ތެރެއިން އައި ބަދަލެކެވެ. އޭނާ ދިރިއުޅުނު މާހައުލުގެ ސަބަބުން، ޒަމާނީ ނަފްސާނީ އިލްމުގެ ބާނީ ސިގްމަންޑް ފްރޮއިޑްގެ ތިއަރީތަކާއި، އިންސާނާގެ ނަފްސު އެކުލެވިގެންވާ ގޮތުގެ މައްޗަށް އޭނާ ހުށަހެޅި ނަޒަރިއްޔާތާ ބެހޭގޮތުން ޢަބްދުލްމާލިކަށް ވަނީ މައުލޫމާތު ލިބިފައެވެ.
ނަބަވީ ހަދީޘްތަކުގެ ތެރެއަށް އޭނާ ފުންކޮށް ފީނައި ގަނެ، ދިރާސާކުރިއިރު، ފްރޮއިޑްގެ ހޯދުންތަކާއި އިސްލާމްދީނުގައި ބަޔާންކޮށްފައިވާ (ބުއްދި، ނަފްސު، ހިތް، އަދި ފުރާނަ) އާ ދެމެދު ހައިރާންކުރުވަނިވި އެއްގޮތްކަމެއް ހުރިކަން އޭނާއަށް ފާހަގަކުރެވުނެވެ.
އެގޮތުން 'އިޑް' އަކީ އިންސާނާގެ ޣަރީޒާތައް ނުވަތަ ޤުރުއާންގައި ބަޔާންކޮށްފައިވާ 'ނަފްސުލް އައްމާރާ' ކަމާއި، އަދި 'ސުޕަރ-އީގޯ' އަކީ މާހައުލުގެ ނުފޫޒުން އުފެދޭ އަޚްލާޤީ ފާރަވެރިޔާ ނުވަތަ ހިތުގެ އިޞްލާޙުވުމާއި ކިލަނބުވުން ކަމުގައި އޭނާއަށް ވިސްނުނެވެ.
މި ހިސާބުން ޢަބްދުލްމާލިކްގެ ކުރިމަތީގައި ސާފު އަޅާކިޔުމެއް ފާޅުވިއެވެ. އެއީ، ސިގްމަންޑް ފްރޮއިޑަކީ އޭނާގެ މުޅި އުމުރު އެތައް ހާސް ނަފްސާނީ ބަލި މީހުން ބަލައި އެމީހުން ދިރާސާކޮށް މި ދާއިރާއަށް ހުސްވެގަތް މީހެކެވެ. އަދި ލިޔުންތައް ލިޔެ ތިއަރީތައް އެކުލަވާލައި ދިރާސާކުރުމުގައި ކަސިޔާރުވެ، ގޯސްތައް ހަދަމުން މަސައްކަތް ކުރިއެވެ. އަދި ފަހުން އޭނާގެ ދަރިފުޅު އެތިއަރީތަކަށް އިސްލާހުތައް ގެނެސް، ގަރުނެއްހާ ދުވަހުގެ ދިރާސާއަށްފަހު އެ މައުލޫމާތު އަލުން ދުނިޔެއަށް ދެއްކިއެވެ.
ނަމަވެސް، ބަނިއްޔާ މުހައްމަދު ﷺ އަކީ މީގެ 1400 އަހަރު ކުރިން ސަހަރާއެއްގައި އުޅުއްވި ބޭކަލެއް ކަމާއި، ނަފްސާނީ އިލްމު ކިޔަވައި ވިދާޅުނުވާ، އަދި އެފަދަ ކްލިނިކެއް ނުވަތަ ބަލިމީހުންތަކެއް ބެއްލެވި ބޭކަލެއް ނޫން ކަމުން ނަބަވީ އިރުޝާދުތަކުގައި ހުރި ނަފްސާނީ އިލްމުން އަބްދުލްމާލިކުއަށް އަސަރު ކުރިއެވެ. އެކަލޭގެފާނު ވިދާޅުވި ބަސްފުޅުތަކަށް އެއްވެސް އިސްލާހެއް ބޭނުމެއް ނުވިއެވެ. އެ ބަސްފުޅުތައް ޒަމާނީ ސައިންސުގެ ހޯދުންތަކާ މުޅިން އެއްގޮތްވެފައި ސައްހަކަމަށް ކަށަވަރު ވެއެވެ.
މި ހަގީގަތަކީ އަބްދުލްމާލިކުގެ ލާދީނީ އިލްޙާދީ ފިކުރަށް ލިބުނު ބޮޑު ޝޮކެއްގެ ގޮތުގައި ސިފަކުރެއެވެ. އޭނާ އަމިއްލަ ނަފްސަށް ބުންޏެވެ. "ތިމާއަކީ ވަރަށް ބުއްދިވެރި މީހެއް ކަމަށް ހީކުރެވިދާނެއެވެ. ނަމަވެސް ކަލަކު ވޮޑިގެންނުވާކަމަށް ބުނާ ބުނުމުގައި ތިމާއަށް ގޯހެއް ހެދިފައިވާނަމަ، ތިމާއަށްވުރެ މޮޔަ މީހަކު ދުނިޔޭގައި ނުހުންނާނެއެވެ." އެހެންކަމުން، އޭނާގެ ވިސްނުން އަލުން މުރާޖައާކުރަން މަޖުބޫރުވިއެވެ.
ތައުހީދުގެ މަގު އިހުތިޔާރުކުރުން
ޢަބްދުލްމާލިކް އޭނާގެ މައިންބަފައިންނާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ވާހަކަދައްކަން ފެށީ އޭނާ އިސްލާމް ދީނާ ގަޔާވާކަން ހާމަނުކޮށެވެ. އެއްދުވަހަކު ބައްޕައާ ކުރެވުނު ބަހުސެއްގައި، އިލާހީ ހިދާޔަތަށް އެދި އިޚްލާޞްތެރިކަމާއެކު ދުޢާކުރުމަށް ނަޞޭޙަތްތެރިވަމުން، އިންޖީލުގައިވާ ބަހެއް އޭނާގެ ބައްޕަ ފާހަގަކުރިއެވެ. އެއީ "އެދޭ މީހަކަށް އިލާހު ދެއްވާނެ ކަމަށާއި، ހޯދަން އުޅޭ މީހަކަށް ފެންނާނެ ކަމަށާއި، ޓަކިޖަހާ މީހަކަށް ދޮރު ހުޅުވޭނެ" ކަމަށް ބުނާ ބަހެކެވެ.
މިކަމާ މެދު ވިސްނާފައި، ޢަބްދުލްމާލިކް އިމްތިހާނެއް ކުރަން ނިންމިއެވެ. އެއީ އެއްފަހަރު އީސާގެފާނަށް އަދި އަނެއްފަހަރު ޚާލިޤުވަންތަ އިލާހަށް ދުޢާކޮށް، އިޖާބަދެއްވަނީ ކޮން ފަރާތަކުންތޯ ބެލުމެވެ. ނަމަވެސް، އިސްލާމްދީނާއި ނަޞާރާދީނާ ދެމެދުގައިވާ އެންމެ ބޮޑު ތަފާތަކީ ތައުޙީދުކަން އޭނާއަށް ވިސްނުނެވެ. އަދި އޭނާގެ މައިންބަފައިންގެ ކުރިމަތީގައި 'ރައްކާތެރި ގޮތަކީ' ކޮބައިކަން ބަޔާންކޮށްދިނެވެ. އޭނާ ބުނި ގޮތުގައި، ޤިޔާމަތް ދުވަހު މުސްލިމެއްގެ ގޮތުގައި ﷲ ގެ ކުރިމައްޗަށް ހުށަހެޅޭއިރު، އެކަލާނގެއަށް އެއްވެސް ފަރާތެއް ޝަރީކުނުކޮށް ހުރުމަކީ އެންމެ އަމާން ގޮތެވެ. ނަމަވެސް ނަޞާރާއިން އީސާގެފާނަށް އަޅުކަންކޮށްގެން އެ ނަގަނީ ބޮޑު ރިސްކެކެވެ. ހަމައެކަނި ﷲ އަށް އަޅުކަންކުރުމުން އެކަލާނގެ އަޒާބެއް ނުދެއްވާނެކަން އޭނާއަށް ޔަޤީންވިއެވެ.
އެއަށްފަހު ޢަބްދުލްމާލިކް ފުރަތަމަ ފަހަރަށް ވުޟޫކޮށްގެން ޚާލިޤުވަންތަ އިލާހުގެ ރުއްސެވުމައި ފުއްސެވުމަށް އެދިގެން 2 ރަކުޢަތް ނަމާދެއް ކުރިއެވެ. މިއީ އޭނާގެ ހަޔާތަށް އައި ބޮޑު ބަދަލެވެ. އޭގެ ދުވަސްކޮޅެއް ފަހުން، ނަޞާރާދީނަށް ދަޢުވަތުދޭ މީހަކު އޭނާގެ ދޮރުގައި ޓަކިޖެހުމުން، އޭނާ ވަރަށް ސާބިތުކަމާއެކު 'އަހަރެންނަކީ މުސްލިމެއް' ކަމަށް ބުނެ ޖަވާބުދިނެވެ.
އޭނާ އިސްލާމްވިކަން އަމިއްލައަށް އިޢުލާން ނުކޮށް، ފުރަތަމަ ނަމާދުކޮށް އުޅުނީ ސިއްރިއްޔާތުގައެވެ. ސްކޫލް ކައިރީގައި އޮންނަ ޖަންގަލި ތެރެއަށް ގޮސް އޭނާ ނަމާދުކުރެއެވެ.
އޭނާ އިސްލާމްވެއްޖެނަމަ އާއިލާއިން ބޭރުކުރާނެ ކަމަށް މަންމަ ކުރިން ބުނި ނަމަވެސް، ޢަބްދުލްމާލިކްގެ ސާބިތުކަމާއި އަޚްލާޤަށް އައި ހެޔޮ ބަދަލު ފެނުމުން، މަންމަ އޭނާގެ ނިންމުމަށް އިޙްތިރާމްކުރިއެވެ. އަދި އޭނާއަށް އެއްބާރުލުން ދިނުމުގެ ގޮތުން ގޭގައި އޫރުމަސް ކެއްކުންވެސް އެހިސާބުން މަންމަ ހުއްޓާލިއެވެ.
ޢަބްދުލްމާލިކް މިހާރު ވަނީ ކައިވެނިކޮށް، އޭނާ އުންމީދުކުރި ފަދަ އުފާވެރި އިސްލާމީ އާއިލާއެއް ބިނާކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އިސްލާމްވުމަކީ ދީން ބަދަލުކުރުމެއް ނޫނެވެ. އެއީ އިންސާނާގެ ފިތުރަތަށް ނުވަތަ އަސްލު އަމާޒަށް ރުޖޫއަވުމެވެ.
އަބްދުލްމާލިކު 37އ. އިސްލާމް ވީ 2009 ގައެވެ. އޭނާއަކީ ޖަރުމަންވިލާތުގައި އިސްލާމީ ދަޢުވާގައި ފާހަގަ ކުރެވޭ މުހިންމު ނަމެކެވެ. އޭނާގެ ކުރީގެ ނަމަކީ Dennis Rathkamp އެވެ.






